ލަފާކުރެވެނީ ފްލޯޓިން ސިޓީ އެކުލަވާލާފައިވާ ގޮތް ފައްޔާޒަށް އެނގިވަޑައިނުގަތީ ކަމަށް: ރައީސް ނަޝީދު

"އާސްކް ސްޕީކާ" ޕްރޮގްރާމުގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ލަފާކުރެވެނީ ފްލޯޓިން ސިޓީ އެކުލަވާލި ގޮތް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އެނގިވަޑައި ނުގަތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އޮތް "އާސްކު ސްޕީކާ" ޕްރޮގްރާމްގައި ފްލޯޓިން ސިޓީ މަޝްރޫއާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މަޝްރޫއު ކުރިއަށްގެންދާ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން ވަނީ ފްލޯޓިން ސިޓީގެ ހުރިހާ ތަނަކީ ޓުއަރިސްޓުންނަށް ވިއްކާ ތަންތަނަށް ނުހަދަން އެދިފައިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފްލޯޓިން ސިޓީގެ ކޮންމެވެސް އެއްބައެއް ސޯޝަލް ހައުސިންއަށް ހަދައިދިނުމަށް އެދޭކަމަށެވެ.

"ޓުއަރިޒަމް ގާނޫނުގެ ތެރެއިން ހެޑްލީސް އެއް އޮވެފަ ސަބްލީސް އަށް މޯގޭޖެއް ލިބުން ވަރަށް އުނދަގޫ ކަމަށް ވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެން އެކަންއޮތުމުން އިކޮނޮމިކް ކައުންސިލުން ސޯޝަލް ހައުސިންގެ ބައެއް އޭގެ ތެރެއަށް ގެނެސްދިނުމަށް ނުރުހުނީކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ފައްޔާޒަށް އެނގިވަޑައި ނުގަތީހެން އޭތިއެކުލަވާލާފައިވާ ގޮތް. ބައެއްފަހަރަށް އެހެން ބައެއް ފަރާތްތަކަށް އެނގިވަޑައި ނުގަތީމަ އެބޭފުޅުން ދެކިވަޑައިގަންނަވާނެ މީ މިހެން އޮތް ކަމެކޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަކީ އެ ޢިލްމު އެނގިލައްވާ ބޭފުޅެއްކަމަށެވެ. އެހެންކަމުން އެބޭފުޅާއަށް އެކަން ސާފުވެ އެކަމާ ގުޅޭ ކޮންޓްރެކްޓް މިހާރު ވަނީ އެކުލަވާލާފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް ފްލޯޓިން ސިޓީގެ މަސައްކަތް ބަދަލުކޮށް، ފްލޯޓިން ސިޓީގެ އިތުރު އެއްބަސްވުމެއްގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފައެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ ފްލޯޓިން ސިޓީގެ މަސައްކަތް ކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރުން ނުދެއްކި ކަމަށް ތުހުމަތުކޮށް އެކަން އެގޮތަށް ސަރުކާރުން ކުރަނީ އެ މަޝްރޫއު އެމަނިކުފާނާ ގުޅޭތީ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވާ، އިކޮނޮމިކް ކައުންސިލްގެ ޗެއާކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވީ, އެ މަޝްރޫއަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް އެ ކުންފުނިން މިހާރު ވަނީ ވިއްކާލާފައި ކަމަށެވެ.

ފްލޯޓިން ސިޓީ ހެދުމަށް ނެދަލޭންޑްސްގެ ކުންފުންޏަށް ދޫކުރި ފަޅުތައް ދޫކޮށްފައިވަނީ އެއްވެސް އަގަކާ ނުލައިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ އެފަދަ މަޝްރޫއެއްގެ ދަށުން ސޯޝަލް ހައުސިން ބިނާ ކުރުމަކީ ގާނޫނުން ތަންދޭ ކަމެއް ވެސް ނޫން ކަމަށެވެ.

comment ކޮމެންޓް