އުދައަރާ، ގެންލުން ލިބުނު ފަރާތްތަކަށް ސަރުކާރުން އެހީވާނެ ކަމަށް ޔަގީން ކުރަން: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ރަށްރަށަށް އިއްޔެއިން ފަށިގެން އުދައަރާ ގެންލުން ލިބެމުން އަންނަ ފަރާތްތަކަށް ކަމާބެހޭ ފަރާތްތަކުން އަވަސްގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ރާއްޖެއަށް މިދުވަސްވަރު ކުރަމުން މި އަންނަ ވިއްސާރާގައި ބައެއް ރަށްރަށަށް އުދައިގެ ސަބަބުން ބޮޑެތި ގެންލުންތަކެއް ލިބެމުން އަންނައިރު، ޑިޒާސްޓާ މެނޭޖްމަންޓާއި ކައުންސިލްތަކާ އަދި ފުލުހުންގެ ގުޅިގެން ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އުދައިގެ ސަބަބުން ގެންލުންތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް ލިބެމުން އަންނަ ހިތާމައިގައި އެ ޕާޓީން ވެސް ބައިވެރިކަން ހާމަކޮށް ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ވަގުތަކީ ހުރިހާ ފަރާތްތަކުން ވެސް އެއްބައިވަންތަކަމާއެކު، ގެއްލުން ލިބުނު ފަރާތްތަކުގެ ހާލުއަހުވާލު ބަލައި ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ އެންމެހާ ކަންކަމަށް ހިތްވަރުދީ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

"މިހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ގޮތެއްގައި ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް މި ޕާޓީން ޔަގީން ކުރަން،" ޖޭޕީގެ ބަޔާނުގައިވެއެވެ.

މި ދުވަސްވަރަކީ ސުކޫލް ޗުއްޓީ ދުވަސްވަރަށް ވުމާއިއެކު، ދަތުރުކުރާ ފަރާތްތަކުން ވެސް ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ޢަމަލު ކުރަމުން ގެންދިއުމަށް ޖޭޕީގެ ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް