ރަޝިއާގައި ޔޫރަޕަށް ލިބިފައިއޮތް ބޮޑު ބާޒާރު ގެއްލި އެކަމުގެ ފައިދާ ޗައިނާއާއި އިންޑިއާ ނަގަނީ

ރަޝިއާ، ޗައިނާ އަދި އިންޑިއާގެ އިސްވެރިން

ރަޝިއާގައި ޔޫރަޕްގެ ކުންފުނިތަކުން އަދާކުރަމުން ގެންދިޔަ ދައުރު ޗައިނާއާއި އިންޑިއާ އަދި ބްރިކްސްގައި ހިމެނޭ އެނޫންވެސް ގައުމުތަކުން އަދާކުރަން ތައްޔާރުވާން ވަނީ ފަށާފައެވެ.

ޔުކްރެއިންއާ ދެކޮޅަށް ރަޝިއާފެށި ހަނގުރާމައާއެކު ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކު އެމެރިކާއާއި ޔޫރަޕްގެ ކުންފުނިތައް ވަނީ ރަޝިއާއިން ފައިބާފައެވެ. މިއާއެކު ރަޝިއާގެ ބާޒާރަށް އައިހުސްކަން ފޫބެއްދުމުގެ ފުރުސަތު ޗައިނާއާއި އިންޑިއާ އަދި ބްރިކްސް ޖަމާއަތުގައި ހިމެނޭ ދެކުނުއެފްރިކާއާއި ބްރަޒީލްގެ ކުންފުނިތަކަށް ދޭން ރަޝިއާވަނީ ނިންމާފައެވެ.

ދާދިފަހުން ބޭއްވި ބްރިކްސްގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންވަނީ އިންޑިއާގެ ރީޓެއިލް ކުންފުނިތަކަށާ އަދި އިންޑިއާގައި ރީޓެއިލްކޮށް ތަކެތިވިއްކާ ޗެއިންތަކަށާއި ސްޓޯރުތަކަށް ރަޝިއާގެ ބާޒާރުން ފުރުސަތު ދިނުމާބެހޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ މަޝްވަރާ ކުރައްވާފައެވެ. މީގެކުރިން ރަޝިއާވަނީ މިކަމާބެހޭގޮތުން ޗައިނާއާ މަޝްވަރާ ކޮށްފައެވެ.

ރަޝިއާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ރަޝިއާގެ ބާޒާރުން މިފުރުސަތު ބްރިކްސްގައި ހިމެނޭ އަނެއް ދެގައުމުކަމަށްވާ ބްރަޒީލްއާއި ދެކުނު އެފްރިކާއަށްވެސް ދޭނެއެވެ. އެހެންކަމުން މިކަމާބެހޭގޮތުން އެދެގައުމުގެ ކަމާބެހޭ ފަރާތްތަކާ ރަޝިއާ ސަރުކާރު ގެންދަނީ ވާހަކަ ދައްކަމުންނެވެ.

ރަޝިއާގެ މަސްއޫލުވެރިން ވިދާޅުވާގޮތުން ރަޝިއާގެ ބިޒިނަސް ސާކަލްތަކާއި ބްރިކްސް ގައުމުތަކުގެ ބިޒިނަސް ކޮމިއުނިޓީތަކަ ދެމެދު މުއާމަލާތްތައް ކުރެވޭނެގޮތްތައް ބަލައި ކަނޑައަޅަންޖެހޭ ކަންކަން ކަނޑައަޅުމުގެ ފަންނީ ކަންކަން މިހާރުދަނީ ކުރިއަށެވެ.

ރަޝިއާގެ ބާޒާރުން އިންޑިއާއާއި ޗައިނާ ހިމެނޭގޮތަށް ބްރިކްސްގެ ގައުމުތަކަށް ދޭ ހޯލްސޭލް އަދި ރީޓެއިލް ފުރުސަތުތަކުގެ ތެރޭގައި އެގައުމުތަކުގެ ކާރުފަދަ ވެހިކަލްތަކާއި މެޝިނަރީއާއި ކާބޯތަކެއްތީގެ ބާވަތްތަކާއި ބޭހާއި އެނޫންވެސް ގިނަ އަދަދެއްގެ ތަކެތި ރަޝިއާއަށް އެތެރެކޮށް ވިއްކުމުގެ ފުރުސަތު ހިމެނެއެވެ. މިއީ އެތަށް ބިލިޔަން ޑޮލަރުގެ ވިޔަފާރިއެވެ.

އިގްތިސާދީ ގޮތުން ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރަމުން ދާ ބްރިކްސް ގެ ގައުމުތަކުގެ ލީޑަރުން

މީގެބަދަލުގައި ރަޝިއާގެ ތެލާއި ގޭސް އަދި ރަޝިއާގެ ހަތިޔާރާއި މެޝިނަރީއާއި ޓެކްނޮލޮޖީގެ އުފެއްދުންތަކާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އެގައުމުތަކުގެ ބާޒާރުތަކުންވެސް ފުރުސަތު ދިނުން ހިމެނެއެވެ. ބްރިކްސްގެ ގައުމުތަކާއި ރަޝިއާއާ ދެމެދު ހިންގުމަށް ހަމަޖެހިފައިވާ ވިޔަފާރީގެ މި މުއާމަލާތްތައް ހިންގުމަށް ރޭވިފައިވަނީ ކަރަންސީ ސްވެޕް ހަދައިގެން އެގައުމުތަކުގެ ފައިސާ ބޭނުންކޮށްގެންނެވެ. އެމެރިކާ ޑޮލަރާ ނުލައެވެ.

ބްރިކްސްގެ ގައުމުތަކުގެ ވެރިން ވަނީ އެޖަމާއަތުގައި ހިމެނޭ ރަޝިއާ، ޗައިނާ، އިންޑިއާ، ދެކުނުއެފްރިކާ އަދި ބްރަޒީލް ގެ މެދުގައި މުސްތަގްބަލުގައި އެގައުމުތަކަށް ޚާއްސަ ކޮށްގެން އުފައްދާ ފައިސާއެއް ބޭނުންކުރުމާ ބެހޭގޮތުންވެސް އެންމެ ފަހުން ބޭއްވި އެޖަމާއަތުގެ ސަމިޓްގައި މަޝްވަރާކޮށްފައެވެ. ނަމަވެސް މކަމާބެހޭގޮތުން އަދި އެއްބަސްވުމަކަށް ނާދެވެއެވެ.

ޔުކްރޭން ހަނގުރާމައާއެކު ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ދުނިޔޭގެ ތިންބައިކުޅަ ހަތަރުބައި ގައުމުތަކުންވަނީ ދެކޮޅު ހަދާފައެވެ. ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި ބްރިކްސްގެ ގައުމުތައް ހިމެނެއެވެ. މިކަމުގެ ސަބަބުން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އެމެރިކާ ހީކުރިވަރާ ގާތަށްވެސް ރަޝިއާއަށް ކޮށްފައެއް ނުވެއެވެ.

ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށްފަހު ރަޝިއާ ވަނީ ބާޒާރުގެ އަގަށްވުރެ ހެޔޮކޮށް އިންޑިއާއާއި ޗައިނާއަށް ތެލާއި ގޭސް ފޯރުކޮށްދޭން ފަށާފައެވެ. ނަތީޖާ އެއްގެ ގޮތުން ޗައިނާ އާއި އިންޑިއާއަށް ރަޝިއާގެ ތެޔޮ އެކްސްޕޯޓްކުރާ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ދާއިރާއިންވެސް ޗައިނާއާއި އިންޑިއާގެ އެއްބާރުލުން ކުރިއަށްވުރެ ބޮޑަށް ރަޝިއާއަށް ދަނީ ލިބެމުންނެވެ.

ރަޝިއާ އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ބްރިކްސްގެ ގައުމުތަކަށް ކުރިޔަށްވުރެ ބޮޑަށް އެކްސްޕޯޓްކުރުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ. މީގެއިތުރުން ރަޝިއާގެ އައިޓީ ކުންފުނިތަކުން އިންޑިއާއާއި ދެކުނު އެފްރިކާގައި އެކުންފުނިތަކުގެ ވިޔަފާރިތައް ފުޅާކުރަން ވަނީ ފަށާފައެވެ. އިންޑިއާއަށް ބަލާއިރު އިންޑިއާއިން ވަނީ ރަޝިއާއަށް ބޭނުންވާ ފަންނީ ލޭބަރުންނާއި ފަންނީ ނޫން އާދައިގެ ލޭބަރުންވެސް ރަޝިއާއަށް ފޮނުވުމުގެ ފުރުސަތު ތަނަވަސްވެފައެވެ.

ރަޝިއާއަށް ބޭނުންވާ އެކި ފެންވަރުގެ ލޭބަރުން ފޮނުވުމުގެ ފުރުސަތު ކުރިޔަށްވުރެ ބޮޑަށް މިހާރު އިންޑިއާއަށް ފަހިވެފައިވާއިރު މިއީ އިންޑިއާގެ ގިނަ ބަޔަކަށް ވަޒީފާ ލިބޭކަމެކެވެ. ކުރިން ރަޝިއާގައި އުޅުނު އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ލޭބަރުންނަށްވުރެ އިންޑިއާގެ ލޭބަރުންގެ އަގު ހެޔޮވުމަކީ ރަޝިއާއަށްވެސް އިންތިހާއަށް ފައިދާ ބޮޑުކަމެކެވެ. މިކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭނީ ރަޝިއާއަށް ކުރިން އެންމެ ގިނައިން ލޭބަރުން ފޮނުވަ އިރުމަތީ ޔޫރަޕްގެ ގައުމުތަކަށެވެ. ރަޝިއާއިން ދިޔަ އެގައުމުތަކުގެ ލޭބަރުން މިހާރު ތިބީ ވަޒީފާނެތިއެވެ.

އަނެއްކޮޅުން ރަޝިއާގެ ކޮމިއުނިކޭޝަން ސެޓެލައިޓްތައް ބޭނުންކޮށްގެން ބްރެޒިލް ގެ ކުންފުނިތަކުން ގެންދަނީ އެގައުމުގެ ކަންކޮޅުތަކަށް ޓީވީ ޓެލެކާސްޓިންއާއި ރޭޑިއޯ ބްރޯޑްކާސްޓިން އަދި އެނޫންވެސް ވައިލެސް ކޮމިއުނިކޭޝަންސްގެ ޚިދުމަތްތައް ފުޅާކުރަމުންނެވެ. މިއީ އެ ދެގައުމަށްވެސް ފައިދާ ބޮޑުކަމެކެވެ.

ޔުކްރެއިން ހަނގުރާމައާއެކު ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއަކަށްވީ ރަޝިޔާ ޔޫރަޕާ ދުރަށް ގޮސް އެހެން ގައުމުތަކާ ޚާއްސަކޮށް އޭޝިއާގެ ގައުމުތަކާ ރަޝިއާ ގާތްވުމެވެ. މީގެތެރޭގައި އީރާން އާއި ރަޝިއާގެ އިގްތިސާދީ ގުޅުންތައްވެސް ކުރިޔަށްވުރެ ބޮޑަށް ބަދަހިވުން ހިމެނެއެވެ. ޔުކްރެއިން ހަނގުރާމައާއެކު ރަޝިއާއާއި ދެކުނު އޭޝިއާ އާ ދެމެދު ކެސްޕިޔަން ކަނޑާއި އީރާނުގެ އެއްގަމު މަގު ބޭނުންކޮށްގެން ވަނީ ފުޅާދާއިރާއެއްގައި ވިޔަފާރީގެ ސަޕްލައިތައް ފަށާފައެވެ.

އީރާން މެދުވެރިކޮށް ރަޝިއާއާއި އޭޝިއާގެ ގިނަ ގައުމުތަކެއް ސަޕްލައި ޗެއިން އަކުން ގުޅާލާ ރޮނގުތައް

މިއީ ކުރިން ސްވޭސް ކެނެލް ބޭނުންކޮށްގެން ކުރި ވިޔަފާރިއެކެވެ. ނަމަވެސް ކެސްޕިޔަން ކަނޑު ހުރަސްކޮށް އީރާނުގެ އެއްގަމު މަގުތައް ސަޕްލައި މަގުތަކެއްގެ ގޮތުގައި ބޭނުން ކުރަން ފެށުމުން ސަޕްލައިގެ މަގު ކުރުވެ ޓްރާންސްޕޯޓްގެ އަގުތައްވަނީ ހެޔޮވެފައެވެ.

އީރާނަކީ ގިނަ ގައުމުތަކަކާ ސަރަހައްދީ ގޮތުން ގުޅިފައިވާ ގައުމަކަށްވާތީ ކެސްޕިޔަން ކަނޑު ހުރަސްކޮށް އީރާން ގެ އެއްގަމު މަގުތައް މެދުވެރިކޮށް ރަޝިއާއާއި ތުރުކީއާއި އަފްޣާނިސްތާނާއި ޕާކިސްތާނާއި އިންޑިއާ އަދި އިރާގާއި އަޒަރުބައިޖާން އަދި އާމީނިޔާއާއި ތުރުކުމެނިސްތާން ފަދަ އެތަށް ގައުމަކާއި ރަޝިއާ ދެމެދުވަނީ އެއްގަމު މަގުން ވިޔަފާރީގެ ސަޕްލައި މުއާމަލާތްތައް ކުރަން ފަށާފައެވެ.

ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ޔޫރަޕްގެ ގައުމުތަކާއި އެމެރިކާގެ ވަށައިގެން އެނބުރޭ މަދު ގައުމުތަކެއް ފިޔަވައި އެހެން ގައުމުތަކުން ބޯ ލަނބާފައެއް ނުވެއެވެ. ހުޅަނގުން އުޅެނީ ހުޅަނގަށް ދިމާވާ ކޮންމެ މައްސަލަޔަކީ މުޅިދުނިޔޭގެ މައްސަލައެއް ކަމަށް ހަދައިގެންނެވެ. ނަމަވެސް ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ދުނިޔޭގެ އެއްބާރުލުން ހޯދަން އެމެރިކާއާއި ޔޫރަޕް ކުރި މަސައްކަތްވަނީ މުޅިން ނާކާމިޔާބުވެފައެވެ.

ޔުކްރެއިން ހަނގުރާމައަކީ އެމެރިކާގެ އަމިއްލަ މަސްލަހަތާ ގުޅިފައިވާ ކަމެއްކަން އޭޝިއާއާއި އެފްރިކާގެ ގައުމުތަކަށް އެނގެއެވެ. ފަލަސްތީނުގެ މައްސަލައާއި އަފްޣާނިސްތާނާއި ޢިރާގާއި ސޫރިޔާ އަދި ލީބިޔާގެ މައްސަލަތާކާއި ޔަމަން ހަނގުރާމައާއި ސޮމާލިޔާގެ މައްސަލަފަދަ އޭޝިއާއާއި އެފްރިކާގެ ޒާމާންވީ މައްސަލަތަކާމެދު އެމެރިކާ އަޅާނުލާކަން އެގައުމުތަކަށް އެނގެއެވެ.

ޔުކްރެއިން މައްސަލައާމެދު އެމެރިކާ އަޅާލިގޮތަށް އެފްރިކާއާއި އޭޝިއާގެ މައްސަލަތަކާމެދު އެމެރިކާ އަޅާނުލާކަން އެގައުމުތަކަށްވެސް މިހާރު އެނގިއްޖެއެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެމެެރިކާ އެއްވެސް ކަމެއް ނުކުރާކަމާއި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އެމެރިކާ ނާޅާކަމީ ހާމައަށް ހުރި ހަގީގަތްތަކެވެ.

ޔުކްރެއިން މައްސަލާގައި އެމެރިކާ ބޭނުންވާގޮތަށް ކަންތައް ނުވުމުގެ ހިތިކަން އެމެރިކާއަށްވެސް މިހާރު އިހްސާސް ކުރެވިއްޖެއެވެ. އެމެރިކާ އިރާގާއި އަފްޣާނިސްތާނަށް އަރައި މުލައްދަނޑީގެ ބާރު ދައްކައި އެދެގައުމުން މިލިޔަނަކަށް ވުރެ ގިނަމީހުން މަރައި އެދެގައުމު ބިމާ ހަމަކޮށްލިއިރު އެއީ މާބޮޑުކަމެއްކަމަށް އެމެރިކާ ނުހަދައެވެ.

ނަމަވެސް ރަޝިއާ ޔުކްރެއިން އަށް އަރައި މުލައްދަނޑީގެ ބާރުދައްކައި ނޭޓޯއަށް ގޮންޖެހުމުން އެކަން އެމެރިކާއަށް ވަރަށް ބޮޑު މައްސަލައަކަށް ވިއެވެ. މުޅި ދުނިޔެ އެކަމާ އަޅާލައި ރަޝިއާ އިނދަޖައްސާލުމުގައި މުޅި ދުނިޔެ ބައިވެރިވާން ޖެހޭނެކަމަށް އެމެރިކާ ދެކުނެވެ.

ޔުކްރެއިން ހަނގުރާމައާއެކު ޔޫރަޕްގައި ހަނގުރާމަ ފެށި އެފްރިކާއާއި އަފްޣާނިސްތާނާއި އިރާގުން ފެންނަ ވީރާނާކަމާއި މަޔޫސްވެފައިވާ ރެފިއުޖީންނާއި މަރުވެފައިވާ ހަށިތައް ޔޫރަޕުން ފެންނަން ފެށުމުން އެއީ ވާންޖެހޭ ގޮތެއް ނޫންކަމަށް އެމެރިކާއާއި ޔޫރަޕް ދެކެއެވެ.

ދޮންމީހުންނަށް ދެރަގޮތްތައްދިމާވެ ޔޫރަޕްގެ ދޮންމީހުން ރެފިއުޖީންނަށް ވެގެން އެފްރިކާ މީހުން އުޅޭގޮތަށް ހާލުގައި އުޅެން ޖެހުމުން ރަޝިއާ އިނދަޖައްސާލުމުގައި މުޅި ދުނިޔެ ބައިވެރިވާންޖެހޭކަން އެމެރިކާއަށް ގަބޫލު ކުރެވުނެވެ. މިއީ ޔޫރަޕާއި އެމެރިކާއަށް އިންތިހާއަށް ބޮޑުކަމަކަށް ވިޔަސް އޭޝިއާއާއި އެފްރިކާގެ އެތަށް ގައުމެއް އެހާލުގައި އުޅެމުންދާތާ އެތަށް އަހަރެއް ވެފައިވާތީ އޭޝިއާއާއި އެފްރިކާގެ ގައުމުތަކުން މިފަހަރު އެމެރިކާއަށް އިޖާބައެއް ނުދިނެވެ. އެމެރިކާގެ އާދޭސްތަކުގެ އަޑެއްވެސް ނޭހިއެވެ.

comment ކޮމެންޓް