ޔޯގާ ހަމަނުޖެހުން: އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ ޙިއްސާ ކުރައްވައިފި

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ކޮމަންވެލްތު އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ މުހިންމު ކާމިޔާބީތަކާ ގުޅޭގޮތުންނާއި ރާއްޖޭގައި ފަހުން މި ހިނގައި ދިޔަ ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޒީރުންގެ މަޖިލީހާ ޙިއްސާކުރައްވައިފިއެވެ

ރައީސް، މި މަޢުލޫމާތުތައް ޙިއްސާކުރައްވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ، 2020 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު، ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހުގައި ބޭއްވި، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

މި ހިނގާ ޖޫން މަހުގެ 20އިން 25އަށް ރުވާންޑާގެ ކިގާލީގައި ބޭއްވި ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގެ ޝިއާރަކީ "ޑެލިވަރިން އަ ކޮމަން ފިއުޗާ: ކަނެކްޓިން، އިނޮވޭޓިން، ޓްރާންސްފޯމިން" މިއެވެ.

މިބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެމްބަރު ޤައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން، މެމްބަރު ޤައުމުތަކުގެ ގުޅުން ވަރުގަދަކުރުމާއި، މުސްތަޤުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އައު ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ، ހިންގި ހަމަނުޖެހުމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރައީސް، ވަޒީރުންގެ މަޖިލީހާ ޙިއްސާ ކުރެއްވިއެވެ.

އެގޮތުން އެ ކަންތައްތައް ހިނގާދިޔަގޮތް ބެއްލެވުމަށް ރައީސް އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ކުޑަ ކޮމެޓީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހަށް މަޢުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި ކޮވިޑު މަލިމަޑުކަމުގެ ހާލަތާބެހޭ އެންމެ ފަހުގެ މަޢޫލޫމާތާއި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާބެހޭ އެންމެ ފަހުގެ މައުލޫމާތު ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ޙިއްސާ ކުރެއްވިއެވެ.

comment ކޮމެންޓް