ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި އިތުރު ހެއްކެއްގެ ހެކިބަސް ނަގައިފިއެވެ.
އާރަށު މައްސަލައިގައި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ސެކްޝަންގައި, އެ ދުވަސްވަރު މަސައްކަތްކުރި މީހެއްގެ ހެކިބަސް މިއަދު ވަނީ ނަގާފައެވެ. ދައުލަތުން އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އެމްއެމްޕީއާރުސީން އޭރު ރަށްތައް ދޫކުރަމުންދިޔަ ގޮތް ސާފުކުރުމަށެވެ.
އާންމު އުސޫލެއްގެ ތެރެއިން ރަށްތައް ދޫކުރަމުންދިޔަ ނަމަވެސް ބައެއް ފަހަރު ރައީސް އޮފީހުން ގޮތެއް ކަނޑަނާޅަނީސް ރަށްތައް ދޫކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް ވ. އާރަށް ކުއްޔަށް ދޫކުރިއިރު އޭނާ ހުރީ ރާއްޖޭއިން ބޭރުގައި ކަމަށް ބުންޏެވެ. އެހެންކަމުން ދިފާއުން އެ ހެކިވެރިޔާއާ މާގިނަ ސުވާލުތަކެއް ނުކުރެއެވެ. އަދި މިއަދުގެ އަޑުއެހުން ގަޑިއެއްހާއިރު ނުވަނީސް ވަނީ ނިންމާލާފައެވެ.
މިއަދު ނެގި ހެކިބަހާއެކު އެ މައްސަލައިގައި މިހާތަނަށް ނަގާފައިވަނީ ތިން ހެއްކެއްގެ ހެކި ބަހެވެ. މީގެ ކުރިން ހެކިބަސް ނަގާފައިވަނީ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ދެ ފުލުހުންގެއެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله ޒިޔަތު ވެސް ހިމެނެއެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.