އެންވަތުގައި އެން މަރުވާވަރު މަދުކުރެވިދާނެ

ވަތުގައި މަރުވެފައިވާ އެން

އަންދާޒާ ކުރެވޭގޮތުގައި ދިރޭއެން ބޭނުންކޮށްގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސްވެރިކަން ކުރާތާ އެއްހާސްއަހަރު ވެދާނެއެވެ. 1970ގެ އަހަރުތަކުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެކުރިން ދިވެހިން މަސްވަރިކަމުގައި ހަރަކާތްތެރިވީ ރިޔަލުދޯނިފަހަރުގައެވެ. މިރިޔަލު ދޯނިފަހަރަކީ މިހާރު މިގެންގުޅޭ އިންޖީނުލީ ދޯނިފަހަރާއަޅާބަލާއިރު ނިސްބަތުން ކުދިދޯނި ތަކެކެވެ. އެހެންކަމުން މިދޯނިފަހަރުގެ ވަތުގައި ދިރުވާފައި ބެހެއްޓެނީ ވަރަށް މަދުއެންކޮޅެކެވެ. ގާތްގަނޑަކަށް 30ހާއި 50ކިލޯއާ ދެމެދުގެ އެމެވެ. މިޒަމާނުގައި މިބޭނުންކުރާ 100ފޫޓުގެ މަސްދޯނިފަހަރުގެ އެންވަތްތަކަށް ގާތްގަނޑަކަށް 1000ކިލޯ (1ޓަނު) އެން އަޅައެވެ.

ރާއްޖޭގައި އެންމެފުޅާކޮށް ކުރެވޭ ފަރުމަހުގެ މަސްވަރިކަމަކީ ދިރޭއެމުގެ މަސްވެރިކަމެވެ. މިމަސްވެރިކަމުގައި، މަޅިކުޑަދަލެއް ބޭނުންކޮށްގެން ކުދިކުދިމަސް ހިފައެވެ. ދިރޭއެމުގެ ގޮތުގައި 15ވަރަކަށްބާވަތުގެ ތަފާތުކުދިމަސް ބޭނުންކޮށްފައިވެއެވެ. މީގެތެރެއިން ކަނޑުމަހުގެ ދޮށީގެ މަސްވެރިކަމުގައި އެންމެގިނައިން ބޭނުންކުރަނީ ހަތަރުވަރަކަށް ބާވަތެވެ. އެއީ ރެހި، ހޮނޑެލި، ބޯދި އަދި މުގުރާމެވެ. މިއަރެމަކީވެސް ދޮށީގެމަސްވެރިކަން ކުރުމުގައި ވަރަށްކާމިޔާބު އެމެކެވެ. މީގެތެރެއިން، ހާއްސަކޮށް ނޫކުލައާއިރިހިކުލަ ހުންނަ އެމަކީ ކަނޑުގެ ލޮނުގަނޑުގެ މަތީފަށަލައިގައި އުޅޭއެމެވެ. އަނެއްބައިވައްތަރުގެ އެމަކީ ފަރުބޭރުގައި އަދި އެތެރެވަރީގެ ފުންހިސާބުގައިހުންނަ ގާތައްކައިރީގައި އުޅޭއެމެވެ. އެހެންކަމުން މިތަފާތުމާހައުލުތަކުގައި އުޅޭއެން ހުންނަނީ އެސޮރުމެން އުޅޭވެށީގެ މާހައުލުގައި ހުންނަ ކަންތައްތަކަށް ހޭނިފައެވެ. މިސާލަކަށް ފުންހިސާބުތަކުގައި އުޅޭއެންތައް ތިބެނީ ލޮނުގެޕުރެޝަރ ވަރަށްމައްޗަށް ގޮސްފައިހުންނަ ފިނި ލޮނުގަނޑެއްގައެވެ.

މަސްވެރިން ދާބޭނުންކޮށްގެން (ތަފާތުމާހައުލުތަކަށް ހޭނިފައިހުންނަ) އެން ހިފައި އޮޑީގެ އެންވަތުގައި ބަހައްޓައިގެން މަސްކަނޑަށް ގެންދެއެވެ. ދިރާސާތަކުން ފެނުނީ މިގޮތަށް ގެންދާއެމުގެ ބައެއް ބައެއްފަހަރު މަރުވެގެން ކަނޑަށް އުކާލަންވެސް ޖެހޭކަމެވެ. އެންހިފުމުގައި އެކިކަހަލަ އުކުޅުތައް ބޭނުންކުރެއެވެ. ދުވާލު ފީނައިގެން، ދާފައްތައިގެން ނުވަތަ ދަލުގައި ދަނޑިބަނދެގެންވެސް އެންހިފައެވެ. ރޭގަނޑު އެންހިފާއިރު ބޮޑެތި ބައްތިތަކުން އަލިކޮށް އަދި ފުޅިއަޅައިގެންފީނާ ހަދައެވެ. މިއިންކޮންމެގޮތެއް ބޭނުންކޮށްގެން އެންހިފި ކަމުގައިވިޔަސް އެންހިފާއިރު ފަރުވާތެރިވާންޖެހޭ ކަންތައްތަކެއް ހުރެއެވެ. ނޫނީ ގިނައަދަދެއްގެ އެންމަރުވުމަށް މަގުފަހިވެދާނެއެވެ. ގިނައަދަދެއްގެ އެން ވަތުގައިމަރުވުމަކީ އެދުވަހެއްގެ މަސްވެރިކަމަށް ލިބޭނެ ހީނަރުކަމެކެވެ.

ގިނައަދަދެއްގެ އެން މަރުވުމަށް މަގުފަހިވާ ކަންތައްތައް

1 އެންދަމާ ދާ

އެންހިފަން ބޭނުންކުރާ ދަލުގައި ގޮށްހުރުމުން ދަލުގައި އެންތައް ކޭތި އެމުގައިހުންނަ ހުޅުނބުތައް ނެއްޓެއެވެ. އަދި އެމުގެބޭރުގައި ހުންނަ ލޮނދިފަށަލަ (މިއުކަސް) ނެތި އެންތައް އިސާހިތަކު ބަލިވެއެވެ. އެހެންވުމުން ވަތަށް އެންތަށްލުމާއެކު ފަސޭހައިން އެންތަށް މަރުވެއެވެ. އެންހިފަން، ގޮށްނުހުންނަ ދާ (ނޮޓްލެސް ނެޓް) ބޭނުންކުރުމުން އެމަށްލިބޭ ގެއްލުން ކުޑަވާނެއެވެ. އަދި ދާ އޮޑިކައިރިއަށް ތިލަކޮށް ގޮނިކޮށް އެންތައް ދަލުގައި ޖަމާކުރާތަނުގައި ފޮތިއަޅާފައި ބެހެއްޓުމުންވެސް އެމަށްލިބޭގެއްލުން ކުޑަވާނެއެވެ.

2 އެންދާ ތިލަކުރުން

ފުނުގައި އުޅޭއެން ހިފާއިރު މާއަވަހަށް ބާރަށް އެންދާ މައްޗަށްދަމާ، ބެދިފައިހުންނަ އެންގަނޑު ތިލަކުރުމުން އެންތަށް ފެންމަތީ ފުށުންޖެހި ފެތުރެއެވެ. (ފުލޯޓްވާން ފަށައެވެ.) މިހެންވަނީ މަސްތަކަށް ވައިއަރައިގެނެވެ. މިކަންކުޑަކުރެވިދާނެ ގޮތަކީ އެންދާ ތިލަކުރާއިރު މަޑުމަޑުން ލަހުން ތިލަކުރުމެވެ. އަދި އެންތައް އޮޑިކައިރިއަށް ތިލަކުރުމަށްފަހު، ދާ ގޮނިނުކޮށް (ބޮޑަށް ކުޑަނުކޮށް) އެންތައް ރީއްޗަށް ހަމަޖެހިލަންދެން ދާ އެންތަކާއެކު ބަހައްޓާލާނީއެވެ. މިހެންހެދުމުން އެންތަކަށް ކޮށްފައިވާ ސްޓްރެސްކުޑަވެ ކަނޑުގެ ލޮނުގަނޑުން އެސޮރުމެން ނަގާ އޮކްސިޖަން އިތުރުވާނެއެވެ. މާބޮޑު އެންގަނޑެއް ދަލުގައި ބެދިފައިވަނީނަމަ އެހާބޮޑަށް ދާގޮނިކުރުމުން ހުރިހާއެންތައް ދަލުގެތެރޭގައި ވަރަށްބޮޑަށް ތޮއްޖެހޭނެއެވެ. މިހެންވުމުން އެސޮރުމެނަށް ލިބޭ ސްޓްރެސް ވަރަށްއިތުރުވާނެއެވެ. އަދި ތޮއްޖެހުމުގެސަބަބުން ލިބޭއޮކްސިޖަންވެސް މަދުވާނެއެވެ. އެހެކަމުން ދަލުގައި އެހައިބޮޑަށް ތޮއްނުޖެހޭގޮތަކަށް އެންތައްބޭތިއްބުން މުހިންމެވެ.

3 ދަލުން ވަތަށް އެންބަދަލުކުރުން

ދަލަށް މަދުން އެންއަރާފަހަރުތަކުގައި މުޅިދަލާއެކު އެންތައް އުފުލާލާފައި ވަތަށް އަޅާތަންވެސް ފެނެއެވެ، މިހަންހެދުމުން އެތައްބައިވަރު އެމެއް ޗަސްވެ، ހުޅުނބުގޮސް ބަލިވެއެވެ. އެން ދަލުން ވަތަށް ބަދަލުކުރާއިރު އެންމެ ރަނގަޅުގޮތަކީ ފެންހަރުލާގޮތަށް ހަދާފައިހުންނަ ކަވާވަށި ބޭނުންކޮށްގެން ދަލުން ވަތަށް ފަރުވާތެރިކަމާއެކު އެން ބަދަލުކުރުމެވެ. ފެންހަރުނުލާ ކަވާވަށި ބޭނުންކުރުމުން އެންތައް ފެނުންބޭރަށްނެގި، އޮކްސިޖަން ލިބުމަށް ހުރަސްއެޅި، އެންތަށްޗަސްވެ، ހުޅުނބު އަދި މަހުގެ ބޭރުގައިހުންނަ ލޮނދިތައް ދިއުމަށް މަގުފަހިވެއެވެ. މިއީވެސް ވަތުގައި އެންމަރުވުމަށް މަގުފަހިކުރާކަންކަމެވެ.

ފެންހަރުނުލާ ކަވާވަށި

4 އެންވަތުގެ ލޮނުގަނޑު ދައުރުކުރުން

މިހާރުމިހުންނަ ބައެއްދޯނިފަހަރުތަކުގައި އެންދަމާއިރު އެންވަތަށް (ޕަމްޕެއްގެ އެހީގައި) އެންވަތުގެ މަތިން ލޮނުއަޅާތަން ފެނެއެވެ. އަދި ލޮނުގަނޑު ދައުރުކުރުމަށް، ވަތުގެލޮނު ބޭރުކުރުމަށް އުނގުރިތަކަށް ޖަހާފާހުންނަ ދިގުހޮޅިތަކުގެ އަނގަހުންނަނީ ވަތުތެރޭން ގާތްގަނޑަކަށް ޑެގުގެ ދަށުގައި ޖެހޭނުޖެހޭ ހިސާބުގައެވެ. މިހެންހުރުމުން ޕަމްޕުގެ އެހީގައި ވަތުތެރެޔަށް އަޅާލޮނު ވަތުގެ އަޑިއަށް ރަނގަޅަށްނުގޮސް ލޮނުބޭރުކުރާ ހޮޅިތަކުން ވަތުންބޭރުވެއެވެ. އެހެންކަމުން ވަތުގެއަޑިއަށް ރަނގަޅަށް އާލޮނެއް ނުދެއެވެ. އަދި ވަތުގެ ހުރިހާހިސާބަށް އެންމެ އެކަށީގެންވާވަރަށް އޮކްސިޖަނެއްނުލިބެއެވެ. ވަތަށް އެންއަޅަން ފެށުމާއެކު ވަތުގެ އަޑީގައި ޖަމާވާއެންތައް ވަތުގެއަޑީ ލޮނުގަނޑުގެ އޮކްސިޖަން ބޭނުންކުރަންފައެވެ. ސްޓްރެސްވެފައިތިބޭ އެންތައް އޮކްސިޖަން ބޭނުންކުރާ މިންވަރު އިތުރެވެ. އެހެންކަމުން އިސާހިތަކު ވަތުގެ އަޑީލޮނުގަނޑުގެ އޮކްސިޖަން މިންވަރު ދަށްވެގެންދެއެވެ. އެން ވަތަށް އަޅާއިރުވެސް ވަތުގެހުރިހާ ހިސާބެއްގާ ވަރަށް ރަނގަޅަށް ލޮނުގަނޑު ދައުރުކުރާގޮތަށް ހުރުން މުހިންމެވެ.

ފެންހަރުލާ ކަވާވަށި

5 ވަތުގެ ލޮނުގަނޑު ހެލުވުން

ބައެއްދޯނިފަހަރުގައި ވަތަށް ލޮނުލައިފައި ހުންނަގޮތުން ގަދަކަނޑުގައި ދޯނިދުއްވާއިރު ވަތުގެލޮނުގަނޑު ވަރަށްބޮޑަށް ހެލުވެއެވެ. ވަތުތެރޭގައި ތިބޭއެންތަށް "ދޮންނަމެށިނަކަށް އަޅާ" އަނބުރާ ކަހަލައެވެ. އެހެންވުމުން އިސާހިތަކު އެންތަކުން ހުޅުނބުގޮސް އެންތައް ބަލިވެއެވެ. އަދި އެންތައް މަރުވެއެވެ. މިގޮތަށް ވަތުގެ ލޮނުގަނޑު ހެލުވުން ކުޑަކުރުމަށް (ޖަޕާނުގެ އޮޑިފަހަރުގައި) ހަދާފައި ހުންނަގޮތަކީ ވަތުގެއަނގަ 2ފޫޓަށް އުފުލާލަނީއެވެ. އަދި ވަތުގެއަނގަތެރެއަށް ރަނގަޅަށް ލޮނުގަނޑު އަރާވަރަށް ވަތުގެދިޔަގަނޑު ބޮޑުކޮށްލަނީއެވެ. މިހެންހެދުމުން ވަތުގެލޮނުގަނޑު ހެލުވުން އެކަށް ހުޓެއެވެ. ކަނޑުގައި އެންތައް ޖަމާވެފައި ހުންނަ ތަންތަނަކީވެސް ލޮނުގަނޑު މައިތިރިކޮށް އޮންނަ ތަންތަނެވެ.

ޖަޕާނުގެ އޮޑިފަހަރުގެ އެންވަތުގެ އަނގަ

6 މަރު ވަތުންނެގުން

އެންވަތަށް އަޅާއެން މަރުވުމުން މާގިނައިރު ނުކޮށް ވަތުން އެމަރުވާއެން ނަގަންވާނެއެވެ. މަރުވާއެން ވަތުންނުނަގާ ގިނައިރުވުމުން މަރުވެފައިވާ އެންތައް ފަނާވަމުން (ޑިކޮމްޕޯސް) ދާއިރު އުފެދޭތަފާތު ކެމިކަލްތައް ވަތުގެތެރޭގައި ޖަމާވެ ވަތުގެލޮނުގެ ކޮލަޓީދައްކޮށްލާނެއެވެ. ރާއްޖޭގައި އާއްމުކޮށް ފެންނަނީ މަރުނެގުމަށް ވަތަށްމީހުން ފައިބައިގެން މަރުނަގާ ވަތް ސާފުކުރާތަނެވެ. މިހެންހެދުމުން ވަތުގައި ތިބޭއެންތައް ސިހި ވަތުތެރޭގައި ކޮޅުކޮޅުމައްޗަށްދުވުމުން އެސޮރުމެންގެ ސްޓްރެސްލެވެލް މައްޗަށް ދެއެވެ. ޖަޕާނުގެ އޮޑިފަހަރުގައި ވަތުގެއަޑިން މަރު ބޭރުކުރަނީ ވަތަށްނުފައިބައެވެ. އެއޮޑިފަހަރުގައި މަރުނަގަނީ ވަތުގެ އަޑިން، ޑެގުމައްޗަށް ގެނެސްފައިހުން ހޮޅިއެއްގެ ކޮޅުގައި ޖަހައިފައިހުންނަ ކެޕެއް ނައްޓާލައިގެނެވެ.

7 ވަތަށް އެންއަޅާ މިންވަރު

އެންތިޔާގި ދުވަސްވަރު ބައެއްފަހަރަށް މާގިނައިން (އެންވަތަށް އެކަށީގެން ނުވާވަރަށް) އެން އަޅާތަން ފެނެއެވެ. މިހެން އެންއެޅުމުގެ ސަބަބުން ވަތުގެ ލޮނުގަނޑުން އޮކްސިޖަންމަދުވެ އެންތަކަށް އެކަށީގެންވާވަރަށް އޮކްސިޖަން ލިބުމަށް ދަތިވެއެވެ. އަދި އިސާހިތަކު އެންތައް މަރުވާން ފަށައެވެ. ބައެއްފަހަރު ރޭގަނޑުދަމާއެން ހެނދުނު އިރުއަރާ އިރުކޮޅެއްވާއިރަށް އެންއޮޑިއެކީ މަރުވެފައި ހުއްޓާވެސް ފެނެއެވެ. ވީމާ ވަތަށް އެންއަޅާއިރު އަކިބާވަތުގެ އެން ވަތުގައި ތޮއްޖެއްސޭނީ އެކިމިންވަރަށްކަން ދެނެގަނެ ފަރުވާތެރިވާންވާނެއެވެ.

8 ވަތުތެރެ ދިއްލުން

ރޭގަނޑު އެންދަމާ ވަތަށް އެންބަލުކުރާއިރު ވަތުތެރެ އަލިކުރުމުން އެންވަތުގައި އެން ދިރުވަން ފަސޭހައެވެ. މިފަދަ ދިއްލުން އެންމެ ރަނގަޅީ ވަތުގެ ލޮނުގަނޑުގެ ތެރޭގައި ދިއްލުމެވެ. ވަތުގެ އަނގަމަތީ ލޮނުގަނޑުން ބޭރުގައި ދިއްލުމުން ބައެއްފަހަރު އެންތަށް ވަތުގެ އަޑިއަށް ރަނގަޅަށްނުގޮސް ވަތުގެ އަނގަމައްޗަށް ތޮށްޖެހި މަރުވުމަށް މަގުފަހިވެއެވެ.

ދިރޭއެމުގެ މަސްވެރިކަމަކީ އެ މަސްވެރިކަމަކާ ނުލައި ރާއްޖޭގައި މިކުރާގޮތަށް ކަނޑުމަހުގެ މަސްވެރިކަން ނުކުރެވޭނެ މުހިންމު މަސްވެރިކަމެކެވެ. ދިރޭއެމުގެ އާބާދީއަށް އަންނަ ކޮންމެ ހީނަރުކަމަކީ ކަނޑުމަހުގެ މަސްވެރިކަމަށް އޭގެނޭދެވޭއަސަރު ފޯރާނެކަމެކެވެ. އެން ބޭނުންކުރާއިރު، އެން އިސްރާފުނުވާނެގޮތަކަށް އަމަލުތައް ބެހެއްޓުމަކީ ދިރޭއެމުގެ އާބާދީއަށްކުރާ ނޭދެވޭއަސަރު ކުޑަކުރުމަށް ކުރެވިދާނެ މުހިންމުކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް