މި އަހަރު ރާއްޖެއިން ޙައްޖަށްދާ އެންމެ ފަހު ގްރޫޕް މިރޭ ފުރާނެ!

ރާއްޖެއިން ޙައްޖަށް ފުރާ ހައްޖާޖީންގެ ގްރޫޕެއް ފުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޓަކައި ރާއްޖެއިން ހައްޖަށް ފުރާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕް މިރޭ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއާޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން މިރޭ ވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައަޅާފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް މީހުން ތިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ހުރިހާ ބަހެއްގެ ދަތުރުތައް ވެސް ފަށާނީ މިރޭ 7:00ގައި ކަމަށެވެ.

"ޙައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެ ގޮތަށް ފުލުހުން ޓްރެފިކް ބަލަހައްޓާނެ. ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއާޕޯޓްތެރެއިން ވެސް ކަމާގުޅޭ މުއައްސަސާތަކުން ދާނީ އެހީތެރިކަން ފޯރުކޮށްދެމުން،" މިނިސްޓްރީން ބުންޏެވެ.

ރާއްޖޭ ގަޑިން މިރޭ 11:30ގައި ފުރަން ހަމަޖައްސާފައިވާ އެންމެ ފަހު ފްލައިޓުން 115 ޙައްޖާޖީން ފުރާނެއެވެ.

ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 452 ޖާގައެވެ. މި ޖާގަތައް އެެއްކޮށް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ. މީގެ ތެރެއިން 352 ޖާގަ، އެ ކޯޕަރޭޝަންގެ ކިޔުގައި ތިބި މީހުންނަށް ޚާއްސަކުރިއިރު، ބާކީ 100 ޖާގައަށް މީހުން ހޮވީ އައްމުކޮށް ހުޅުވައިލައިގެންނެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނީ މިމަހުގެ އަށް ވަނަ ދުވަހެވެ.

comment ކޮމެންޓް