ވަގު ފޯމު ހުށަހަޅާ މައްސަލައިގައި ފުލުހުންގެ އެއްބާރުލުމެއް ނުލިބޭ: އީސީ

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާ ވަގު ފޯމުތަކުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އެއްބާރުލުން ނުލިބޭކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ހާޒިރުކޮށްފައެވެ. އެކޮމިޝަންގެ މެމްބަރު އަލީ ނަޝާތު ވިދާޅުވީ އެންމެ ފަހުން އެކޮމިޝަނާއި ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި އޭނާ ބައިވެރިވެފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ބައްދަލުވުމުގައި ފުލުހުން ބުނީ، އެ މުއައްސަސާގައި އިނގިލީގެ ނިޝާން އަޅާކިޔާނެ ރަނގަޅު ވަސީލަތެއްނެތްކަމަށެވެ.

"އޭރުގަ ދެ ޕްރޮސެސް އެއް އަޅުގަނޑުމެން ކުރަމުން ދިޔައީ. އެއް ޕްރޮސެސް އަކީ ވަގަށް ވައްދާ އެއްޗެހި އަޅުގަނޑުމެން ޕޮލިހަށް ފޮނުވުން. އަނެއް ޕްރޮސެސްއަކީ [މައްސަލަ ހުރިކަމަށް ހުށަހަޅާފައިވާ] ހުރިހާ ފޯމެއް އަޅުގަނޑުމެން ފޮނުވުން. އެކަމަކު އެދުވަހު އަޅުގަނޑުމެން ދެބައި މީހުނަށް އާދެވުނު އަންޑަސްޓޭންޑިންއަކީ އެހިސާބުން ދެން އަޅުގަނޑުމެން ވެސް ފޯމުތައް ނުފޮނުވާނީއޭ،" ނަޝާތު ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ އެދެވޭ ވަސީލަތްތައް ނެތުމުގެ ސަބަބުން ތަހުގީގަށް ފޮނުވާ ފޯމުތައް ޖެހޭނީ ފައިލްކުރަންކަމަށް އެދުވަހުގެ ބައްދަލުވުމުގައި ފުލުހުން ބުނިކަމަށެވެ.

"އެކަމަކު އޭގަ އެއްވެސް ހުރަހެއް ނާޅާ އިންޑިވިޖުއަލް މީހަކު މައްސަލަ ޖައްސާކަށް. މައްސަލަ ޖައްސައިފިއްޔާ ޕޮލިހުން ބަލައިދޭނެ،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މީހެއްގެ ސޮއި ވަގަށް ނެގުމަކީ ކުޑަކަމެއް ނޫންކަމަށެވެ.

"ޕާޓީއަކަށް ވައްދާލަންނޭ ބުނިނަމަވެސް އެއީ އަސްލު ހަމަ އިންޓަނޭޝަނަލް ލެވެލުގެ ބޮޑު ފްރޮއުޑެއް ދެއްތޯ. އެހެންވީމަ ޕޮލިހަކަށް ވިދާޅެއް ނުވެވޭނެ ނޫންތޯ ތިމަންނަމެނަކަށް ތިއެއް ނުއެއް ބެލޭނެއޭ،" އޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ޕާޓީތަކަށް ހުށަހަޅާ ވަގުފޯމުގެ މައްސަލައިގައި އެ ފޯމު ހުށަހަޅާ މީހާ ޖޫރިމަނާ ކުރެވޭނެ ގޮތެއް އޮންނަން ވާނެކަމަށެވެ.

"ޕާޓީގެ ރެޖިސްޓްރާ ޖޫރިމަނާ ކުރުމަކީ އަޅުގަނޑަށް ހަމަ އަދިވެސް ގަބޫލެއް ނުކުރެވޭ މީގަ އެންމެ ރަނގަޅު ހައްލެއް ހެނެއް. އޭގެ ބަދަލުގަ ޖޫރިމަނާ ކުރަންޏާވެސް ކުރަންވީ ވަގު ސޮއި ކުރާ މީހާ،" އޭނާ ވިދަޅުވިއެވެ.

comment ކޮމެންޓް