ރާއްޖޭގެ ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލް އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ތިން ފަރާތެއް އިންތިޚާބު ކޮށްފިއެވެ.
ބާ ކައުންސިލުން ބުނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް 844 އާންމު މެންބަރުން ރެޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރެއިން ވޯޓުގައި ބައިވެރިވެފައިވަނީ 402 މީހުން ކަމަށެވެ.
ނަތީޖާގައިވާ ގޮތުގެ މަތިން ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް އިންޚާބުވެފައި ވަނީ ޢަލީ ޢަބްދުއްލަޠީފާއި ދީނާ ޙުސައިންގެ އިތުރުން ޢާއިޝަތު މުނީޒާއެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ތިން މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ މިއަދު ވަނީ އިއުލާނު ކޮށްފައެވެ.
މި ނަތީޖާއިން ދައްކާ ގޮތުގައި އެ ތިން ފަރާތުގެ ތެރެއިން ޢަލީ ޢަބްދުއްލަތީފަށް 234 ވޯޓު ލިބިފައިވާއިރު، ދީނާ ޙުސައިނަށް 241 ވޯޓު، އަދި ޢާއިޝަތު މުނީޒާއަށް 171 ވޯޓު ލިބިފައިވެއެވެ.