މަޑަވެއްޔަށް އުދަ އަރައި 98 އިންސަައްތަ ގެއަށް ގެއްލުން، ހަތަރު އާއިލާއެއް ވަގުތީ ހިޔާއަށް

ގދ. މަޑަވެއްޔަށް އުދައަރައި، ފެންބޮޑުވެފައި--- ފޮޓޯ/ ގދ. މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ޙަސަން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. މަޑަވެއްޔަށް އުދަ އަރައިި، 98 އިންސައްތަ ގެއަށް ގެއްލުން ލިބިފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވެއްޖެއެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން ފިޔާޒް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރަށަށް އުދަ އަރައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން 83 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށާއި އެ ގެތަކުގެ ކާބޯތަކެއްޗާއި ހިފާގެންގުޅޭ ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ އުދައެރުމުގެ ސަބަބުން ހަތަރު އާއިލާއެއް ޒުވާނުންގެ މަރުކަޒަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

"މުޅި ރަށުގަ އޮތީ ފެން ބޮޑުވެފަ. ފެނާ އެކުވެގެން ކުނިތައް ވެސް މަގުތަކުގައި އެބަހުރި. ރަށުގެ ރައްޔިތުން ގުޅިގެން ރަށު ފެންވަރުގައި ކުރެވެން ހުރި މަސައްކަތް އަންނަނީ ކުރަމުން." ފިޔާޒް ވިދާޅުވިއެވެ.

ގދ. މަޑަވެއްޔަށް އުދައަރައި، ފެންބޮޑުވެފައި--- ފޮޓޯ/ ގދ. މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ޙަސަން

މަޑަވެލީގެ އިތުރަށް ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާއު ވިދާޅުވީ އެ ސިޓީގެ ހިތަދޫން ދެ ގެއަކަށް ގެއްލުން ވެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު މަރަދޫފޭދޫ އަދި ފޭދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އުދައިގެ ސަބަބުން ގެސްޓްހައުސްތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ޝުއާއު ވިދާޅުވިއެވެ. އަދި ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާތަކާ ބެހޭ ގޮތުން އެމްއެންޑީއެފްއިން ބުނީ އުދަ އެރުމާ ގުޅިގެން ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެގޮތުން މަރަދޫއާއި ހިތަދޫއަށް ޓީމްތައް ފޮނުވައިގެން ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މީގެ އިތުރުން ގދ. އަތޮޅުގެ ރަށްތަކަށް އުދަ އެރުމުގެ ސަބަބުން ގދ. ކާޑެއްދޫ ޕޯސްޓްގެ ސިފައިން ދަނީ އެ ރަށްތަކަށް ލިބުނު ގެއްލުންތައް ބަލަމުން ކަމަށާއި މިހާރު ސިފައިން ހަރަކާތްތެރިވަނީ މަޑަވެލީގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް