މަރުވެގެން ދާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ އޮތް "އާސްކު ސްޕީކާ" ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން ނުފެންނާނެކަމަށެވެ.
އެމްޑީޕީއަކީ އަބަދުވެސް ދުރުވިސްނޭ ޕާޓީއެއްކަމަށާއި އެ ޕާޓީއާ ދުރަށް ދިއުމަށް އުނދަގޫވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް ހޯދުމުގައި ތިންވަނަ ބޭފުޅެއް އިހުތިޔާރު ކުރުމަކީ ބުއްދިވެރި ކަމެއްކަމަށެވެ.
އާސްކު ސްޕީކާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ކުރިމަތިލުމަކީ ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް ރަނގަޅު ގޮތެެއް ނޫންކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީ ހުރިހާ އިންތިޚާބަކަށް ކުރިމަތިލާނީ ކާމިޔާބުކުރުމަށް ކަމަށާއި އިންތިޚާބުކަތަކުން ބަލިވުން ޤަަބޫލުނުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ގިނަ ދުވަސްތަކަކަށްފަހު މިއަދު ރައީސް ޞާލިޙު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީއަށް ވެރިކަން ލިބެން އޮތީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެކަން ކުރުމަށް އެމަނިކުފާނަކީ ޗޮއިސެއް ކަމަށް ވެފައިވަނިކޮށްށެވެ.
އެ ވާހަކައަށް ރައްދުދެއްވައި ރައީސް ނަޝީދުވަނީ އޭރު ރައްދު ދެއްވަފައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައިނަންގަވަންވީ ވަގުތެއް ނޫންކަމަށެވެ.