މިދިޔަ މަހު ކުޑަކުދިންގެ 137 މައްސަލައެއް، ގިނައީ ޖިންސީ ހާނިކައިގެ މައްސަލަތައް!

ކުޑަކުއްޖަކަށް ޖިންސީ އަނިޔާއެއް ދޭން އުޅޭކަން ސިފަކޮށްދޭ ޕޯސްޓަރެއް --

ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު 137 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 31 މައްސަލައަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކަ އާއި ޖިސްމާނީ ހާނިކައިގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖިސްމާނީ ހާނިއްކައިގެ 31 މައްސަލައިގެ އިތުރުން އިހުމާލުވުމުގެ 26 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ނުވަ މައްސަލަ އާއި ނަފްސާނީ ހާނިކައިގެ ނުވަ މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ހަތަރު މައްސަލައަކާއި ނަހަމަ ގޮތުގައި ކުޑަކުދިން ބޭނުންކުރުމުގެ ތިން މައްސަލައަކާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ކުޑަކުދިން ބޭނުންކުރުމުގެ ދެ މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ދެ މައްސަލަ ހުށަހަޅާފައިވެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި ކުޑަކުދިންގެ އަޚްލާގާ ގުޅުންހުރި 19 މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ ހަތް މައްސަލައަކާއި ސުކޫލަށް ދާން ބޭނުން ނުވުމުގެ ފަސް މައްސަލައެއްގެ އިތުރުން ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ފަދަ އަމަލުތަކުގެ މައްސަލަތައް ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 49 މައްސަލައެއް ވެސް ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ. އެ މިނިސްޓްރީން ބުނީ އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާ ކަމަށާއި އެފަދަ 25 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރާ އަނިޔާގެ 13 މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލައަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 18 މައްސަލައެއްގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ މައްސަލައެއް ވެސް ރިޕޯޓްކޮށްފައެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 14 މައްސަލައެއް ވެސް މިދިޔަ މަހު މިނިސްޓްރީ އަށް ރިޕޯޓުކޮށްފައިވެއެވެ.

ޖެންޑާގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 203 އެވެ. އެ މަހުގައި އޭގެ ތެރެއިން ހަ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާއިރު، ހަތަރު ކުއްޖެއް ވަނީ ރީއިންޓާގްރޭޓް ކޮށްފައެވެ.

ކުޑަކުދިންންނާ ގުޅުންހުރި އެކި އެކި މައްސަލަތަކާއެކު މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ޖުމުލަ 278 މައްސަލައެވެ.

comment ކޮމެންޓް