ޗައިނާ އުފެއްދި ޕައިލެޓަކާނުލައި ދަތުރުކުރާ ކާގޯ މަތިންދާބޯޓުގެ ފުރަތަމަ ދަތުުރު ކާމިޔާބު

ޗައިނާ އުފެއްދި ޕައިލެޓަކާނުލައި ދަތުުރުކުރާ ކާގޯ މަތިންދާބޯޓު "ޓީޕީ 500"

ބެއިޖިންގް (29 ޖޫން 2022) : ޗައިނާއިން އުފެއްދި ޕައިލެޓަކާނުލައި ދަތުރުކުރާ ކާގޯ މަތިންދާބޯޓުގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

"ޓީޕީ 500" މަރުކާގެ މި ބޯޓަކީ ޕައިލެޓަކާނުލައި ދަތުރުކުރާ ގޮތަށް ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު މަތިންދާބޯޓެވެ. އާންމު ގޮތެއްގައި ޕައިލެޓަކާނުލައި ދަތުރުކުރާ މަތިންދާބޯޓުތަކަކީ ޑްރޯންއެވެ. ޑްރޯންއަކީ ނިސްބަތުން ލުއި އަދި ކުދި މަތިންދާބޯޓުތަކެކެވެ.

"ޓީޕީ 500" މަރުކާގެ މި ބޯޓު އުފެއްދީ ޗައިނާގެ މަދަނީ މަތިންދާބޯޓު އުފައްދާ މައި ކުންފުނިކަމަށްވާ "ޗައިނާ އޭވިއޭޝަން އިންޑަސްޓްރީ ކޯޕަރޭޝަން" އިންނެވެ. މި މަތިންދާބޯޓު ފަރުމާކޮށް ޑިޒައިންކޮށް އޭގެ ބައިތައް އުފެއްދީ "ޗައިނާ އޭވިއޭޝަން އިންޑަސްޓްރީ ކޯޕަރޭޝަން" ގެ ދަށުން ހިނގާ ރީސާޗް އިންސްޓިޓިއުޓެއް ކަމަށްވާ "ޗެންގްޑު އެއާކްރާފްޓް ރީސާޗް އެންޑް ޑިޒައިން އިންސްޓިޓިއުޓް" (ސީއޭޑީއައި) އިންނެވެ.

ޒިންހުވާ ނޫސް އެޖެންސީ ބުނާގޮތުން ޗައިނާއިން އުފެއްދި "ޓީޕީ 500" މަރުކާގެ ކާގޯ މަތިންދާ ބޯޓަކީ ޗައިނާގެ ސިވިލްއޭވިއޭޝަން ރެގިއުލޭޝަން އާ އެއްގޮތަށް އުފައްދާފައިވާ ބޯޓެކެވެ. ކާގޯއާއެކު މި ބޯޓަށް އެންމެ ދުރަށް ދަތުރުކުރެވެނީ އެއްހާސް އައްސަތޭކަ ކިލޯމީޓަރުގެ ދުރުގައިވާ ސަރަހައްދުތަކަށެވެ. އެއަށް ވުރެ ދުރަށް ދަތުކުރުކުރާނަމަ ޖެހެނީ މަޑުކޮށްފައި ތެޔޮއަޅާށެވެ. މި ބޯޓު މިދިޔަ ހޮނިހިރު ދުވަހު ކާގޯއާއެކު ކޮށްފައިވަނީ 27 މިނިޓުގެ ކުރު ދަތުރެކެވެ.

ޗައިނާއިން އުފައްދާފައިވާ ކޮމާޝަލް ފަސިންޖަރު މަތިންދާބޯޓު "ސީ 919"

"ޗައިނާ އޭވިއޭޝަން އިންޑަސްޓްރީ ކޯޕަރޭޝަން" ގައި މަތިންދާބޯޓު އުފައްދާ އެތައް ކުންފުންޏެއް ހިމެނެއެވެ. މި ކޯޕަރޭޝަން އިން ގެންދަނީ އެމެރިކާގެ ބޮއިންގް އާއި ޔޫރަޕްގެ އެއާބަސް ފެންވަރަށް ކޮމާޝަލް މަތިންދާ ބޯޓުތައް އުފެއްދުމަށްވެސް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މިމަސައްކަތްތަކުގެ ދަށުން "ކުމާކްސީ 919" ނުވަތަ ސީ 919 މަރުކާގެ ނަމުގައި ޗައިނާވަނީ މަދަނީ ކޮމާޝަލް މަތިންދާބޯޓެއް އުފައްދައި 2017 ވަނަ އަހަރު ވަނީ އެ ބޯޓު ޓެސްޓް ވެސް ކޮށްފައެވެ. ޗައިނާ ބުނާގޮތުން "ސީ 919" މަރުކާގެ ކޮމާޝަލް މަތިންދާބޯޓުތައް ގަތުމަށް 300 އާއި 400 އާ ދެމެދުގެ އޯޑަރު ލިބިފައިވާތީ އެއަދަދަށް އެމަރުކާގެ މަތިންދާބޯޓު އުފައްދަން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ސީ 919 އަކީ ޔޫރަޕްގެ އެއާބަސް އާއި އެމެރިކާގެ ބޮއިންގް އިން އުފައްދާ ކޮމާޝާލް މަތިންދާބޯޓުތަކާ އެއް ފެންވަރުގެ ޓެކްނޮލޮޖީއެއްގެ ބޯޓުތަކެއް ވެއެވެ. ޗައިނާގެ މިއުފެއްދުންތަކުގެ ސަބަބުން ކޮމާޝަލް ފަސިންޖަރު މަތިންދާބޯޓު އުފެއްދުމުގައި އެމެރިކާއާއި ޔޫރަޕުން މިހާރު ގެންގުޅޭ މޮނޮޕޮލީ ކައިރި މުސްތަގްބަލެއްގައި ނިމުމަކަށް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.

comment ކޮމެންޓް