އެއްކަމެއްގައި ދެ އިލްމުވެރިން ދެ ޙުކުމެއް، ކިހިނެއްވާ ކަމެއް؟ (2)

ރައުޔު ތަފާތުވުމަކީ އެކަކު އަނެކަކު ކުށްވެރިކޮށް ރުޅި އަންނަންޖެހޭ ސަބަބެެއްނޫން -- ފޮޓޯ: އަލްޖަޒީރާ

ޝަރުޢީ ބައެއް މައްސަލަތަކުގައި މުޖުތަހިދު އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރެއިން، ދެ ސަބަބެއް ކުރީގެ މަޒުމޫގައި ގެނެސްދީފައިވާނެއެވެ. އެއީ ނައްޞު ސާބިތުވުމާއި ނުވުމުގައި އިލްމުވެރީންގެ މެދުގައި އިޚްތިލާފު އުފެދުމާއި އަދި ނައްޞު ފަހުމުވުމުގައި އިޚްތިލާފު އުފެދުމާ މި ދެ ސަބަބެވެ. މީގެތެރޭގައި ހިމެނޭ އިތުރު ބައެއް ސަބަބުތަކަށް މި މަޒުމޫނުގައި ބަލައިލާނަމެވެ.

ޝަރުޢީ ޙުކުމްތައް ނެގުމުގައި ބޭނުންކުރެވޭ މަޞްދަރުތަކާއި، ޙުކުމްތައް އިސްތިންބާޠު (ޑިރައިވް) ކުރުމުގައި ބޭނުންކުރެވޭ އުޞޫލީ ގަވާއިދުތަކާމެދު އިޚްތިލާފު އުފެދުން: ޤުރުއާނާއި ސުންނަތަކީ ޝަރީޢަތުގެ މައިގަނޑު ދެމަޞްދަރުކަމަށް ހުރިހާ އިލްމުވެރިން އިއްތިފާޤުވިޔަސް، މިނޫން އެހެން މަޞްދަރުތަކަށް އަމަލު ކުރުމުގައި އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައި ވެއެވެ. މިސާލަކަށް؛ (ޝަރުޢީ ކަމެއްގައި) މަދީނާގެ އަހުލުވެރިން އަމަލު ކުރި ގޮތް އެއީ ޙުކުމް ނެގުމުގައި ބުރަވެވޭނެ ޙުއްޖަތެއްކަމަށް އިމާމު މާލިކު ބައްލަވާއިރު، އަނެއް ތިންއިމާމުން އެގޮތަކަށް ނުބައްލަވައެވެ. ޙުކުމްތައް އިސްތިންބާޠު ކުރުމުގައި ބޭނުންކުރެވޭ އުޞޫލީ ގަވާއިދުތަކުގެތެރެއިން، މަފްހޫމުލްމުޚާލަފާ (ނައްޞަކުން ސާބިތުވާ ޙުކުމުގެ އިދިކޮޅު ޙުކުމް) އަށް އަމަލު ކުރެވޭނެކަމަށް ޖުމްހޫރުން ދެކިލައްވާއިރު، އިމާމު އަބޫ ޙަނީފާ އެގޮތަކަށް ނުބައްލަވައެވެ.

މާލިކީ މަޒުހަބުގައި އޮންނަ ގޮތުން، އީދު ނަމާދުގެ ފުރަތަމަ ރަކުއަތުގައި ހަށަން ބަން ތަކުބީރާއެކު ހަތް ތަކުބީރު ހިމެނެއެވެ. އަދި ދެވަނަ ރަކުއަތުގައި، ސަޖިދައިން ތެދުވާ ތަކުބީރާއެކު ހަ ތަކުބީރު ހިމެނެއެވެ. މިއީ މަދީނާގެ އަހުލުވެރިން އަމަލުކުރި ގޮތް ހުއްޖަތަކަށް ބައްލަވައި އިމާމު މާލިކު ނެރުއްވާފައިވާ ރައުޔެވެ. އެހެންނަމަވެސް އަނެއް ތިން މަޒުހަބުގެ އިމާމުން، އެބޭފުޅުން ބުރަވެވަޑައިގަންނަވާ ދަލީލުތަކުގެ މައްޗަށް ބައްލަވައި، އިމާމު މާލިކުގެ ރައުޔާ ޚިލާފަށް ރައުޔު ނެރުއްވާފައި ވެއެވެ.

މަފްހޫމުލްމުޚާލަފާ (divergent meaning) ގެ މިސާލަކަށް ބަލައިލާއިރު؛ وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا مِنَ الصَّلَاةِ إِنْ خِفْتُمْ أَن يَفْتِنَكُمُ الَّذِينَ كَفَرُوا ۚ (ނިސާ: 101) '.... ބިމުގައި ދަތުރުފަތުރުކޮށް އުޅޭއިރު، ކާފިރުވި މީހުން ތިޔަބައިމީހުންނަށް ގެއްލުމެއް ދީފާނެކަމަށް ބިރުގެންފިނަމަ، ނަމާދު ޤަޞްރު ކުރުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ...' މިއާޔަތުން އެނގޭގޮތުގައި؛ ދަތުރުމަތީގައިވާއިރު ނަމާދު ޤަޞްރުކުރުން ހުއްދައެވެ. އެހެންނަމަވެސް އެއީ 'ކާފިރުވިމީހުން ގެއްލުމެއްދީފާނެކަމަށް ބިރުވެތިވާހިނދުގައިކަން' ބަޔާންކުރާ ޤައިދެއް އެބައޮތެވެ. މިއީ މިއާޔަތުގެ މަންޠޫޤު (The pronounced meaning) އެވެ. މިއާޔަތުގެ މަފްހޫމުލްމުޚާލަފާއަކީ: ދަތުރުމަތީގައިކަމަށްވިޔަސް އަމާންކަމުގެ ހާލަތުގައި ނަމާދު ޤަޞްރުކުރުން ހުއްދަނުވުމެވެ. އެހެންކަމުން، އެންމެ ފުރަތަމަ އަޞްޙާބުން ނަމާދު ޤަޞްރު ކުރެއްވީވެސް ބިރުވެރިކަމުގެ ހާލަތުގައި އެކަންޏެވެ.] ނަމަވެސް އަމާންކަމުގެ ހާލަތުގައިވެސް ނަމާދު ޤަޞްރު ކުރެވޭނެކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަހުން ވަނީ ބަޔާންކޮށްދެއްވާފައެވެ.] ވަކި ޝަރުތުތަކަކާއެކު މަފްހޫމުލްމުޚާލަފާއަށް އަމަލު ކުރެވޭނެކަމަށް ޖުމްހޫރުން އެއްބަސްވެވަޑައިގަންނަވާއިރު، އެގޮތަށް އަމަލުކުރެވޭނެކަމަކަށް އަބޫޙަނީފާ ނުބައްލަވައެވެ.

އިސްވެ ބުނެވުނު ދެ ސަބަބާއެކު، އުޞޫލީ ގަވާއިދުތަކުގައި ޚިލާފު އުފެދޭ އިތުރު ސަބަބުތަކުގެ ތެރޭގައި؛ އެއްކަމެއްގައި ތަފާތު ގޮތްގޮތަށް ޙުކުމް ބަޔާންވެފައިވާ ޞައްޙަ ދަލީލުތައް އެއްކޮށް (ޖަމަޢަކޮށް) އެއިން ވަކި ކޮޅަކަށް ބުރަވުމަށް (ތަރުޖީޙުކުރުމަށް) ގެންގުޅޭ އުސޫލުތައް ތަފާތުވުމާއި، މަންސޫޚުވެފައިވާ ދަލީލެއްތޯ ދެނެގަތުމާއި، މުޠުލަޤް މުޤައްޔަދާއި، ޢާއްމު ޚާއްޞަ ކުރުމުގެ އުސޫލުތަކާ ގުޅިގެން އުފެދޭ ތަފާތުވުންވެސް ހިމެނެއެވެ.

މައްސަލައާ ގުޅޭ ދަލީލެއް އައިސްފައިނުވުން: ޒަމާންތައް ފާއިތުވަމުންދާއިރު އަލަށް އުފެދޭ ބައެއް މައްސަލަތަކާގުޅޭ ސާފު ސީދާ ނައްޞުތައް ނުހުންނަ ފަހަރު އާދެއެވެ. ޤުރުއާނާއި ސުންނަތުން ސާފު ދަލީލެއް ފެންނާންނެތް މައްސަލަތަކުގެ ޙުކުމް ދެނެގަތުމަށްޓަކައި ދެން ރުޖޫއަވާންޖެހެނީ (އެ ދެމަޞްދަރުން ބާރު ލިބިގެން އުފެދިފައިވާ) ޝަރުޢުގެ އެހެނިހެން މަޞްދަރުތަކަށެވެ. އޭގެތެރޭގައި؛ އިޖުމާޢު، ޤިޔާސް، އިސްތިޙްސާން، އިސްތިޞްލާޙު، އިސްތިޞްޙާބު އަދި ޢުރުފް ހިމެނެއެވެ. މި މަޞްދަރުތަކަށް އަމަލުކުރުމުގައި އެކި އިމާމުން (ނާއި އެ އިމާމުންނަށް ތަބާވާ މުޖުތަހިދު އިލްމުވެރިން) ގެ މެދުގައި ތަފާތުތައް ހުރެއެވެ. ވުމާއެކު، ޞަރީޙަ ޤަޠުޢީ ދަލީލެއް އައިސްފައިނުވާ މައްސަލަތަކަށް ޙުކުމް ދިނުމުގައި އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވުމަކީ އާއްމު ކަމެކެވެ. ޒަމާނީ ގިނަ ފިޤުހީ މައްސަލަތައް ވަންނަނީ މިބަޔަށެވެ. މިސާލަކަށް؛ މިނި ކިރު ބޭންކު ހެދުމާއި، ކުރެޑިޓް ކާޑާއި އިންސްޓޯލްމަންޓް ފަދަ ވިޔަފާރިއާ ގުޅޭ ބައެއް މުޢާމަލާތުތަކާއި، ގުނަވަން ބަދަލުކުރުމާއި، ފޮރެންސިކް އެވިޑެންސް ފަދަ، ސާބިތުކުރުމުގެ ޒަމާނީ ގޮތްތައް ހިމެނެއެވެ. މިބާވަތުގެ މައްސަލަތަކުގައި އިލްމުވެރިންގެ ތަފާތު ރައުޔުތައް ހުންނަތަން ފެންނާނެއެވެ.

ބުނެވިދިޔަ ފަދަ ސަބަބުތަކާއެކު، ފަރުޢީ މައްސަލަތަކުގައި އިލްމުވެރިންގެ ރައުޔު ތަފާތުވުމަކީ ދީނުގައިވާ އުނިކަމެއްނޫނެވެ. އަދި ކިއެއްތަ؟ އެއިން އެނގެނީ އިސްލާމްދީނުގެ އިލްމު ދިރާސާކުރެވި ތަރައްގީވެގެން ދިއުމުގެ މަގު އަބަދުވެސް ތަނަވަސްވެގެންވާކަމެވެ. ފަރުޢީ މައްސަލަތަކަކީ ދުނިޔެ ދެމިއޮތްހައި ހިނދަކު އުފެދި އިތުރުވަމުން ދާނެ ކަންތައްތައްކަމަށްވާތީ، އެ މައްސަލަތަކުގެ ހައްލު ހޯދޭނެގޮތް ހަމަޖެހިފައިވާކަމެވެ. ޝަރުޢީ އިލްމުތައް ދިރާސާކޮށް ކުރިއެރުވުމަށްޓަކައި، އިޚްލާޞްތެރި އިލްމުވެރިން މަސައްކަތް ކުރެއްވީ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން ކަމެވެ.

ރައުޔު ބަލައިގަނެ އަމަލުކުރުމުގައި ބުރަދަން ދެވޭނީ ބަޔާންވެ ދިޔަފަދަ މަގުބޫލު ސަބަބުތަކާއެކު، މުޖުތަހިދު އިލްމުވެރިން ނެރުއްވާފައިވާ ރައުޔުތަކަށް އެކަންޏެވެ. އިލްމީގޮތުން އެންމެ އެކަށީގެންވާ ފެންވަރަށް ގޮސްފައިނުވާ ފަރާތަކުން، ޝަރުޢީ މައްސަލައަކާމެދު ނެރޭ ތަފާތު ރައުޔެއް ބަލައިނުގަނެވޭނެއެވެ. ހަމަ މިއާއެކު، 'އެކަށީގެންވާ މިންވަރަށް އިލްމު ލިބިފައިވާ' ފަރާތަކުންވެސް، މައްސަލައިގެ ހަގީގަތް ބެލުމެއްނެތި ފާޅުކުރާ ރައުޔު ބަލައި ނުގަނެވޭނެއެވެ. މިސާލަކަށް ފޮރެކްސް ޓްރޭޑިންގެ ޙުކުމަކީ ކޮބައިތޯ އިލްމުވެރިޔަކާ ސުވާލުކޮށްލުމުން، އޭގެ ހަގީގަތަކީ ކޮބައިކަން ރަނގަޅަށް ނުބަލައި، އެއީ ޙަރާމް ކަމެކޭ ބުނެފާނެއެވެ. މިހެން ބުނެފައި އޮއްވައި، އެހެން އިލްމުވެރިޔަކު އެކަން ރަނގަޅަށް ދިރާސާކޮށް އޭގެ ހަގީގަތް ދެނެގަތުމާއެކު، އެއީ ހުއްދަ ކަމެކޭ ބުނެފާނެއެވެ. [ނުވަތަ މިކަން މިބުނި ގޮތުގެ އިދިކޮޅަށްވެސް ހިނގައިދާނެއެވެ.] މިހާލަތުގައި ކަނޑައެޅިގެން ދޫކޮށްލަންޖެހޭނެ ރައުޔަކަށްވާނީ، މައްސަލައިގެ ހަގީގަތް ދެނެގަތުމަކާނުލައި ނެރެފައިވާ ރައުޔެވެ.

ޤުރުއާނާއި ސުންނަތުން ސާފު ދަލީލު ލިބެންނެތް މައްސަލަތަކުގެ ޙުކުމް ހޯދުމަށްޓަކައި ކުރެވޭ މަސައްކަތަށް، އިޖުތިހާދު ކުރުމޭ ކިޔައެވެ. މިފަދަ މައްސަލަތަކުގެ ޙުކުމް ނެރުމުގައި، ލިބެން ހުރި ދަލީލުތަކާއި އިޖުތިހާދުގެ އުސޫލުތައް ބޭނުންކޮށްގެން، މުޖުތަހިދު އިލްމުވެރިން ޙުކުމް ނެރުއްވައެވެ. އިޖުތިހާދު ކުރާ ފަރާތުގެ އިޖުތިހާދު ރަނގަޅުވެއްޖެނަމަ ދެއަޖުރު އަދި އިޖުތިހާދު ގޯސްވެއްޖެނަމަވެސް އެއްއަޖުރު ދެއްވާނެކަމަށް ޞައްޙަ ހަދީސްގައި ވެއެވެ. ވީމާ، ވަކި މައްސަލައަކަށް އިލްމުވެރިންގެ އިޖުތިހާދުން ތަފާތު ރައުޔުތަކެއް ނެރުއްވާފައި ވިޔަސް، އެ ކޮންމެ ރައުޔަކީވެސް އިޙްތިރާމް ލިބިގެންވާ ރައުޔެކެވެ.

މުޖުތަހިދު އިލްމުވެރިންގެ ތަފާތު ރައުޔުތައް ހުންނަ މައްސަލަތަކުގެ ޙުކުމް ބުނެދޭއިރު، އަދުލުވެރި އިލްމީ ގޮތަކީ އެފަދަ މައްސަލަތަކާމެދު އައިސްފައިވާ ހުރިހާ ޚިލާފުތަކެއްވެސް ބަޔާންކޮށްދިނުމެވެ. ދެފަރާތުގެ ޙުއްޖަތްތަކާއި މުނާޤަޝާތަކަށް ބެލުމަށްފަހު އެމީހަކު ބުރަވާ ރައުޔު ނަގާނީ އެމީހަކު އަމިއްލައަށެވެ. މިސާލަކަށް ބަލާނަމަ؛ މޫނު ބުރުގާއާއި، މިޔުޒިކާއި އަދި ފިރިހެނުން ތިރިން ލާ ހެދުމުގެ ފައިކުރީގެ މައްސަލަފަދަ ކަންކަމުގައި، އިތުބާރު ހުރި މުޖުތަހިދު ދަންނަބޭލުންގެ މެދުގައި ރައުޔު ތަފާތުވެފައި ވެއެވެ. މިފަދަ ކަންކަމުގެ ޙުކުމް ބުނެދޭއިރު މި ތަފާތު ރައުޔުތައް ބުނެދޭންވާނެއެވެ. އިޚްލާޞްތެރި އަމާނާތްތެރި އިލްމުވެރިންގެ މަންހަޖަކީ އެއީއެވެ. މިވެނި ރައުޔެއްގައި ނުހިފައިފިމީހާއީ މަގުފުރެދިފައިވާ މީހެއްކަމަށް ބެލުން އެއީ އެބޭފުޅުންގެ މަގެއްނޫނެވެ. ކަންމިހެން އޮތް ނަމަވެސް، ގިނަ ރައުޔުތަކެއްގެ ތެރެއިން، ތިމާ ބުރަވާ ރައުޔަކީ މިއީ ކަމާއި އެގޮތަށް ބުރަވަނީ ކީއްވެގެންކަން ބަޔާންކޮށްލުމަކީވެސް ކުރެވިދާނެ ކަމެކެވެ. އެއީ އެކަމުގައި އޭނާގެ އަމިއްލަ ވިސްނުމެވެ. އިލްމުވެރިޔަކު އެގޮތަށް ބުނިނަމަވެސް، އެއާ އެއްގޮތަށް ތަބާވުން އެހެންމީހުންނަށް ކޮންމެހެން ލާޒިމެއްނުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް