ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާސިން ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާސިން ސްކޮލާޝިޕްގެ އެހީގައި މިހާރު ވެސް ހަތް ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުން -- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާސިން ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ "ޓްރީ ޓޮޕް ހޮސްޕިޓަލް ނާސިން ސްކޮލާޝިޕް" ތައާރަފްކޮށްފައި ވަނީ ނަރުސްކަމުގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް ކަމަށެވެ. އެހެންކަމުން އެ ހޮސްޕިޓަލުން ވަނީ ޑިޕްލޮމާ އަދި އަންޑަ ގްރެޖުއެޓް ޑިގްރީގެ ގޮތުގައި ވިލާ ކޮލެޖާ ގުޅިގެން ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހުޅުވާލާފައެވެ.

އެ ސްކޮލާޝިޕްގެ ދަށުން މިހާރު ވެސް ހަތް ދިވެހި ނަރުހުން މުޅިން ހިލޭ ކިޔަވަމުންދާ އިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކަށް ވެސް ސްކޮލާޝިޕް ފުރުސަތު ދެނީ ހަތް މީހަކަށެވެ. އެގޮތުން ބީއެސްސީ (އޮނާސް) ނާސިންގް (އިންޓަނޭޝަނަލް) ޓޮޕް-އަޕް ކިޔެވުމަށް ދެ ސްކޮލާޝިޕާއި ނާސިން ޑިޕްލޮމާ ފުރިހަމަ ކުރުމަށް ފަސް ސްކޮލާޝިޕް ދޭނެއެވެ.

ސްކޮލާޝިޕްތަކަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައި ވުމާއި ވިލާ ކޮލެޖުން ނާސިން ބެޗްލާސްއަށް ނުވަތަ ޑިޕްލޮމާއަށް ޖާގަ ލިބިފައި ވުން ހިމެނެއެވެ.

އެ ސްކޮލާޝިޕްތަކަށް އެދި، އަލަށް ކޯހަށް ވަންނަ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފޯމް ހުށަހެޅިދާނެއެވެ. ނަމަވެސް ކޯހަށް އެދޭ ދަރިވަރަކީ އެހެން ސްކޮލާޝިޕެއް ލިބި ތައުލީމު ހޯދަމުންދާ ނުވަތަ ވިލާ ކޮލެޖު ނޫން އެހެން ތަނަކުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރަކަށް ވެގެން ނުވާނެއެވެ.

އެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ޓަކައި އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޓްރީޓޮޕްގެ އީމެއިލް [email protected] އަށް ލިޔެކިޔުންތައް މެއިލް ކުރަން ޖެހޭނެއެވެ.

އެ ކޯހަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި އެޓެސްޓްކުރި ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓާއި އެޓެސްޓްކުރި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ޕާސްޕޯޓް ސައިޒް ފޮޓޯއާއި ފުރިހަމަކޮށް ސޮއިކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ކޯހަށް ހޮވުނުކަމަށް ކޮލެޖުން ދޫކޮށްފައިވާ ސިޓީއާއި ޕޮލިސް ރިޕޯޓް ހިމެނެއެވެ.

comment ކޮމެންޓް