މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓުގެ ގާޒީންނަށް ޚާއްސަ އެލަވަންސެއް

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓުގެ ގާޒީންނަށް ޚާއްސަ އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މެޖިސްޓްރޭޓުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފޮނުވާފައިވާ މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.

މަޝްވަރާތަކަށް ފަހު ކޮމިޓީން ވަނީ މެޖިސްޓްރޭޓުންނަށް މުސާރައިގެ ކުރިއެރުން ގެނައުމަށް ޖޭއެސްސީގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ އިތުރުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވަތީ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައެވެ. އެ ރިޕޯޓު ވަނީ މިއަދު މަޖިލީހަށް ހުށަހަޅައިފައެވެ.

މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ހުށަހެޅުނު އެއް އިސްލާހާއެކު އެކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 55 މެންބަރުންގެ އިއްތިފާގުންނެވެ.

ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރަމުންދާތީ ހަތަރު މަސް ދުވަހަށް ގާޒީންނަށް އިނާޔަތެއް ދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުށަހަޅާފައިވާ މައްސަލަ ވެސް ދިރާސާ ކޮށްފައިވަނީ މާލިއްޔަތު ކޮމިޓީންނެވެ. މިއަދުގެ ޖަލްސާގައި އެ ރިޕޯޓު މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަ ނިންމުމަށް ނުރަސްމީ ގަޑީގައި އަޑުއެހުންތަކަށް ނުކުންނަ އެ ކޯޓުގެ ގާޒީންނަށް މަސައްކަތަށް ނުުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ހަތަރު މަސްދުވަހަށް ދިނުމަށް ނިންމާފައެވެ.

އެކަން މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 57 މެންބަރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް