އެސްޓީއޯއާއި އެމްއެސްއެސްއިން ރާއްޖެއަށް ކޮންޓެއިނާ ވެސަލްއެއް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި އެކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ރާއްޖެއަށް ކޮންޓެއިނާ ވެސަލްއެއް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު މެންދުރު އެސްޓީއޯ ހެޑްއޮފީހުގައި އެކަމަށް ބޭއްވި ޙަފުލާއެއްގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައ ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އަދި އެމްއެސްއެސްގެ ފަރާތުން ސޮއި ކުރެއްވީ އެމްއެސްއެސްގެ މްނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.

މި އެއްބަސްވުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ މިއީ އެމްއެސްއެސް އިން ރާއްޖެ ގެންނަ ތިންވަނަ ބޯޓު ކަމަށެވެ. އަދި މި ބޯޓު ދަތުރުކުރާނީ ސިންގަޕޫރު، މެލޭޝިއާ އަދި ތައިލެންޑަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ބޯޓެއް ގަތުމުގެ މުއާމަލާތް ހިނގި މިއީ ފުރަތަމަ ފަހަރުކަމަށެވެ.

"ބޯޓެއް ގަތުމުގެ މުއާމަލާތަކީ ވަރަށް ތަފާތުކޮށް ހިނގާ މުއާމަލާތެއް. ވަކި އެކައުންޓެއްގައި ފައިސާ ބަހައްޓާފަ ސޮއި ކުރާ ގަޑީގަ ހަމަ ވަގުތުން އެ ފައިސާ ވެސް ޓްރާންސްފާ ވުމާ އަދި ވެސަލް ވެސް މިކޮޅަށް ޓްރާންސްފާ ވުމާ އެކުއެކީގައި ހިނގާނީ،" އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖެއަށް ގިނައިން ބޭރުފައިސާ ވަންނާނެ އިންޑަސްޓްރީއަކަށް އެމްއެސްއެސް ވެގެންދާނެކަމަށެވެ.

މި ބޯޓުގައި ލޯޑު ކޮށްފައި ހުރި 420 ކޮންޓެއިނަރު އުފުލޭނެއެވެ. އަދި ލޯޑު ނުކޮށް 680 ކޮންޓެއިނަރު އުފުލޭނެއެވެ. މި ބޯޓުގައި އޮގަސްޓް މަހު މުދާ އުފުލަން ނިންމާފައިވާއިރު ބޯޓަށް ކިޔަން ނިންމާފައިވަނީ "އެމްއެސްއެސް ގްރެފީން"ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ބޯޓާއެކު ކޮންޓެއިނާ ހޯދުމުގެ މަސައްކަތް ވެސް ކުރާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

މިވަގުތު ވެސް އެމްއެސްއެސްގައި 100އަށް ވުރެ ގިނަ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. އެމްއެސްއެސް އިން ދަނީ މިދާއިރާއަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް ރާއްޖޭގައި ކުރަމުންނެވެ.

"މިވަގުތު އަޅުގަނޑުމެނަށް ދިމާވެފަ އޮތް އެންމެ ބޮޑު ދައްޗަކީ އެމްއެސްއެސް އެހާ އަވަހަށް ފުޅާވެގެންދާއިރުގަ ރާއްޖޭގަ އަސްލުގަ މިދާއިރާ ނެތިގެން ގޮސްފަ އޮތީމަ،" އަމްރު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް