ރިޔާސީ ޓިކެޓު ދިނުމުގައި ތިންވަނަ ވިސްނުމަކަށް ދާންޖެހޭ، ޝާހިދު ވެރިކަމަށް ކުފޫހަމަވޭ: ނަޝީދު

އާސްކު ސްޕީކާ ޕްރޮގްރާމްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

އެމްޑިޕީގެ ރިޔާސީ ޓިކެޓު ދިނުމުގައި ތިންވަނަ ވިސްނުމަކަށް ދާންޖެހޭކަމަށާއި، އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް ރުކުން ހަމަ ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ އޮތް "އާސްކު ސްޕީކާ" ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ކުރިމަތިލުމަކީ ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް ރަނގަޅު ގޮތެެއް ނޫންކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުޙައްމަދު ޟާލިޙު ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅުގޮތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ސުވާލަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެތޯ އަދި ކާމިޔާބު ނުކުރެއްވިއްޖެނަމަ ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެތޯ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއްވެސް އިންތިޙާބަކަށް ބަލިވުމަށް އެމަނިކުފާނު ނުނިކުންނަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކަށް ވެސް ނިކުންނާނީ އެ އިންތިޚާބު ކާމިޔާބުކުރުމަށްކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ކުރިން ޝާހިދު އެމަނުކުފާނާ ބައްދަލުކުރައްވައި އެ އިންތިޚާބުގެ އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތުމަށް އެބޭފުޅާ އެދިވަޑައިގަތްކަމަށެވެ.

އެހެންނަމަވެސް އެމަނިކުފާނަށް ފެންނަ ފެނުމުގަައި 2018 ވަނަ އަހަރުގެ އިންތިޚާބަށް ނިކުތުމަށް އެންމެ ރަނގަޅު ބޭފުޅަކީ ރައީސް ޟާލިޙުކަމަށް ޝާހިދަށް ދެންނެވިންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"2018 ވަނަ އަހަރު ޝާހިދު އަރިހުގައި އެފަހަރު ދެންނެވި އިރުގައި އަޅުގަނޑަށް ވެސް ވަރަށް ބޮޑަށް ސާފު ޝާހިދަކީ ރާއްޖޭގެ ވެރިކަން ކުރުމުގައި ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު ދާދިފަހުން ރައީސް ޞާލިޙު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބެން އޮތީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެކަން ކުރުމަށް އެމަނިކުފާނަކީ ޗޮއިސެއް ކަމަށެވެ.

އެ ވާހަކައިގެ ރައްދުގައި ރައީސް ނަޝީދު އޭރު ވިދާޅުވީ މިއީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައިނަންގަވަންވީ ވަގުތެއް ނޫންކަމަށެވެ.

comment ކޮމެންޓް