ދިވެހި ޙައްޖާޖީންގެ އެންމެ ފަހު ގުރޫޕާ ރައީސް ބައްދަލުކުރައްވައި އަލްވަދާއު ވިދާޅުވެއްޖެ

ރާއްޖެއިން ހައްޖަށް ފުރި އެންމެފަހު ގްރޫޕާއި ރައީސް ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޓަކައި ރާއްޖެއިން ހައްޖަށް ފުރާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕުގައި ހިމެނޭ ފަރާތްތަކާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި އަލްވަދާއު ވިދާޅުވެއްޖެއެވެ.

ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ސައުދީ އެއާލައިނުން މިރޭ ފުރި 115 ޙައްޖާޖީންނާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވައި ރައީސް ވަނީ އެބޭފުޅުންގެ ޙާލު ބައްލަވައިލައްވާފައެވެ.

ރައީސް ވަނީ ދިވެހި ޙައްޖާޖީންގެ ކަންކަން ޚާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާނެކަން ފާހަގަކުރައްވައި ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގަންނަވާފައެވެ.

ޙައްޖާޖީންނާ ރައީސް ބައްދަލުކުރެއްވިއިރު އެމަނިކުފާނު އަރިހުގައި، މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނީ މިމަހުގެ އަށް ވަނަ ދުވަހެވެ.

ސައުދީ އަރަބިއާގެ މައްކާގައި ޤާއިމްކޮށްފައިވާ ރާއްޖޭގެ ޙައްޖު މިޝަނުން ބުނީ މިހާތަނަށް ހައްޖަށް ގޮސްތިބި ދިވެހި ޙައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

comment ކޮމެންޓް