ދިރުވާލައިގެން ރާއްޖެ އެތެރެކުރި 240 ބުލެޓް ޑްރަގް, އަދި ބޭރުވީ 13 އެތި

މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ: ދިރުވާލައިގެން ރާއްޖެ އެތެރެކުރި 240 ބްލެޓް މަސްތުވާތަކެތި ބަނޑުން ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އައި އިނގިރޭސިވިލާތުގެ ދެ މީހެއްގެ ބަނޑުގައި 240 ބުލެޓް މަސްތުވާތަކެތި ހުރިކަމަށާއި އޭގެ ތެރެެއިން މިހާތަނަށް ބޭރުވެފައިވަނީ 25 ބުލެޓް ކަމަށް ފުލުހުން ބުނެފިއެވެ.

އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.

އެ ދެ މީހުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތުމުގެ ސަބަބުން މުއްދަތުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ދެ މީހުންގެ ޣައިރު ހާޒިރުގައެވެ.

މުއްދަތު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އެ ދެ މީހުންގެ ބަނޑުގައި ވެސް 120 ބުލެޓްގެ މަސްތުވާތަކެތި ހުރި ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރެއިން އެކެއްގެ ހަށިގަނޑުން 13 ބުލެޓް އަދި ދެވަނަ މީހާގެ ހަށިގަނޑުން 12 ބުލެޓް މިހާތަނަށް ބޭރުކުރެވިފައިވާ ކަމަށެވެ.

އެ ދެ މީހުން ވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވަނީ ހަށިގަނޑުގެ ތެރޭގައި ހުރި މަސްތުވާތަކެތީގެ ބުލެޓްތައް ބޭރުކުރުމަށެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމާއެކު ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންނަށް ވަނީ އަންގާފައެވެ.

އުމުރުން 41 އަހަރުގެ އެ ދެ ފިރިހެނުން ވަނީ އެމީހުންނަށް ދައުލަތުގެ ހަރަދުގައި ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދިފައެވެ.

comment ކޮމެންޓް