ޝައިޚް ނިޝާން ހައްޔަރު ކުރިތާ ހަފުތާއެއް، ދަރިފުޅު އަދިވެސް ހުރީ ބިރުވެރިކަމެއްގެ ތެރޭގައި

އައްޝައިޚް ނިޝާން ދަރިފުޅާއެކު ހުއްޓާއި ފުލުހުންގެ ފައުޖެއް އޭނާ ހައްޔަރުކުރަން ގޮސް ---

މި މަހުގެ 21 ވަނަ ދުވަހު އައްޝައިޚް އާދަމް ނިޝާން ހައްޔަރުކުރަން ފުލުހުން ދިޔައީ އުމުރުން އަށް އަހަރުގެ ދަރިފުޅާއެކު އިޝާ ނަމާދަށް ވަޑައިގަންނަވަނިކޮށެވެ. މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ފައުޖަކުން އޭނާ ހައްޔަރުކުރުމުގައި އަމަލުކުރި ގޮތުން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރިއެވެ.

އިމާދުއްދީން ސުކޫލާއި ފުރުގާން މިސްކިތް ގުޅޭ ގޯޅި ކައިރިން ނިޝާން ދަރިފުޅާއެކު ވަޑައިގަންނަވަނިކޮށް ކުއްލިއަކަށް މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ފައުޖެއް ދިޔުމުން އޭނާގެ ދަރިފުޅު ވަރަށް ބޮޑަށް ބިރުގަތެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ހިންގި ހަރަކާތާ ގުޅިގެން ނިޝާން ހައްޔަރުކުރި ފަހުން އޭނާގެ ދަރިފުޅަށް ވަނީ ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެކަން އެހެން ދިމާވީ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުންނެވެ.

ދަރިފުޅާއެކު ނިޝާން ހުއްޓައި މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ފޯސްއެއް ގޮސް އޭނާ ވަށާލީއެވެ. ފުލުހުން އޭނާ ހައްޔަރުކުރަން އުޅުނީ އެ ކުޑަ ދަރިފުޅު ކުރިމަތީގައެވެ.

ނިޝާންގެ އާއިލާއިން "ސަން"އާ ވާހަކަދެއްކި މީހަކު ކިޔައިދިން ގޮތުގައި އޭނާގެ އެދުމަށް ދަރިފުޅު ގެއަށް ގެންދިއުމުގެ ހުއްދަ ފުލުހުން ދިނެވެ. ނަމަވެސް އޭނާ ދިރިއުޅުއްވާ ރެހެންދި ފްލެޓާ ހަމައަށް ދެވެންދެން ވެސް ފުލުހުންގެ ފައުޖު ވަނީ އެދެބަފައިން ވަށާލައިފައި ކަމަށް އާއިލާއިން ވާހަކަދެއްކި މީހާ ކިޔައިދިނެވެ. އަދި ގެއަށް ވަނީ ވެސް ފުލުހުންގެ ފައުޖާއެކުއެވެ.

އެކަމުގެ ސަބަބުން ކުޑަކުޑަ އެ މައުސޫމް ކުއްޖާގެ ދުވަސްތައް ގުނަންޖެހުނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

އާއިލާއިން ބުނިގޮތުގައި އެ ހާދިސާއަށް ފަހު ތިން ދުވަސް ވަންދެން އެ ކުއްޖާ ކާއެއްޗެއް ރަނގަޅަށް ނުކައެވެ.

"ކުޑަކޮށް ކޮންމެ ވެސް ވަރަކަށް އެ ކުއްޖާ ކައި. އެކަމަކު ވަރަށް ހާލުން ކާންދެވެނީ. ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އެ ކުއްޖާ ހުރީ،" އާއިލާއިން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

އެ ހާދިސާއަށް ހަފްތާއެއް ވެގެން ދިޔައިރު ވެސް އެ ކުއްޖާގެ ހާލަތު އެއްކޮށް ރަނގަޅު ވެފައެއް ނުވެއެވެ. ކުރިން ހިނިތުންވެފައިވާ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމުގެ ކުލަވަރެވެ.

އަދިވެސް އެ ކުއްޖާ އާންމު ހާލަތަށް ބަދަލެއްނުވެއެވެ. މީހުންނާ އަދިވެސް މާބޮޑަށް ވާހަކަ ދައްކާ ނަހަދާކަމަށް އާއިލާއިން ބުންޏެވެ.

"އަދިވެސް މުޅިން ރަނގަޅެއް ނޫން. މީހުންނާ ވާހަކަދައްކާ ހަދާ ނޫޅުނަސް އެކަމަކު މިހާރު ރަނގަޅަށް ކައިބޮއެ ހަދާ،" ޝައިޚް ނިޝާންގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުންޏެވެ.

ސޯޝަލް މީޑާއިގައި އެ ކުއްޖާގެ ހާލަތު ބަޔާންކޮށް އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރަން ފެށުމުން ހައްޔަރު ކުރިތާ ދެ ދުވަސް ފަހުން ފުލުހުން ޝައިޚް ނިޝާންއަށް ކުއްޖާގެ ހާލުބެލުމަށް ފުރުސަތު ދީފައިވާކަމަށް އާއިލާއިން ބުންޏެވެ.

"ސޯޝަލް މީޑިއާގައި ލިޔަން ފެށީމަ ނިޝާންބެއަށް ފުރުސަތު ދިނީ ހާލުބަލާލަން. ފުލުހުންނެއް ނޫން ހާލުބެލީކީ ވެސް،" ފުލުހުން އެ ކުޑަ ކުއްޖާގެ ހާލުބަލާފައިވާކަމަށް ބުނެ މިޑިއާތަކުގައި ފަތުރާފައިވާ ވާހަކަތަކަށް އިޝާރާތްކޮށް އާއިލާއިން ބުންޏެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. ކުޑަކުއްޖަކަށް ދިމާވި މިފަދަ ބޮޑު ނަފްސާނީ މައްސަލައެއްގައި އެ މިނިސްޓްރީން ބަހެއް ނުބުނާތީ ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އާއިލާއިން ބުނަނީ ފުުލުހުން ބޭނުންކުރީ ހާލަތާ ނުބައްދަލު ބާރު ކަމަށް

ޝައިޚް އާއިލާއިން ބުނިގޮތުގައި ޝައިޚް ނިޝާން ހައްޔަރުކޮށްފައިވަނީ ހާލަތާ ނުބައްދަލު ބާރުތަކެއް ބޭނުންކޮށްގެނެވެ. އޭނާ ކިޔައިދިންގޮތުގައި ފުލުހުން އަންގައިފިނަމަ ފުލުހުންގެ އިދާރާއަށް ޝައިޚް ނިޝާން ހާޒިރުވާނެއެވެ. އެކަމަކު ފުލުހުންނަށް ކިޔަމަންވާނެ މީހަކު ޓެރަރިސްޓުން ހައްޔަރުކުރާ ބީދައިން ހައްޔަރުކުރުމަކީ ދެރަކަމެއް ކަމަށް އާއިލާއިން ބުންޏެވެ.

ޝައިޚް ނިޝާން މިހާރު ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހަތް ދުވަހުގެ ބަންދެއްގައެވެ.

އާއިލާއިން ގަބޫލުކުރާގޮތުގައި އެ މައްސަލައާ ގުޅިގެން ޝައިޚް ނިޝާން ހައްޔަރުކުރަންޖެހޭ ސަބަބެއް ނެތެވެ. އެކަމަކު ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އާއިލާއިން ދެކެއެވެ.

އޭނާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރުމުން ގިނަ ބަޔަކު ދަނީ އެކަން ކުށްވެރިކޮށް އަޑު އުފުލަމުންނެވެ.

އެގޮތުން ޝައިޚް ނިޝާންގެ އުފަން ރަށް ކަމުގައިވާ ލ. މާމެންދޫ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޝައިޚު ނިޝާނަކީ އެންމެންގެވެސް ލޯތްބާއި ގަދަރު ލިބިފައިވާ ބޭފުޅެއް ކަމަށެވެ. އޭނާއަކީ ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން އެރަށު ރައްޔިތުންނަށް ލަފާއެރުވުމުގައި ދެމިހުންނެވި ދީނީ އިލްމުވެރިއެއް ކަމަށް ވެސް މާމެންދޫ ކައުންސިލުން ބުންޏެވެ.

"ޝައިޚު ނިޝާނަކީ ރަށާއި އިސްލާމްދީނަށްޓަކައި ނުހަނު ސާބިތުކަމާއެކު ވަޑައިގަންނަވާ ލަފާދާރެއް. ރަށުގައި ހަރުކަށި ފިކުރު ފަތުރަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތް، ދީނީ ގޮތުން ސާފުކުރަން ޖެހޭ އެއްޗެއް އޮތަސް އިޚުލާސްތެރިކަމާއެކު އޮޅުންފިލުވައިދޭ،" އެ ބަޔާނުގައިވެއެވެ.

ޝައިޚު ނިޝާނު ވީ އެންމެ އަވަހަކަށް ދޫކޮށްލުމަށް މާމެންދޫ ކައުންސިލުން ގޮވާލިއެވެ. އަދި އޭނާ ހައްޔަރުކުރިއިރު އަމަލުކުރި ގޮތް އަނިޔާވެރި އަމަލެއްގެ ގޮތުގައި ސިފަކޮށް އެކަން އެންމެ ހަރުކަށި އިބާރާތުން އެ ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ.

ޝައިޚް ނިޝާން ހައްޔަރުކުރި ކުރުމާ ގުޅޭގޮތުން މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަށް ފުލުހުން ޖަވާބެއް ނުދިނެވެ. "ސަން"އިން ކުރި ސުވާލަކީ ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ހަމަނުޖެހުން ހިންގަން ޝައިޚް ނިޝާން ގޮވާލި ކަމުގެ އެއްވެސް ހެއްކެއް ލިބިފައިވޭތޯ އާއި އަދި އެ ސަރަހައްދުގައި އޭނާ ހަމަނުޖެހުން ހިންގި ކަމުގެ އެއްވެސް ހެއްކެއް ލިބިފައިވޭތޯއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒާ ސުވާލު ތަކުރާރުކޮށްލުމުން ވިދާޅުވީ ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރީ ހެކި ހުރީމަ ކަމަށެވެ. އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވިއެވެ.

އެ ދުވަހުގެ އިހްތިޖާޖަށްފަހު ޝައިޚް ނިޝާން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ހަރަކާތާ ދެކޮޅަށް އަޑުއުފުލައި ހައްގު ބަސް ބުނުމަށް ދާން ނިންމީ އޭނާގެ އިރުޝާދުގެ ދަށުން ސުލްހަވެރިކޮށް އެ ހަރަކާތް ގެންދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. ނަމަވެސް އެ ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭ ކެކި އޭނާގެ އިރުޝާދަށް ތަބާނުވެ ގަލޮޅު ދަނޑު ތެރެއަށް ވަދެގަތީ ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ.

"ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭކެކި އަޅުގަނޑުމެން ދެމުން ދިޔަ އިރުޝާދާ ޚިލާފުވާން ފެށުމުން ނަސޭހަތްތެރިވެ އެމީހުންގެ ތެރެއަށް ވަދެ ކޮންޓްރޯލުކޮށް ފަހަތަށް ޖައްސަން އެތައް މަސައްކަތެއް ކުރިން،" ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ އެކަން ކޮންޓްރޯލު ނުކުރެވުމުން އެ ހަރަކާތް ނިންމާލީ ކަމަށް އިއުލާނުކޮށް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާނެ ކަމަށެެވެ.

comment ކޮމެންޓް