ނަބިއްޔާއަށް ފުރައްސާރަ ކުރުމާ މެދު

މުސްލިމުންގެ އެންމެ ޚާއްޞަ އެއް ސިފައަކީ ހަރުދަނާކަމާއި ސާބިތުކަމާ އެކު ރަޙުމާއި މަޑުމޮޅިކަން މީޒާން ކުރުމެވެ.

ނަބީ ރަސޫލުންނަށް ފުރައްސާރަ ކުރުމާއި އެ ބެއިކަލުންނަށް ރައްދު ވާގޮތަށް ހުތުރު ބަސްތައް ބުނުން ފަދަ ކަންކަމީ މި ޒަމާނުގައި އަލަށް ފެށިގެން އުޅޭ ކަމެއް ނޫނެވެ. ކޮންމެ ރަސޫލު ބެއިކަލަކަށް އަދި ނަބީ ބެއިކަލަކަށް ވެސް އެ ބެއިކަލެއްގެ ޙަޔާތްޕުޅުގައި ވެސް ކާފިރުތަކުންގެ ފަރާތުން މަލާމާތާއި ޖެއްސުން ކުރުމާއި ފުރައްސާރައާ ކުރިމަތި ލައްވަވާން ޖެހިވަޑައިގަތެވެ. މިއީ ޙައިރާން ވާން ޖެހޭ ކަމެއް ވެސް ނޫނެވެ. އިބްލީސްގެ ޙަޤީޤަތާއި، އޭނާގެ ވަސްވާސްތަކާއި މަގުފުރެއްދުމަށް އިންސާނުން ކުރެ ގިނަ ބަޔަކު ހެއްލުމަކީ ދުނިޔޭގެ ސުންނަތް ކަމުގެ ޢިލްމީ ޙަޤީޤަތް ދެނެގަތުމުން، މިއީ އަބަދުވެސް ކަން ހިނގާނޭ ގޮތްކަން ވިސްނޭނެއެވެ.

މިއަދާ ހަމަޔަށް ވެސް ކަން އޮތީ މި ގޮތަށެވެ. ކާފިރުތަކުން ހުރިހައި ރަސޫލު ބެއިކަލުންނާ މެދު ވެސް ހުތުރު އަދި ބަދުބަސްތައް ބޭނުން ކުރެއެވެ. ބައެއް ދީންތަކުގެ މުޤައްދަސް ފޮތްތަކާއި ޢަޤީދާގެ އަސާސްތަކުގެ ބަޔަކަށް ވެސް ރަސޫލު ބެއިކަލުންނާ މެދު ހަދަހަދައިގެން ދެކެވުނު ދޮގު ވާހަކަތައް ވެފައި ވެއެވެ.

މިސާލެއްގެ ގޮތުން، ޔަހޫދީންނާއި ނަޞާރާއިންގެ ބައިބަލަށް ބަލައިލަމާ ހިންގަވާށެވެ!

ބައިބަލުން މިސާލުތަކެއް

ޔަހޫދީ-ނަޞާރާ ބައިބަލުގެ "އޯލްޑް ޓެސްޓަމެންޓް" ނުވަތަ "ޢަހުދު ޤަދީމް" ގެ ފުރަތަމަ ފޮތް ކަމުގައިވާ "ޖެނެސިސް" ގެ ނުވަވަނަ ބާބުގެ 20، 21، އަދި 22 ވަނަ އާޔަތުގައި އޮންނަނީ ﷲ ގެ ރަސޫލާ ނޫޙް ޢަލައިހިއްސަލާމް ބަނގުރާ ހިއްޕަވައިގެން މަސްތު ވެވަޑައިގެން އެކަލޭގެފާނުގެ ފޭލިގެކޮޅުގައި އޮންނަވަނިކޮށް، އެކަލޭގެފާނުގެ ފިރިހެން ދަރިކަލަކު އެ ފޭލިގެކޮޅަށް ވަދެވަޑައިގެން "އެކަލޭގެފާނުގެ ޢައުރަފުޅު ދެކެވަޑައިގަތް" ކަމުގައެވެ. ބައިބަލްގެ ލުޣަވީ އުސްލޫބާއި ބަހުރުވައިގެ ވައްޓަފާޅި ދިރާސާ ކުރައްވާ ޢިލްމުވެރީންގެ ޢާއްމު ބަހުގައި، މީހަކު އަނެކަކުގެ "ޢައުރަ ދުށްޓޭ" މި ޢިބާރާތް ބައިބަލްގައި ޢާއްމުކޮށް ބޭނުން ކޮށްފައި ހުންނަނީ ޖިންސީ ގުޅުން ހިންގި ވާހަކަ ބުނުމުގެ ގޮތުންނެވެ. އެހެންކަމުން، ބައިބަލުގައި ބުނާ ގޮތުން ނޫޙްގެފާނުގެ ފިރިހެން ބެއިފުޅަކު އެކަލޭގެފާނު "އެއް ޖިންސުން ރޭޕް" ކުރެއްވިއެވެ! ނަޢޫޛު ބިއްﷲ އެވެ!

ދެވަނަ މިސާލަކީ ވެސް ޢަހުދު ޤަދީމުގެ "ޖެނެސިސް" ފޮތުން ފެންނަ ވާހަކައެކެވެ. "ޖެނެސިސް" ގެ ނަވާރަވަނަ ބާބުގެ 30 ވަނަ އާޔަތުން ފެށިގެން 38 ވަނަ އާޔަތާ ހަމަޔަށް ހުރި އާޔަތްތަކުގައި ބުނެފައި ވާގޮތުން، ލޫޠު ޢަލައިހިއްސަލާމްގެ ދެ ދަރިކަނބަލުން އެކަލޭގެފާނަށް ބަނގުރާ އަރުވައި އެކަލޭގެފާނު މަސްތު ކުރުވައި، ދެން އެކަލޭގެފާނާ އެކު އެއްދާން ކުރައްވައި، ބައްޕާފުޅުގެ ބެއިފުޅުންނަށް އެ ދެ ކަނބަލުން އާލާސް ވެތިއްބަވައި، އެ ބެއިފުޅުންގެ ފަރާތްޕުޅުން ލޫޠުގެފާނުގެ "ދަރިފަސްކޮޅު" ދެމިފައި ވެއެވެ! ނަޢޫޛު ބިއްﷲ އެވެ!

ތިންވަނަ ވާހަކަ އޮންނަނީ ޢަހުދު ޤަދީމުގެ އެހެން ފޮތެއް ކަމުގައި ވާ "2 ސެމިޔުލް" ގައެވެ. އެ ފޮތުގެ އެގާރަވަނަ ބާބުގެ 2، 3، 4، އަދި 5 ވަނަ އާޔަތުގައި އޮންނަނީ، ނަބީ ދާއޫދު ޢަލައިހިއް ސަލާމަށް އަންހެނަކު ފެންވަރާން ހުރި މަންޒަރު ފެނިވަޑައިގެން އެ އަންހެން މީހާގެ ނިސްވާނިއްޔަތާއި ރީތިކަން ދެކެވަޑައިގެން އެކަމަނާއާ ހިތްޕުޅާ ހަމަ ކުރައްވައި، އެއީ ކާކުތޯ ސުވާލު ކުރައްވައި، އެއީ މީހެއްގެ އަތްނބެއް ކަމަށް ދެންނެވުމުން، އެކަމަނާ ގަނޑުވަރަށް ގެންނަވާން އަމުރުފުޅު ކުރައްވައިގެން ގެންނަވައި އެކަމަނާއާ އެއްދާން ކުރައްވައި، އެކަލޭގެފާނުގެ ބެއިފުޅަކަށް އެކަމަނާ އާލާސް ވެއިން ކަމުގައެވެ! ނަޢޫޛު ބިއްﷲ އެވެ!

މުސްލިމުންގެ މައުޤިފު

އަޅުގަނޑުމެން މުސްލިމުންނަކީ ﷲ ތަޢާލާގެ ހުރިހައި ރަސޫލުންނަށް ވެސް އީމާން ވާ ބައެކެވެ. އެ ބެއިކަލުންނާ މެދު އެއް ގޮތެއްގައި އިޙުތިރާމާއި ޤަދަރާއި ލޯތްބާއި ކަމޭހިތުން ގެންގުޅޭ އުއްމަތެކެވެ. އިސް ވެދެންނެވި ވާހަކަތަކަކީ ވެސް މުސްލިމުން އެ ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރި ކުރާ ވާހަކަތަކެކެވެ. އެއީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއްކަން މުސްލިމުން ޤަބޫލު ކުރެއެވެ. ރަސޫލުން ނަބީންނާ މެދު އެ ބެއިފުޅުން ބަދުނާމު ކޮށް އެ ބެއިފުޅުންގެ އަބުރުފުޅު ކަތިލުމަށް ޓަކައި ކާފިރުން ހަދަހަދައިގެން ދައްކައިފައި ހުރި ވާހަކަތަކެއް، ﷲ ބާވައިލެއްވި ފޮތްތަކުގެ ތެރެޔަށް ވެސް ވައްދައިފައި ހުރިހުރުމެއް ކަމަށް ޤަބޫލު ކުރެއެވެ. ހަމަ އެހެންމެ، ދުނިޔެއަށް ފޮނުއްވެވުނު އެންމެ ހެޔޮ އުއްމަތުގެ ޙައިޘިއްޔަތުންނާއި، ﷲ ތަޢާލާގެ ޙައްޤު ދީނުގެ އެންމެ ފަހުގެ ބާވައިލެއްވުމަށް ދަޢުވަތު ދޭ އުއްމަތެއްގެ ޙައިޘިއްޔަތުން، މުސްލިމުން ޔަހޫދީންނާއި ނަޞާރާއިންނަށް ވެސް ގޮވައިލަނީ މި ވާހަކަތަކުން ބަރީއަ ވުމަށެވެ. ﷲ ގެ ރަސޫލު ބެއިކަލުންނާ މެދު މިފަދަ ވާހަކަތައް ހުރި ފޮތްތަކަކީ ﷲ ގެ ވަޙީ ބަސްފުޅު ކަމުގައި ދަޢުވާ ނުކުރުމަށެވެ.

އެހެން ނަމަވެސް، ﷲ ގެ ރަސްކަންފުޅާ މެދުގައި ވިޔަސް އަދި ރަސޫލު ބެއިކަލަކާ މެދުގައި ވިޔަސް ކާފިރުތަކުން ދައްކާ މި ޒާތުގެ ވާހަކަތަކާ މެދު ރުޅިވެރިކަން އިސްކޮށް، ޖަގަޑާ ހަދައި، އަރައިރުން ވެ، ތަޅައިފޮޅައި ހެދުމަކީ އިސްލާމީ އަޚްލާޤު ހުއްދަ ކުރާ ކަމެއް ނޫނެވެ. މި ކަންކަމާ މެދު މުސްލިމުންގެ މަގަކީ، އެއީ ނުޙައްޤު، ހުތުރު، އަދި އިންސާނީ ޝަރަފާ ނުއެކަށޭނަ ވާހަކަތަކެއްކަން ހަރުދަނާ ގޮތެއްގައި ބަޔާން ކޮށް، އެކަމާ މެދު ނަޞޭޙަތްތެރި ވުމަށް ފަހު، ކެތްތެރިކަން އިސް ކުރުމެވެ. ކިތަންމެ ލޭ ހޫނު ވިޔަސް، ﷲ ގެ ރަސޫލުން ދެއްކެވި ފަދަ ކެތްތެރިކަމާއި ސާބިތުކަމާއި އޯގާވެރިކަމުގެ ނަމޫނާތަކެއް ދެއްކުމެވެ.

އަޅުގަނޑުމެން ހުރިހައި ރަސޫލު ބެއިކަލުން ދެކެ ވެސް ލޯބި ވެއެވެ. އަމިއްލަ މައިންބަފައިން ދަރީންނަށް ވުރެ ވެސް ބޮޑަށް އެ ބެއިކަލުންނަށް އަޅުގަނޑުމެން ރިޢާޔަތް ކުރަމުއެވެ. އެ ބެއިކަލުންގެ ޤަދަރާއި މަޤާމު އަމިއްލަ ޢާއިލާގެ މެންބަރުންނަށް ވުރެ ވެސް އަޅުގަނޑުމެންގެ ގާތުގައި ބޮޑެވެ. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންގެ އުއްމަތުގެ ނަބިއްޔާ، އަދި ނަބީކަމާއި ރަސޫލުކަން ޚަތިމު ކުރެއްވި މާތް ސާހިބާ، އަދި ރަސޫލު ބެއިކަލުންގެ ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާ މެދު ޚާއްޞަ ލޯތްބެއް މި އުއްމަތުގެ މެންބަރުންގެ ހިތުގައި އޮތުމަކީ ޢަޖާއިބު ވާން ޖެހޭ ކަމެއް ނޫނެވެ. ކީރިތި ޤުރްއާނުގައި، ރަސޫލުންގެ މެދުގައި ފަރަޤު ނުކުރުމަށް މުސްލިމުންނަށް ކުރައްވައިފައި އޮންނަ އަމުރުފުޅު އޮތުމާ އެކުގައިމެ، އިންސާނީ ފިޠުރަތާއި ޠަބީޢަތު ނިޔާ ކުރާ ގޮތުގެ މަތީން، އަޅުގަނޑުމެންގެ ހިތުގެ ލޯބީގައި އެކަލޭގެފާނަށް ދެވެނީ އަދި ދެވޭނީ އެއްވަނައެވެ. މިއީ އެ އާޔަތަށް ބޯނުލެނބުމެއް ކަމުގައި ވެސް ނުވެއެވެ. އެހެނީ، ހިތުގެ ލޯތްބާ އެކުގައިމެ، އަޅުގަނޑުމެން ހުރިހައި ރަސޫލުންނަށް އެއް ވަރަކަށް ބަހާއި ޢަމަލުން ޤަދަރާއި އިޙުތިރާމު ކޮށް، އެއިން އެއްވެސް ބެއިކަލެއްގެ ދަރަޖައާ މެދު އިންކާރު ނުކުރާތީއެވެ.

ގޯސް ރައްދު

މި ދެންނެވި ވާހަކަތަކާ މެދު ވިސްނައިލުމުން، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވިޔަސް، އަދި އެހެން ރަސޫލެއް ނަބީއެއްގެ ވިޔަސް އަބުރުފުޅަށް އަރައިގަތުމުގެ ޖަރީމާ ހިންގާ ކާފިރުންނާ މެދު މުސްލިމުން ހަރުކަށި ވެ، ބަދަލު ހިފުމަށް ޓަކައި އެމީހުންނާ ޙަމަލަ ދީ، އެމީހުން މަރައި ހެދުމަކީ އިސްލާމް ދީނުގެ މަގު ނޫންކަން އެނގޭނެއެވެ. މިފަދަ ކޮލަމެއްގައި މައްސަލައާ ބެހޭ ޝަރްޢީ ޙުއްޖަތްތަކާއި ދަލީލުތައް ނަގައިގެން ތަފްޞީލީ ގޮތެއްގައި ބަޙުޘް ނުކުރެވޭނޭތީ، އެބައި ދޫ ކޮށްލީއެވެ. އެހެން ނަމަހީ، އިސްލާމީ ޝަރީޢަތުގެ އެތައް ދަލީލެއްގެ އަލީގައި މި ދެންނެވި ނުކުތާ ސާފު ކޮށް އެރުވުނީހެވެ.

މިހެން ދަންނަވާ އިރު، ބައެއް ޙަދީޘް ފޮތްތަކުގައި އައިސްފައި ވާ ބަލިކަށި، ސިޔާޤުން ބޭރުން މާނަ ކުރެވޭ، އަދި އެ ޙާދިޘާތަކެއްގެ ޙަޤީޤަތާ މެދު އަޅުގަނޑުމެންނަށް އެކަށީގެންވާ ވަރަށް ތާރީޚީ މަޢުލޫމާތު ވެސް ލިބިފައި ނެތް ޙާދިޘާތައް ބޭނުން ކޮށްގެން، "ޖައްބާރީ" ވިސްނުމުގެ ބައެއް ޙައްދުފަހަނައެޅީން ނަބިއްޔާއަށް ފުރައްސާރަ ކުރާ މީހުންނާ ޙަމަލަ ދީ ތަޅައިފޮޅައި ހެދުމަކީ ކޮންމެ މުސްލިމަކަށް ވެސް ކުރެވިދާނޭ ކަމެކޭ ބުނެ، އިސްލާމީ ޝަރީޢަތާ ޚިލާފު ވާހަކަތައް ދައްކާކަން ފާހަގަ ކުރަމެވެ. އެ ވާހަކަތަކަށް ޖަވާބު ދިނުމަކީ ވެސް މި މަޤާމުގައި އަޅުގަނޑުގެ މަޤުޞަދެއް ނޫނެވެ.

މީގެ ތިން ހަތަރު ދުވަހެއް ކުރީން އިންޑިޔާގައި ހިނގި ޙާދިޘާއެއްގެ މައްޗަށް މިތަނުގައި ބަލައިލުން މުހިއްމެވެ. އެ ޙާދިޘާ އަކީ، އިންޑިއާގައި ވެރިކަން ކުރާ ބާހރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ނެޝަނަލް ސްޕޯކްސްޕަރސަންގެ މަޤާމުގައި ހުރި ނުޕުރް ޝަރްމާ ކީރިތި ނަބިއްޔާއަށް ފުރައްސާރަ ކޮށް ދެއްކި ވާހަކަތަކަށް ތާއީދު ކުރި ހިންދީ ފެހުންތެރިޔަކަށް "މުސްލިމް" ދެ ފިރިހެނުން ވެގެން ޙަމަލަ ދީ އޭނާ ޤަތުލު ކޮށްލި ޙާދިޘާއެވެ. މިއީ އަދި އެ މައްސަލައެއްގެ ތަޙުޤީޤު ނުނިމޭ މައްސަލައެކެވެ. ކަން ހިނގި ގޮތާ މެދު އަދި އެނގެނީ މީޑިއާގައި އެންމެ ފުރަތަމަ ފެތުރުނު ޚަބަރުތަކުގައި ހުރި އެއްޗެކެވެ. މީޑިއާއަށް އައިސްފައި ހުރި ވާހަކަތަކަށް ބަލައި އެއްޗެއް ދަންނަވަންޏާ، ހިންދީ މީހާ ޤަތުލު ކޮށްލުމުގެ ނުބައި ޖަރީމާ ހިންގި ދެ މީހުން އެ ކުރި ކަމަކީ އެއްވެސް ޙާލެއްގައި މުސްލިމަކު ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެމީހުން އެކަން ކުރީ "ކީރިތި ރަސޫލާގެ ލޯބީގައި" ކަމަކަށް ވެސް ނުބުނެވޭނެއެވެ. ޝައްކެއް ނެތް ގޮތުގައި، އިތުރު އެކަލޭގެފާނުގެ ލޯތްބަކީ ހިތްތަކަށް މެރުމާއި ސުންނާފަތި ކުރުމުގެ ޖަޒުބާތުތައް ވައްދައިދޭ އެއްޗެއް ނޫނެވެ. މީހަކު އިތުރު އެކަލޭގެފާނު ދެކެ ޙަޤީޤަތުގައި ލޯބި ވެއްޖެއްޔާ، އެ ލޯބީގެ ބާރާއި ބަރަކާތުން އެ މީހަކުގެ ހިތަށް ވަންނާނީ އިންސާނިއްޔަތުކަމުގެ އަލިކަމެވެ. ރިވެތި އަޚްލާޤުގެ އަލިކަމެވެ. ރަޙްމާއި އޯގާވެރިކަމާއި މުރުއްވަތްތެރިކަމާއި ކެތްތެރިކަން ފަދަ ރީތި ސިފަތަކުގެ ބާރެވެ.

ކީރިތި ރަސޫލާ ދެކެ ޙަޤީޤަތުގައި ލޯބި ވާ މީހަކަށް، އިންސާނެއްގެ ލެއި އެފަދައިން އޮހޮރައިލާކަށް ނުކެރޭނެއެވެ. އަދި ކީއްތޯއެވެ؟ މި ދެންނެވި ޖަރީމާ ހިންގި ދެ މީހުން ފަދަ "ޖައްބާރީންނަކީ" އިސްލާމް ދީނުގެ ނަމުގައި، އިތުރު ނަބިއްޔާގެ ސުންނަތުގެ ނަމުގައި، ﷲ ފިޔަވައި އެމީހުންގެ އަމިއްލަ "އީގޯ" އަށް އަޅުކަން ކުރާ މުޝްރިކުންނެވެ. އެމީހުން އެ ކުރާ ކަމަކީ އެމީހުންގެ "އީގޯ" އަށް ތަދު ވުމުން، ޖައްބާރީންގެ ޢާއްމު އުޞޫލާ އެއްގޮތަށް، ފުރޭތަތަކެއް ފަދައިން އެކަމުގެ ބަދަލު ހިފުމެވެ.

ނަބިއްޔާގެ އަބުރުފުޅު ޙިމާޔަތް ކުރާ ސަބަބު

ކުރީން ވެސް ދެންނެވި ފަދައިން، އަޅުގަނޑުމެން މުސްލިމުންގެ މައުޤިފަކީ ހުރިހައި ރަސޫލުންނާއި ނަބީން ދެކެ ވެސް ލޯބި ވުމެވެ. އެ ހުރިހައި ބެއިކަލުންނަށް އެއް ފަދަޔަކުން ޤަދަރާއި އިޙްތިރާމު ކުރުމެވެ. އެއިން އެއްވެސް ބެއިކަލަކަށް މަލާމާތާއި ފުރައްސާރަ ރައްދު ކުރެވޭ އަޑު އިވުމުން، އަޅުގަނޑުމެންގެ ހިތްތަކަށް އެކަމުން ވޭނާއި ކެކުޅުން ލިބެއެވެ.

ޚާއްޞަ ގޮތެއްގައި، ރަސޫލު ބެއިކަލުންގެ ސާހިބާ އަދި މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަގެ އަބުރުފުޅަށް ހުތުރު ވާ ކަހަލަ ވާހަކަތައް ދައްކައި، އެކަލޭގެފާނާ މެދު ބޭއިޙުތިރާމު ކޮށް ހެދުމުން، އެކަމުން އަޅުގަނޑުމެންނަށް ލިބެނީ ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭ ފަދަ ހިތްދަތިކަމެކެވެ. މިއީ ޣައިރު މުސްލިމުންނާއި ކާފިރުން ނިކަން ރަނގަޅަށް ދަންނާން ޖެހޭ ޙަޤީޤަތެކެވެ. ކުޑަކުޑައިކޮށް ވިސްނައިލުމުން ވެސް އެނގޭނޭ ޙަޤީޤަތަކީ، ތިމާ ލޯބި ވާ މީހަކާ މެދު ބަދުބަސްތައް ބުނެ ފުރައްސާރަ ކޮށްހެދުމުން، އެކަކަށް ވެސް އެ ވާހަކަތައް އަޑު އަހާން ފަސޭހަ ނުވާނޭކަމެވެ. މިސާލަކަށް، ތިމާގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ދަރިޔަކާ މެދު ހުތުރު ބަހުރުވައިން އެއްޗެތި ގޮވޭ އަޑު އަހާން މީހަކަށް ހުރެވޭނޭތޯއެވެ؟ އަޅުގަނޑުމެން މުސްލިމުންގެ ގާތުގައި މާތް ނަބިއްޔާ އަކީ މައިންބަފައިންނާއި ދަރީންނަށް ވުރެ ވެސް ޢަޒީޒު ޝަޚްޞިއްޔަތެކެވެ. އެހެންކަމުން، އެކަލޭގެފާނަށް ފުރައްސާރަ ކުރާ މީހުން އެކަން ދަންނާން ޖެހޭނެއެވެ. އިތުރު އެކަލޭގެފާނަށް ބަދުބަސް ބުނެވޭ ޙާލަތުގައި، މުސްލިމުންގެ ޝުޢޫރުތަކާއި ޖަޒުބާތުތައް ކެކޭ އެއް ސަބަބަކީ މިއެވެ.

ދެން އޮތް ނުކުތާ އަކީ ޖަޒުބާތުތަކާއި ޝުޢޫރުތަކާއި އިޙުސާސްތަކާ ގުޅޭ ވާހަކައެއް ނޫނެވެ. އެ ވާހަކަ ގުޅެނީ މުޅި އިސްލާމީ މުޖުތަމަޢުގެ، ނުވަތަ އިސްލާމީ އުއްމަތުގެ އިޖުތިމާޢީ ވަޙްދަތާއި އިޖުތިމާޢީ ބިންގާ ނެގެހެއްޓުމާއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މުސްލިމުންނަށް ޓަކައި ހަމައެކަނި ލޯބި ކުރެވޭ ޝަޚްޞެއް ނޫނެވެ. އެކަލޭގެފާނަކީ އިސްލާމީ އުއްމަތުގެ އެންމެ މަތީ އިމާމެވެ. އެންމެ މަތީ ވެރިޔާއެވެ. މުސްލިމް އުއްމަތުގެ، އަދި ކޮންމެ މުސްލިމް މުޖުތަމަޢެއްގެ ރޫޙާނީ، އަޚްލާޤީ، ފިކުރީ، އަދި ޢިލްމީ ލީޑަރެވެ. އަޅުގަނޑުމެން އެ ޢަޤީދާއަކާ މެދު އެއްވެސް ޝައްކު ނުކުރާ ޢަޤީދާގައި އޮންނަ ގޮތުން، އިތުރު އެކަލޭގެފާނަކީ ކާއިނާތުގެ ވެރި ރަސްކަލާނގެ ރަސްކަންފުޅާ އަޅުގަނޑުމެންނާ ދެމެދުގައި އޮންނަ ގުޅުމުގެ އެންމެ މުހިއްމު އެއް ވާސިޠާއެވެ. އެކަލޭގެފާނަކީ އަޅުގަނޑުމެންނަށް އިލާހީ ޒާތުފުޅާއި، ޙައްޤާއި، އިޙްސާނާއި އަޚްލާޤު އުނގަންނަވައިދެއްވާ އެންމެ މަތިވެރި މުދައްރިސެވެ. އަޅުގަނޑުމެންގެ މުޖުތަމަޢު ބިނާ ކުރެވެނީ އިތުރު އެކަލޭގެފާނު އަޅުގަނޑުމެންނަށް ﷲ ގެ އިލާހުވަންތަކަމާއި ރަޙްމަތްޕުޅާއި އެއްކައުވަންތަކަމާ ބެހޭގޮތުން އުނގަންނަވައިދެއްވި އުނގަންނަވައިދެއްވުންތަކުގެ މަތީގައެވެ. އާދެ، ތައުޙީދާއި، ރަޙްމަތުގެ ބިންގަލުގެ މަތީގައެވެ. އީމާނާއި، އިސްލާމާއި، އިޙްސާނުގެ ބުންޔާދުގެ މަތީގައެވެ.

ދުނިޔޭގެ މުފައްކިރުންނާއި މުޢައްލިމުންނާއި ޙިކުމަތްތެރީން ވިދާޅުވާ ގޮތުގައި، އެއްވެސް މުޖުތަމަޢެއް ދެމިއޮންނާނީ އެ މުޖުތަމަޢުގެ ބިންގަލަކީ ރިވެތި އަޚްލާޤުގެ އަސާސުތައް ކަމުގައި ވެގެންނެވެ. ވިސްނައި ފިކުރު ކޮށްލާ ކޮންމެ މީހަކަށް ވެސް އެނގޭނޭ ފަދައިން، މުޖުތަމަޢުގެ ބިންގަލަކަށް ރިވެތި އަޚްލާޤު ވާނީ، މުޖުތަމަޢުގައި ރިވެތި އަޚްލާޤުގެ މުޠުލަޤު އަދި މުޤައްދަސް މަޞްދަރެއް ކަމަށް ބެލެވޭ ކޮންމެވެސް ބަހާއެއް އޮވެގެންނެވެ. އިލާހަކު ޤަބޫލު ނުކުރާ އަދި ނަބީ ރަސޫލުންގެ ތަޢުލީމާތު ޤަބޫލު ނުކުރާ މުޖުތަމަޢުތަކުގައި އެފަދަ މަޞްދަރެއް ނުއޮންނާނެއެވެ. އެފަދަ މުޖުތަމަޢެއްގައި، މިސާލެއްގެ ގޮތުން، "ދޮގު ހެދުމަކީ ނުބައި ކަމެކޭ" ބުނެ އެންމެން އެ އުޞޫލަކަށް ތަބާ ވުން ލާޒިމު އުޞޫލެއް ކަނޑައެޅުމުގެ ބާރު އޮންނަ ފަރާތެއް ނުވާނެއެވެ. އެކަކު "ދޮގު ނުހަދާށޭ، އެއީ ނުބައި ކަމެކޭ" ބުނީމާ، އަނެކަކު ބުނާނީ "ދޮގު ހެދުމަކީ ނުބައި ކަމެއް ކަމަށް ކަނޑައަޅާން ކަލެޔަކީ ކާކު ހެއްޔޭ، މަގޭ މައްޗަށް ރަނގަޅު ނުބައި ކަނޑައެޅުމުގެ އެއްވެސް ބާރެއް ކަލެޔަކަށް ނޯންނާނެޔޭ" މިހެންނެވެ. ޢަޤްލީ ގޮތުން މި ވާހަކައާ ދެކޮޅަށް ދެވޭނޭ ޖަވާބެއް ނޯންނާނެއެވެ. އާދޭހެވެ! ރަސޫލު ބެއިކަލުންގެ ތަޢުލީމާތުގެ އަލީގައި ﷲ ގެ އިލާހުވަންތަކަން ޤަބޫލު ނުކުރާ މުޖުތަމަޢެއް ނުވަތަ ޤައުމެއްގައި، އެއްވެސް ކަހަލަ "ޙައްޤެއް" ނޯންނާނެއެވެ. އެއްވެސް ކަހަލަ "އަޚްލާޤީ އަގުތަކެއް" ނޯންނާނެއެވެ. އެހެނީ "ޙައްޤު" އާއި "އަޚްލާޤީ އަގުތައް" މިއީ އިލާހަކު ވޮޑިގެން ވާކަމުގެ އަދި އެކަލާނގެ އަމުރުފުޅާ އެއްގޮތަށް ދިރިއުޅޭން ޖެހޭކަމުގެ ޙަޤީޤަތުގެ މައްޗަށް ބިނާ ވާ ކަންތައްތަކެކެވެ. އިލާހަކު ނުވާ ކަމަށް ބަލައިގެންފި މުޖުތަމަޢެއްގައި، ކޮންމެ މީހަކީ ވެސް އަނެކާ ފަދަ މީހެކެވެ. އެކަކަށް ވެސް "ރަނގަޅު ގޮތް" ނުވަތަ "ހެޔޮ ގޮތް" ނުވަތަ "ޙައްޤު" ނުވަތަ "ރިވެތި އަޚްލާޤް" އަކީ މިވަނި ގޮތެކޭ ބުނުމުގެ ޙައްޤެއް ވެސް ބާރެއް ވެސް ނޯންނާނެއެވެ. އެހެންކަމުން އެފަދަ މުޖުތަމަޢެއްގައި އެ މީހަކު ހިތުހުރި ގޮތަކަށް އެމީހަކު އުޅޭން ވީއެވެ. އެކަކު އެއް ޖިންސުން ގުޅުން ހިންގުމަކީ މަގޭ ޙައްޤެކޭ އެއީ މަގޭ މިނިވަންކަމޭ ބުނާން ވީއެވެ. އަނެކަކު، މަގޭ އަންހެން ދަރި ބަލައި ބޮޑު ކުރީ މަށޭ، އެހެންކަމުން އޭނާގެ އަންހެންވަންތަކަމުގެ ރަހަ ލިބޭން ޖެހޭނީ މަށަށޭ ބުނެ، އެގޮތަށް އުޅޭން ވީއެވެ. ތިންވަނަ މީހާ، އަހަރެން ވެސް ރުހެމޭ، މަންމަ ވެސް ރުހެޔޭ، ބައްޕަ ވެސް ރުހެޔޭ، މިއީ ޒާތީ ކަމެކޭ، ކިޔައިފައި މަންމަ އާއި ބައްޕައާ އެކު ގުރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގާން ވެސް ވީއެވެ. އިލާހަކު ނެތަމަ، މި ވާހަކަތައް ގޯސް ކުރެވޭނޭ އަސާސަކީ ކޮބައިތޯއެވެ؟ އެކަކު "އަޚްލާޤީ ފަލްސަފާ" ބޭނުން ކޮށްގެން މި ކަންކަން ގޯހޭ ބުނާ އިރު، އަނެކަކު ފުންމައިގެން އައިސް "މިއީ މަގޭ އަޚްލާޤީ ފަލްސަފާއޭ" ބުނެ އެކަންކަން ރަނގަޅު ކަމަށް ދަޢުވާ ކުރުމުން، ދެން ނިޔާ ކަނޑައެޅޭނީ ކިހިނެއްތޯއެވެ؟ އެއިރަކު ގިނަ މީހުންނަށް ފެނުނު ގޮތަކަށްތޯއެވެ؟ ގިނަ މީހުން ވޯޓު ލައިގެން "މަންމަ ރޭޕް ކުރުމަކީ މައްސަލައެއް ނޫނޭ" ބުނެފިއްޔާ، އެއީ ރަނގަޅު ކަމަކަށް ވާނީތޯއެވެ؟

މި ދެންނެވި ވާހަކަތަކުގެ އަލީގައި، އަނެއްކާވެސް ތަކުރާރު ކޮށް ދަންނަވާން އޮތް ވާހަކަ އަކީ، އަޅުގަނޑުމެން މުސްލިމުންނަކީ ރަސޫލު ބެއިކަލުންގެ ތަޢުލީމާތުގެ އަލީގައި، އިލާހީ ހިދާޔަތުގެ އަސާސްތަކުގެ މައްޗަށް އަޅުގަނޑުމެންގެ މުޖުތަމަޢު ބިނާ ކުރާ ބައެއް ކަމުގައެވެ. ތައުޙީދާއި، ރަޙްމަތުގެ ބިންގަލުގެ މަތީގައެވެ. އީމާނާއި، އިސްލާމާއި، އިޙްސާނުގެ ބުންޔާދުގެ މަތީގައެވެ. އިލާހީ ހިދާޔަތުގެ އެންމެ ފަހުގެ ބާވައިލެއްވުމަކީ މުޙައްމަދު ނަބީ ކަލޭގެފާނަށް ބާވައިލެއްވުނު ރިސާލަތު ކަމުގައި ވާތީ، އަޅުގަނޑުމެންގެ މުޅި މުޖުތަމަޢުގެ އެންމެ މަތީ އިމާމަކީ އަދި ލީޑަރަކީ އިތުރު އެކަލޭގެފާނު ކަމުގައި ވަނީއެވެ. އަޅުގަނޑުމެންގެ ގާތުގައި މުޖުތަމަޢުގެ އަޚްލާޤީ ބިންގަލަކީ، ނުވަތަ "މޯރަލް ފައުންޑޭޝަން" އަކީ އިތުރު އެކަލޭގެފާނުގެ އުނގަންނަވައިދެއްވުންތަކެވެ. އެހެންކަމުން، އެކަލޭގެފާނަކީ އަޅުގަނޑުމެންގެ ގާތުގައި ހަމައެކަނި ލޯބި ކުރެވޭ، ލޯބި ވެވޭ ޝަޚްޞެއް ނޫނެވެ. އެކަލޭގެފާނަކީ އަޅުގަނޑުމެންގެ މުޅި މުޖުތަމަޢު އެ އަސާސުތަކެއްގެ މައްޗަށް ބިނާ ވެފައި ވާ "ޙައްޤު" އާއި "އަޚްލާޤިއްޔާތު" ރަމްޒު ކުރާ އެންމެ މަތިވެރި ރަމްޒެވެ.

އެހެންކަމުން، އިތުރު އެކަލޭގެފާނުގެ ޙުރުމަތަށް އަރައިގަނެވި، އެކަލޭގެފާނަށް ބަދުބަސް ރައްދު ކުރެވޭ ހިސާބުން، އެ ކުރެވޭ ކަމަކީ އިސްލާމީ މުޖުތަމަޢު އެ ބިންގަލެއްގެ މައްޗަށް ބިނާ ވެފައި ވާ އަޚްލާޤީ ބިންގަލުގައި ވެސް ފުރޮއިން ޖެހުމެވެ. އިސްލާމީ އުއްމަތާއި މުޖުތަމަޢުގެ ފިކުރީ، ޢަޤްލީ، ސިޔާސީ، ޢިލްމީ، އަދި އަޚްލާޤީ ބިންގަލަށް ބިރުވެރި ޙަމަލައެއް ދިނުމެވެ. އިތުރު އެކަލޭގެފާނުގެ ޙުރުމަތެއް ނެތި، އިސްލާމީ މުޖުތަމަޢުގެ ޝަޚްޞިއްޔަތުގެ މާނައެއް ވެސް ނޯންނާނެއެވެ. އެކަލޭގެފާނުގެ ޙުރުމަތް މުސްލިމް މުޖުތަމަޢުގައި ނެތިދިޔުމަށް ފަހަކު، އެ މުޖުތަމަޢުގައި ޙައްޤާއި ބާޠިލުގެ ތަފާތެއް ނޯންނާނެއެވެ. ޙައްޤުގެ ޙުރުމަތެއް ނޯންނާނެއެވެ. އަޚްލާޤާއި ބޭއަޚްލާޤުގެ ތަފާތެއް ނޯންނާނެއެވެ. އަޚްލާޤުގެ ޙުރުމަތެއް ވެސް ނޯންނާނެއެވެ. އެހެންކަމުން، އިސްލާމީ މުޖުތަމަޢެއްގެ ޙިމާޔަތާއި ރައްކައުތެރިކަމަށް ޓަކައި ވެސް، އިތުރު ނަބިއްޔާގެ ޝަޚްޞިއްޔަތުގެ މުޤައްދަސްކަމާއި ޙުރުމަތާއި ޤަދަރު ހިފެހެއްޓުމަކީ ލާޒިމު ކަމެކެވެ. އެހެންކަމުން، އެކަލޭގެފާނުގެ އަބުރުފުޅަށް އަރައިގަންނަ މީހަކު އެ ކުރާ ކަމަކީ ހަމައެކަނި އިސްލާމުންގެ ޖަޒުބާތުތަކުގައި އަލިފާން ރޯ ކުރުމެއް ނޫނެވެ. ހަމައެކަނި މުސްލިމުންގެ ހިތަށް ތަދު ކުރުމެއް ނޫނެވެ. ހަމައެކަނި ﷲ ގެ ރަސޫލު ބެއިކަލެއްގެ ޝަޚްޞަށް ހިރަފުސް އުކޭތޯ އުޅުމެއް ނޫނެވެ. ހަމައެކަނި، ﷲ މުޤައްދަސް ކުރެއްވި ޝަޚްޞެއްގެ ޙުރުމަތް ނަގައިލާން އުޅުމުގެ ފާފައެއް ނޫނެވެ. އެއީ މުޅި އިސްލާމީ މުޖުތަމަޢުގެ ދެމިއޮތުމާ ދެކޮޅަށް ދެވޭ ނުރައްކައުތެރި ޙަމަލައެކެވެ.

ރަނގަޅު ރައްދު

ކައުއިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މެދު ބޭއިޙްތިރާމު ކުރެވި، އެކަލޭގެފާނަށް ބަދުބަސް ރައްދު ކުރެވޭ ހިނދު އަޅުގަނޑުމެންގެ ރައްދު ހުންނާންވީ ގޮތް ކަނޑައެޅޭން ޖެހެނީ މި ދެންނެވި ކަންކަމުގެ އަލީގައެވެ.

ކުރީންވެސް ދެންނެވި ފަދައިން، މި ދަންނަވާ މައްސަލައިގައި އަޅުގަނޑުމެން އިސް ކުރާން ޖެހެނީ އިސްލާމީ ރިވެތި އަޚްލާޤުގައި ވާ ފަދައިން، ކެތްތެރިކަމާއި މުރުއްވަތްތެރިކަމެވެ. މަޑުމައިތިރިކަމާއި ޝަރަފުވެރިކަމެވެ. ނަމަވެސް އޭގެ މާނަ އަކީ، ދުނިޔޭގެ ކޮންމެ މީހަކު ކޮންމެ ތަނެއްގައި އިތުރު އެކަލޭގެފާނުގެ އަބުރުފުޅާ ބެހެމުން ދާއިރު އަޅުގަނޑުމެން ނުދެނެތިބިކަމަށް ހަދައިގެން ތިބުމެއް ނޫނެވެ. މި ދަންނަވަނީ، ހަރުކަށި، ހުތުރު، ޖައްބާރީ ގޮތްގޮތަށް ވާހަކަ ދައްކައި، ހަޅޭއްފަޅޭއް ލަވައި، ތަޅައިފޮޅައި ހެދުން ފަދަ ކަންކަމުން ދުރުހެލި ވާން ޖެހޭ ވާހަކައެވެ. ހަމަ އެހެންމެ، ދުނިޔޭގައި އިތުރު ނަބިއްޔާއަށް ފުރައްސާރަ ކުރެވޭ ކޮންމެ ފަހަރަކު އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެންނަށް ކުރެވޭނޭ ކަމެއް ނޫންކަން ދަނެ، އެ ޙަޤީޤަތާ އެކު އުޅޭން ވެސް އަޅުގަނޑުމެން ދަސް ކުރާން ޖެހެއެވެ. ދުނިޔޭގައި އެތައް ސަތޭކަ މިލިއަން ޣައިރު މުސްލިމުން ތިބި އިރު، އަދި އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންގެ އަމިއްލަ ޤައުމުތަކުގައި އަމިއްލަ ދައުލަތްތަކުގައި އުޅޭ ބަޔަކަށް ވާ އިރު، އޭގެ ތެރެއިން ހަމަ ކޮންމެ މީހަކު ރަސޫލާއަށް ބަދުބަސް ބުންޏަސް، އަޅުގަނޑުމެން އެކަމަށް ރައްދު ދޭން އުޅުމަކީ މުމްކިން ކަމެއް ނޫނެވެ. ދީނީ ގޮތުން ބަލާ އިރު ވެސް، ނަބިއްޔާއަށް ފުރައްސާރަ ކުރެވޭ ކޮންމެ ފަހަރަކު އެކަމަށް ރައްދު ދިނުމަކީ މުސްލިމުންނަށް އޮތް އަމުރުފުޅެއް ނޫނެވެ. ޝައްކެއް ނެތް ގޮތުގައި، އިތުރު ނަބިއްޔާގެ އަބުރުފުޅަށް އަރައިގަންނަ މީހުންނަށް އަޅުގަނޑުމެންނަށް ދެވޭނޭ އެންމެ ފުރިހަމަ ރައްދަކީ، އިތުރު އެކަލޭގެފާނުގެ މަތިވެރި ސުންނަތުގެ ފުރިހަމަކަން އަޅުގަނޑުމެންގެ ޢަމަލުތަކުން ދުނިޔެއަށް ދައްކައިދިނުމެވެ. އެކަލޭގެފާނު ކާފިރުންގެ ކުރިމަތީގައި ޢަޒުމުފުޅާއި ސާބިތުކަން ދެއްކެވުމާ އެކު، ހަމަ އެފަދައިން ދެއްކެވި އޯގާވެރިކަމާއި މަޑުމޮޅިކަމާއި ޢަޤުލީ ނަޒާހަތްތެރިކަމާއި، ކެތްތެރިކަމުގެ ނަމޫނާއަށް ތަބަޢަ ވުމެވެ. އިތުރު އެކަލޭގެފާނުގެ މަތިވެރި އަޚްލާޤާއި އިޙްސާންތެރިކަމުގެ މަގުގައި ހިނގާ ބަޔަކަށް ވުމެވެ.

އެއާއެކު، ރަސޫލާއަށް ކުރެވޭ ފުރައްސާރައަށް ޖަވާބު ދީ ރައްދު ދިނުމަށް ޓަކައި އަޅުގަނޑުމެން ކުރާން ޖެހޭ އެހެން ބައެއް ކަންކަން ވެސް އެބަހުއްޓެވެ.

ފުރަތަމަ ކަމަކީ، އިތުރު އެކަލޭގެފާނަށް ހަޖޫ ޖަހައި، ފުރައްސާރަ ކޮށް، ބަދުބަސް ބުނެ ހަދާ އެއްވެސް މީހަކަށް އަޅުގަނޑުމެން މުސްލިމުންގެ ޤައުމުތަކުން މަރުޙަބާ ނުކިޔުމެވެ. އެފަދަ ޢަމަލެއް ހިންގާކަން އެނގިފައި ވާ މީހުންނަށް އަޅުގަނޑުމެންގެ ޤައުމުތަކަށް އެތެރެ ވުމަށް ވިޒާ ނުދިނުމެވެ.

ދެވަނަ ކަމަކީ، ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، ކުންފުނިތަކާއި، ޤައުމުތަކުގެ ސިޔާސީ ޕާޓީތަކާއި، ޤައުމުތަކުގެ ބޮޑެތި ޖަމްޢިއްޔާތަކާއި، މި ދެންނެވި ފަދަ ފަރާތްތަކުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން އިތުރު ނަބިއްޔާއަށް ފުރައްސާރަ ކުރާ ޙާލަތުތަކެވެ. މީގެ މިސާލަކީ އިންޑިއާގެ ވެރިކަން ކުރާ ބާހރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ނެޝަނަލް ސްޕޯކްސްޕަރސަންގެ މަޤާމުގައި ހުރެގެން ނުޕުރް ޝަރްމާ މާތް ނަބިއްޔާއަށް ހުތުރު އެއްޗެތި ކީ ޙާދިޘާއެވެ. މިފަދަ ޙާދިޘާތަކުގައި އަޅުގަނޑުމެން މަޑުމަޑުން ތިބެގެން ނުވާނެއެވެ. އިސްލާމީ ރިވެތި އަޚްލާޤާއި މުސްލިމުންގެ ޝަރަފާއި ޢިއްޒަތާ އެކަށޭނަ ގޮތެއްގައި، ތަހުޒީބީ މަގުން، އަޅުގަނޑުމެން އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާން ޖެހެއެވެ. އެޅިދާނޭ ފިޔަވަޅުތަކުގެ ތެރޭގައި އެކަން ކުރި ބަޔަކު ކުށްވެރި ކޮށް ބަޔާން ނެރުމާއި، އެ ފަރާތަކާ އެކު އަޅުގަނޑުމެން ބާއްވާ ސިޔާސީ، ޑިޕްލޮމެޓިކް، އަދި އިޤްތިޞާދީ ގުޅުންތައް ކަނޑައިލުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

ތިންވަނަ ކަމަކީ، އަޅުގަނޑުމެންގެ ބިމުގައި ތިބެގެން އިތުރު މާތް ނަބިއްޔާއަށް ފުރައްސާރަ ކުރާ ޙާލަތުގައި އަޅާ ފިޔަވަޅުތަކެވެ. އެ ފިޔަވަޅުތައް ވާން ވާނީ ޤާނޫނީ ފިޔަވަޅުތަކަކަށެވެ. އެފަދަ މީހުންގެ މައްޗަށް ޝަރީޢަތް ހިންގޭން ވާނެއެވެ. އެމީހުންގެ އެ ނުބައި ޢަމަލުތަކުގެ ސަބަބުން މުސްލިމުންގެ ޝުޢޫރުތަކަށް ދެވޭ އަނިޔާ އާއި، އިސްލާމީ މުޖުތަމަޢުގެ އިޖުތިމާޢީ ބިންގަލަށް އެ ދެވޭ ގެއްލުމާ މުތަނާސަބު ވެގެންވާ ވަރުގެ ހަރުކަށި އަދަބުތަކެއް ދެވޭން ވާނެއެވެ. އިސްލާމީ ޤައުމެއްގެ މުސްލިމް ރައްޔިތެއްގެ ގޮތުގައި ހުރެ އެ ޢަމަލު ހިންގައިފި މީހަކާ މެދު އަދަބު ދޭން ވާނީ މުޖުތަމަޢަށް ޣައްދާރު ވެ ޚިޔާނާތްތެރި ވެއްޖެ މީހަކަށް ދޭން އޮންނަ އެންމެ ހަރުކަށި އަދަބެވެ. އެހެނީ، އިސްލާމީ މުޖުތަމަޢެއްގައި އިތުރު އެކަލޭގެފާނުގެ އަބުރުފުޅަށް ވުރެ މުޤައްދަސް، އެއަށްވުރެ އަގުހުރި، އެޔަށްވުރެ ބޮޑަށް ޙިމާޔަތް ދެވޭ އެހެން ކަމެއް އޮވެގެން ނުވާނެއެވެ.

މަތީގައި ދެންނެވި ފަދައިން، ހުޅަނގުގެ ޔަހޫދީ އަދި ނަޞާރާ ސަގާފަތަކީ ﷲ ގެ ރަސޫލުން ނަބީންނާ މެދު އެންމެ ދަށު ދަރަޖައިގެ ވާހަކަތައް ލިޔެފައި ވާ ފޮތަކަށް އީމާންވާ ބައެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ރަސޫލު ބެއިކަލުންގެ އަބުރުފުޅާ މެދު ރައްކައުތެރި ވާ ސަބަބާއި، ރައްކައުތެރި ވާ ގޮތް އެމީހުންނަށް ރަނގަޅަށް ނުވިސްނުމަކީ އެކަށީގެންވާ ކަމެކެވެ. ރަސޫލުންގެ އަބުރުފުޅަށް އަރައިގަތުމަކީ "ފްރީޑަމް އޮފް އެކްސްޕްރެޝަން" ކަމަށް ބަލާ ފިކުރުތަކަށް އީމާން ވާން އެމީހުންނަށް ފަސޭހަ ވާ ސަބަބަކީ ވެސް މިއީ ކަމުގައި ވެދާނެއެވެ. ނަމަވެސް އަޅުގަނޑުމެންނަކީ ޔޫރަޕުގެ އަޅުންނެއް ނޫނެވެ. އަޅުގަނޑުމެންގެ ގޮތާއި މަގު ކަނޑައަޅާ އިރު، ޔޫރަޕު މީހުން ރުހޭ ގޮތަށް، އެމީހުންނަށް "އަންޑަރސްޓޭންޑް" ވާ ގޮތަަށް ބަލައި، އެކަމާ މެދު ފިކުރު ކުރާކަށް ނުޖެހެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް