އީރާނުން ފުރަތަމަ ފަހަރަށް ބިޔަ ރޮކެޓެއް ޖައްވުގެ މަތީ ފަށަލައަށް ފޮނުވައިފި

އީރާނުގެ ސޮލިޑް ފިއުލް ރޮކެޓް އުދުއްސާލަނީ

ތެހެރާން (30 ޖޫން 2022): އީރާނުން މިހާތަނަށް ފޮނުވާފައިނުވާ ވަރުގެ ބިޔަ ރޮކެޓެއް (ސެޓަލައިޓް އަރުވަން ބޭނުންކުރާ ރޮކެޓެއް) ކާމިޔާބުކަމާއެކު ފަޒާއަށް ފޮނުވާލައިފިއެވެ.

އީރާނުގެ ފަޒާއާބެހޭ އިދާރާއާ ހަވާލާދީ އެގައުމުގެ ފާރިސް ނޫސް އެޖެންސީން ޚަބަރުދޭގޮތުގައި މިއީ ސޮލިޑް ފިއުލްއާއި ލިކުއިޑް ފިއުލް ހިމެނޭ ރޮކެޓެކެވެ. މިރޮކެޓް އުދުއްސާލުމުން ދަތުރުކުރާނީ ސޮލިޑް ފިއުލްއާއި ލިކުއިޑް ފިއުލް މިކްސް ވެގެން ލިބޭ ވަރުގަދަ ހަކަތައިންނެވެ.

މިއީ އަޑަށްވުރެ ދެގުނަ ބާރަށް ދަތުރުކުރާ ރޮކެޓެކެވެ. މިދިޔަ ހޯމަދުވަހު ތަޖުރިބާކުރި މިރޮކެޓް ވަނީ ފަޒާގައި ދުނިޔޭގެ ވަށައިގެންވާ މަތީ ފަށަލަތަކަށް އެކަމަށް އެކަށޭނަ ވަގުތުގައި ވާސިލް ވެފައިކަމަށް އީރާނުގެ ސައެންޓިސްޓުންނާ ހަވާލާދީ ފާރިސް ނޫސްއެޖެންސީ ބުނެފައިވެއެވެ.

އީރާނުން އުފައްދާފައިވާ ސެޓަލައިޓެއްްގެ ކައިރީގައި އެގައުުމުގެ ސްޕޭސް އެޖެންސީގެ ބަޔަކު

މި ބިޔަ ރޮކެޓް އީރާނުން ޖައްވަށް އުދުއްސާލާފައި މިވަނީ އީރާނުން ރޮކެޓެއް ޖައްވަށް ފޮނުވުމުގެ ތައްޔާރީތައް ވަމުންދާކަން ސެޓަލައިޓް ފޮޓޯތަކުން ހާމަވާކަމަށް އެމެރިކާގެ އެއަރޮސްޕޭސް ޓެކްނޮލޮޖީގެ ކުންފުންޏެއް ކަމަށްވާ "މާކްސާ ޓެކްނޮލޮޖީސް"އިން ބުނިތާ ދުވަސްތަކެއް ފަހުންނެވެ.

އީރާން ބުނާގޮތުން މިރޮކެޓަކީ މިހާތަނަށް އީރާނުން ފަޒާއަށް ފޮނުވާ އެންމެ ބިޔަ ރޮކެޓެކެވެ. މިރޮކެޓްގެ ބަރުދަނުގައި 52 ޓަނު ހުންނައިރު މި ރޮކެޓުން 220 ކިލޯގްރާމުގެ ބަރުދަން ހުންނަ ތަކެތި ޖައްވުގެ މަތީ ފަށަލަތަކަށް ފޮނުވާލެވޭނެއެވެ.

މިއީ އެއްފަހަރާ (އެއްރޮކެޓުން) ގިނަ ސެޓަލައިޓްތައް ފޮނުވުމަށް އީރާނުން ކުރާ ތަޖުރިބާއެއްކަމަށް ވަނީ ބެލެވިފައެވެ. 220 ކިލޯގްރާމުގެ މިންވަރަކީ ކުދި 20 ސެޓަލައިޓް އަދި އާދައިގެ ސެޓަލައިޓް ތަކުގެ ފަސް ސެޓަލައިޓްގެ ބަރުދަނެވެ.

އީރާނުން އެންމެ ފުރަތަމަ އެގައުމުގެ އަމިއްލަ ރޮކެޓެއްގައި ޖައްވަށް ސެޓަލައިޓެއް ފޮނުވީ 2005 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެއީ "ސީނާ ވަން"ގެ ނަމުން ނަންދީފައިވާ ތަޖުރިބާ ސެޓަލައިޓެކެވެ.

އީރާނުގެ ރޮކެޓެއް ސްޕޭސްއަށް ދަތުުރުކުރަނީ

އެއަށްފަހު މިހާތަނަށް ހަ ސެޓަލައިޓް އެކިފަހަރުމަތިން އީރާނުން ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާފައިވާއިރު ޖައްވަށް ފޮނުވުމުގައި ނާކާމިޔާބުވެގެން އީރާނުގެ ތިން ސެޓަލައިޓެއް އޭގެ އޯބިޓަށް ނުދަނީސް ވެއްޓިފައިވެއެވެ.

އީރާނުން ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވި ސެޓަލައިޓްތަކުގެ ތެރޭގައި ކޮމިއުނިކޭޝަނާބެހޭ ސެޓަލައިޓަކާއި އަސްކަރީ މައުލޫތު ހޯދުމަށް ޚާއްސަ ޖާސޫސީ ސެޓަލައިޓެއްވެސް ހިމެނެއެވެ. މިސެޓަލައިޓްތައް ފޮނުވަން އީރާން ބޭނުންކޮށްފައިވަނީ އާދައިގެ ރޮކެޓްތަކެވެ.

އީރާނުން ބާރުގަދަ ރޮކެޓެއް އައުޓާ ސްޕޭސްއަށް އެންމެ ފުރަތަމަ ފޮނުވީ މިދިޔަ އަހަރެވެ. އެއީވެސް ތަޖުރިބާ ރޮކެޓެކެވެ. އެތަޖުރިބާގެ އަލީގައި މިފަހަރު ފޮނުވާފައި މިވަނީ އެއަށްވުރެ މާބިޔަ އަދި މާބާރުގަދަ އަދި މާ ސްޕީޑު އަވަސް އަދި ސޮލިޑް ފިއުލްއާއި ލިކުއިޑް ފިއުލް މިކްސް ވެގެން ހަކަތަލިބޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ރޮކެޓެކެވެ. މީގެއިތުރުން މިއީ ވިންގެޑް ރޮކެޓެއްވެސް މެއެވެ.

އީރާނުގެ މިތަޖުރިބާއަކީ ޖައްވަށް ބޮޑެތި ސެޓަލައިޓް ފޮނުވަން ކުރި ތަޖުރިބާއެއްކަމަށް ވަނީ ބެލެވިފައެވެ. އީރާނަކީ އިސްލާމީ ގައުމުތަކުގެ ތެރެއިން އަމިއްލަ ޓެކްނޮލޮޖީން އުފައްދާ ރޮކެޓުގައި ޖައްވަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ހަމައެކަނި ގައުމެވެ.

މެދުއިރުމަތީގައި އީރާން ފިޔަވައި އަމިއްލަ ޓެކްނޮލޮޖީން އުފައްދާ ރޮކެޓުގައި ޖައްވަށް ސެޓަލައިޓް ފޮނުވާފައިވާ އަނެއް ގައުމަކީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްރާއީލެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު