މިވަގުތަށް އޮތް ގޮތަކީ މިހާރު އޮތްގޮތަށް ހެއްކާބެހޭ ބިލް ފާސްކުރުން: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

މިވަގުތަށް އޮތް ގޮތަކީ މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލް ފާސްކުރުން އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 10:30ގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލް ފާސް ނުކުރުމަށް ގޮވާލައި މޯލްޑިވްސް ޖާނަލިސްޓް އެސޯސީއޭޝަން (އެމްޖޭއޭ) އިން އިސް ނަގައިގެން މަޖިލިސް ސަރަހައްދުގައި ވަނީ އިހުތިޖާޖުކޮށްފައެވެ.

އޭރު އެ ސަރަހައްދުގައި އިހުތިޖާޖު ކުރަމުންދިޔަ ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިވަގުތަށް ހެއްކާ ބެހޭ ބިލަށް ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށެވެ.

މިހާރު ހެއްކާ ބެހޭ ބިލް އޮތް ގޮތަށް ފާސްކުރުމަށްފަހު އެއަށް އިސްލާހުގެނެވިދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވަރަށް ބޮޑު މަސައްކަތެއް އެއީ. އެތައް މަހެއްގެ މަސައްކަތް. ދެން ހެދޭނީ އެންމެ ގޮތެއް. މިހާރު އޮތްގޮތަށް ބިލް ފާސްކޮށްފަ ފަހުން ތި ބޭނުންވާ ގޮތަށް އިސްލާހު ގެނެވިދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ނޫސްވެރިއެއްގެ ވާހަކަ ވެސް ހުރިހާ މެންބަރުން އަޑުއަހާނެ ކަމަށާއި ނަމަވެސް ހެއްކާ ބެހޭ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް އެކަށީގެންވާ ވަގުތެއް މިހާރަކު ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހެއްކާ ބެހޭ ބިލަށް ވޯޓު ނެގުން މިއަދު އެޖެންޑާކޮށްފައިވާއިރު، އެ ބިލާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން މަސްދަރުގެ މައުލޫމާތު އާންމުކުރުމުން އެ މީހަކާ އަދި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޖޭއޭ އަދި އެމްއެމްސީން ބުނެފައި ވަނީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހާދަތަކުގައި ހިޔާލުފާޅުކުރުމުގެ އަސާސީ ސިފައިގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ނޫސްވެރިންގެ މަސްދަރު ނުވަތަ މައުލޫމާތު ދޭ މީހާ ހިމާޔަތްކުރުމުގެ ހައްގު ލިބިގެންވުން ކަމަށެވެ.

comment ކޮމެންޓް