ފާހިޝް އަމަލުތައް މަނާކުރަން މަސައްކަތް ނުކުރާ މީހުންގެ މައްޗަށް ﷲގެ ކޯފާއައުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ ފާހިޝް އަމަލުތައް ފަތުރަން ލޯބިކުރާ މީހުނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ހުރިކަމަށެވެ. އެގޮތުން ދުނިޔޭގައި ފެތުރެމުންދާ ބަލިތަކާއި ވަބާތަކުގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން އުފެދޭ ބަލިތައްކަމަށް ޚުތުބާގައި ބުންޏެވެ.
"އެފަދަ ބައެއް ބަލިތަކަށް ބޭސްކުރިއަސް ޝިފާ ލިބުން ލަސްވެއެވެ. ގުނަވަންތައް ފޭލްވެއެވެ. އެންމެ ފަހުން މަރާ ކުރިމަތިލާން ޖެހެއެވެ. މިއީ މިޒަމާނުގެ ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ހަގީގަތެކެވެ." ޚުތުބާގައި ބުންޏެވެ.
އެއްޖިންސުން ގުޅުން ހިންގުން އިސްލާމްދީނުގައި މަނާކުރަށްވާފައި ވަނީ ފާފަވެރިވުމުގެ އިތުރަށް، އެ ކަންކަމުގެ ސަބަބުން ދިމާވާ އިޖުތިމާޢީ، އަޚުލާގީ މައްސަލަތަކާއި، ފެތުރޭ ނުރައްކާތެރި ވަބާތަކާއި، ބަލިތަކުން ފަރުދުންނާއި މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައެވެ.
އިންސާނަކަށް ވީތީ އޭނާގެ ކިބައިގައި ލައްވާފައިވާ ޖިންސީ ޣަރީޒާއަށް ޝަރުއީ މިންގަނޑުގެ ތެރެއިން އިޖާބަ ދިނުމަށް މިއަދުގެ ޚުތުބާގައި ގޮވާލިއެވެ. އެގޮތުން އެ ޝަރުއީ ހަމައަކީ ކައިވެނި ކަމުގައި ޚުތުބާގައި ބުންޏެވެ.
"މިއީ ސައްހަ ރައްކާތެރި ގޮތުގައި، ޖިންސީ ޣަރީޒާ ހާސިލުކުރުމަށް ހަމަޖައްސަވާފައިވާ މަގެވެ" ޚުތުބާގައި ބުންޏެވެ.