މި ސަރުކާރަކީ އިސްލާމީ އަގީދާގެ މައްޗަށް ބިނާވެފައި އޮންނަ މުޖުތަމައަކާ ފެއަށްޖެހޭ ސަރުކާރެއް: ޑރ. ޖަމީލު

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރަކީ އަބަދުވެސް ދިވެހި ވަންތަކަމާއި އިސްލާމީ ރިވެތި އަޤީދާގެ މައްޗަށް ބިނާވެފައި އޮންނަ މުޖްތަމައަކާ ފެއަށް ޖެހޭ ސަރުކާރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިއަދު "ސަން"އަށް ވިދާޅުވީ، މި ސަރުކާރު ހިންގަން ހަވާލުވެ ތިއްބެވި ވެރިންގެ ނިޔަތް އެއްވެސް ކަމެއްގައި ރަނގަޅު ނުވާނެކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ އެކި ޕްލެޓްފޯމުތަކުގައި ތަކުރާރުކޮށް ވިދާޅުވެފައި ވާނެ ކަމަށެވެ.

"އެންމެ ކުރިންވެސް ދައްކަމުން އަންނަ ވާހަކަ އެއީ. އެމީހުންގެ ނިޔަތް ނުވާނެ ރަނގަޅެއް. އެކަން އަދި މިހާރު އެންމެ ބޮޑަށް ހާމަވެގެން ދަނީ ސަރުކާރުގެ އިސްވެރިންގެ ފަރާތުން ފެންނަ އިސްލާމީ ހަމަތަކާ ޚިލާފު އަދި ދިވެހި އާދަކާދައާ ވެސް ޚިލާފުވާ ކަންކަމުގެ ސަބަބުން،" ޑރ. ޖަމީލު ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި މިހާރު އާންމުވަމުންދާ ކަހަލަ ފާހިޝް އަމަލުތަކަކީ ލަދުވެތި އަދި ބިރުވެރި އަމަލުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، އެކަށީގެންވާ އަދަބު ވެސް ދޭން ޖެހޭނެ ކަމަށާއި ނަމަވެސް މި ސަރުކާރަކީ ދީނީ ކަންކަމަށާއި ރަނގަޅު އާދަތަކަށް އިސްކަން ނުދޭއިރު ދީނާ ޚިލާފުކަންކަން ހުއްޓުވަން މަސައްކަތްވެސް ކުރާ ސަރުކާރެއް ނޫން ކަމަށް ޑރ. ޖަމީލު ތުހުމަތުކުރެއްވިއެވެ.

މިއަދުގެ ހާލަތު ހުރި ގޮތުން ގައުމީ ފިކުރުގެ ހުރިހާ ސިޔާސީ ވެރިން އަތާއަތް ގުޅާލަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށާއި ކިތަންމެ ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް ގައުމުގެ ހައްގުގައި ތެދުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފާހިޝް އަމަލުތައް ހިންގާ ސަރުކާރަކާއެކު ތިބުމަކީ އެ އަމަލުތަކަށްވެސް ވާގިވެރިވުން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

comment ކޮމެންޓް