ޒަޔާން މަރާލި މައްސަލަ: ތަހުގީގަށް ނުފޫޒު ފޯރުވަން އުޅުނު މީހަކު ހައްޔަރުކޮށްފި

އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ ދެ ވަނަ ދުވަހު ސ. ފޭދޫގައި މާރާމާރީ ހިންގައި ޒުވާނަކު މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅައި، ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވީ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުމުގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާގެ މައްޗަށްކޮށްފައި ވަނީ، ޒަޔާންގެ މަރުގެ މައްސަލައިގައި ބަންދުކޮށްފައިވާ ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވުމާއި ފުލުހުން ކުރަމުންދާ ތަހުގީގަށް ހުރަސް އެޅުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް އިތުރު ބަޔަކު ވެސް ހުރަސް އަޅައި، ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާތީ އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޒަޔާންގެ މަރުގެ މައްސަލާގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހިމެނޭ ގޮތަށް މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ ދަށުގެ ދެ ކުދިންގެ އިތުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. މީގެ ތެރެއިން ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިރު އަނެއް ބައި މީހުންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ވަނީ އިތުރުކޮށްފައެވެ.

ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ހެއްކާ ބެހޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ މަޝްވަރާކޮށްފައިވާކަން ފާހަގަކޮށްފައެވެ.

އައްޑޫ ސިޓީގައި ޖުމްލަ 12 ގޭންގެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ކުށްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ އިތުރުން އައްޑޫގައި މަސްތުވާތަކެތީގެ މައްސަލައާއި ކުދި ކުށްތައް ކުރާ މީހުންގެ މައްސަލަ ބޮޑުވެފައިވާ ކަމަށް ސީޕީ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް