ދޮގު ޚަބަރު ފެތުރިކަމަށް ބުނެ އޭގެ ބަދަލެއްގެ ގޮތުން 10 މިލިއަން ރުފިޔާ ހޯދަން މެންބަރު ސަަލީމް ކޯޓަށް

ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާ ގުޅޭ ގޮތުން ދިޔަރެސް ނޫހުގައި ދޮގު މައުލޫމާތު ފެތުރިކަމަށް ބުނެ އޭގެ ބަދަަލެއްގެ ގޮތުން 10 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މި ފަހުން ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެ ވީޑިއޯގައި ދެން ފެންނަ މީހާ ސާފު ނުވާއިރު ދިޔަރެސް ނޫހުން ރިޕޯޓް ކޮށްފައިވަނީ އެއީ ސައްލެ ކަމަށް މީހުން ބުނާ ކަމަށެވެ.

އެކަމާ ގުޅިގެން ސައްލެ މިއަދު "ސަން"އަށް ވިދާޅުވީ "ދިޔަރެސް"ގައި މި މަހުގެ 25 ވަނަ ދުވަހު ލިޔެފައިވާ ލިޔުމެއްގައި ސައްލެއާ ގުޅުވާ ގަސްދުގައި ދޮގު މަޢުލޫމާތު ފަތުރާ ގެއްލުން ދިނުމުގެ މަގްސަދުގައި ލިޔުން ޝާޢިއު ކޮށްފައިވާތީ، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ދައުވާކޮށް ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

"ދިޔަރެސް ނޫހުގައި ޝާޢިއުކޮށްފައިވާ ލިޔުމުގައި ވީޑިއޯއަކާ ހަވާލާދީ އެ ވީޑިއޯއިން ނުފެންނަ މީހަކީ އަޅުގަނޑު ކަމަށް ލިޔެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ކަމަށް ބުނާ ފަރާތާއި އެކަމުގެ ހަގީގަތް ސާފު ކުރުމުގެ ގޮތުން ސުވާލެއްވެސް ކޮށްލުމެއްނެތި އަދި އެއީ ސޯޝަލް މީޑިއާގައި އެނބުރޭތާ އެތައް މަސްތަކެއް ފާއިތުވެފައިވާ ވީޑިއޯއެއް ކަމަށް އެތައް ބަޔަކަށް އެނގޭއިރު އެ ލިޔުން ލިޔެފައިވަނީ، އެއްވެސް ޒިންމާދާރުކަމެއް އިންސާފުވެރިކަމެއް ނެތްގޮތެއްގައި،" މެންބަރު ސައްލެ ވިދާޅުވިއެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ދިޔަރެސްގައި އެލިޔުން ޝާއިޢުކޮށްފައިވަނީ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމެއްގައި ޙަޤީޤަތް އޮޅުވާލާއިގެން ކަނޑައެޅިގެން ގެއްލުންދިނުމުގެ މަޤުޞަދުގައިކަމަށް ފާހަގަކޮށްފައިވެއެވެ.

ސައްލެ ހުށަހަޅާފައިވާ އެ މައްސަލާގައި ދަޢުވާކޮށްފައިވަނީ ޚަބަރު ޝާޢިއުކުރި އޮންލައިން ނޫހުގެ މަސްއޫލުވެރި ފަރާތުގެ ޙައިޞިއްޔަތުން ދިޔަރެސް މީޑިޔާގެ މައްޗަށާއި ދިޔަރެސް ނޫހުގެ އެޑިޓަރުގެ ޙައިޞިއްޔަތުން ސ. ހިތަދޫ، ސަންސެޓްވިލާ ހީނާ ވަލީދުގެ މައްޗަށެވެ.

މީގެ އިތުރުން ދިޔަރެސް ނޫހުގައި ޝާއިއުކުރި ދޮގު ލިޔުމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި އަދި އެނޫންވެސް ގޮތްގޮތުން ސަައްލެއާ ގުޅުވައިގެން ދެއްކި ދޮގުވާހަކަތަކަކީ ހަގީގަތެއް ކަމަށް ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި ފަރާތްތަކާމެދު ވަކި ވަކިން ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ސައްލެގެ ވަކީލުންގެ ޓީމުން ގެންދަނީ ކުރަމުން ކަމަށް އެ މީހުން ބުނެއެވެ.

comment ކޮމެންޓް