ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022 ފަށައިފިއެވެ.
މިއަދު ހަވީރު އެ މުބާރާތް ފައްޓަވައިދެއްވީ އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާގެއްގައި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދަވެ.
އެ މުބާރާތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ ޤައުމުގެ ކުރިމަގަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
ސިޔާމް ވިދާޅުވީ ރާއްޖެއަކީ މިހާރު ނިސްބަތުން ފުޓްސަލް ދަނޑު ގިނަ ޤައުމެއްކަމަށެވެ. އެހެންނަމަވެސް އެންމެ އެކަށޭނެގޮތަކަށް އެ ދަނޑުތައް ބޭނުންކުރެވޭނެ ގޮތެއް އަދި ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު" ފެށުމުގެ ރަސްމިއްޔާތުގައި ސިޔާމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"ރާއްޖޭގައި ފުޓްސަލް ދަނޑުތައް ކިތަންމެ ގިނަ ނަމަވެސް އަދި އެ ދަނޑުތައް އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރެވޭ މަންޒަރެއް ނުފެނޭ،" ސިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ޤާއިމްކޮށްފައިހުރި ކުޅިވަރު ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުހިފުމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ފެންވަރު ދުވަހަކަށް ވުރެ ދުވަހެއް ދަށަށް ދާތަން ފެންނަކަމަށެވެ.
ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ކުޅިވަރުގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށް ފަހު އެ ހަލާތުން އަރައިގަތްފަހުން ފެންވަރު ރަނގަޅު ގިނަ މުބާރާތްތަކެއް ބޭއްވިފައި ނުވާކަމަށް ވެސް ސިޔާމް ފާހަގަކުރެއްވިއެވެ.
"މިހާރު ތިން އަހަރު މިވަނީ މި ނ. އަތޮޅުގައި ވެސް އަތޮޅު ފެންވަރުގެ މުބާރާތެއް ނުބޭއްވޭތާ. އަޅުގަނޑުމެން އެބަޖެހޭ ޒުވާނުންނަށް މިކަހަލަ މުބާރާތްތައް ބާއްވައިދޭން،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމްގެ ވާހަކަ ނިންމާލެއްވީ ނ. އަތޮޅުގެ ކުޅިވަރު ކުޅޭ ޒުވާނުންނަށް ދިން އުފާވެރި ޚަބަރަކާއެކުގައެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިމަތީގައި މިއޮއް ބޮޑު ފުޓުބޯޅަ ދަނޑުގައި ޓާފުއަޅައި ނިމުމާއެކު އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޮޑު މުބާރާތެއް ބާއްވާނަން،" ސިޔާމް ވިދާޅުވިއެވެ.
ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022ގައި ފިރިހެން ހަތް ޓީމު ބައިވެރިވެފައިވާއިރު އަންހެން ޑިވިޝަންގައި 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި ފަސް ރަށަކުން 16 އަހަރުން ދަށުގެ ފަސް ޓީމު ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ.