ގޮންޖެހުން ބޮޑު، ރަޝިޔާއާއި، އިރުމަތީ ޔޫރަޕް މާކެޓަށް އިސްތިހާރުކުރުން ރިސޯޓު ލައިފްއަށް

އެމްއެމްޕީއާރުސީން ރިސޯޓު ލައިފްއާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ އެމްއެމްޕީއާރުސީ

ޔޫކްރޭން ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ ރަޝިޔާ، އިރުމަތީ އަދި މެދުތެރޭ ޔޫރަޕުގެ އިތުރުން ސީއައިއެސް ގައުމުތަކަށް ރާއްޖެ އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އާއި ރިސޯޓް ލައިފް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޠައްޔިބު މުޙައްމަދެވެ. އަދި ރިސޯޓް ލައިފްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ މުޙައްމަދު ޝާޒެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ ޠައްޔިބު މުޙައްމަދު "ސަން"އަށް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެ ސަރަހައްދުގެ ގައުމުތަކުގައި ބާއްވާ އެކި އިވެންޓުތަކުގައި ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުން އެ ކުންފުނިން ބައިވެރިވާނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ރޯޑް ޝޯތައް، ގާލާ ނައިޓްތައް، ބިޒްނަސް ބްރޭކްފާސްޓްތައް އަދި ތަމްރީނުތައް ފަދަ އެކިއެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ތައްޔިބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުރަތަމަ ފަހަރަށް ލޯކަލް ދިވެހި ކުންފުންޏަކާއެކު މިހާ ބޮޑުކޮށް މިފަދަ ކަމެއް މިކުރަނީ" ތައްޔިބު ވިދާޅުވިއެވެ.

ތައްޔިބު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ދިވެހި ޓްރެވަލް އޭޖެންސީތަކާއެކު މަސައްކަތް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.

"މި ފުރުސަތު ހަމަ ވާނީ ހުޅުވާލާފައި. އަޅުގަނޑުމެން އަބަދުވެސް ބުނަން ދިވެހި ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އޭޖެންޓުން ވެސް ހަމަ ވަޑައިގަންނަވާށޭ ރަނގަޅު ހުށަހެޅުންތަކަކާ އެކީގައި. އޭރުން އަޅުގަނޑުމެން އެ ސްޓަޑީ ކުރުމަށް ފަހު ކުރަން ފެންނަ ކަމެއް ކުރަމުން ދާނީ" އޭނާ ވިދާޅުވިއެވެ.

ރިސޯޓް ލައިފްގެ އެމްޑީ ޝާޒް ވިދާޅުވީ ދިވެހި ކުންފުންޏަކާ ގުޅިގެން މިފަދަ މާކެޓިން ކެމްޕެއިންތަކެއް ކުރުމަށް އެމްއެމްޕީއާރުސީން ނިންމި ނިންމުމަކީ ތާރީހީ ކުރިއެރުމެއް ކަމަށެވެ.

ހަނގުރާމަޔާ ގުޅިގެން ހުއްޓިފައި އޮތުމަށް ފަހު ރަޝިޔާގެ މާކެޓު މިހާރު އަލުން ލިބިފައިވާ ކަމަށާއި، އޭގެ އިތުރުން ވެސް އެ ސަރަހައްދުން އައު މާކެޓުތަކެއް އުފެދެމުން އަންނަކަން ވެސް ޝާޒް ފާހަގަކުރެއްވިއެވެ.

"މިހާރު ދިމާވެފައިވާ ދަތިތަކުގެ ތެރޭގައި އެންމެ ބޮޑު އެއް ލުއި ފަސޭހައަކަށް ވެގެންދާނެ އަޅުގަނޑުމެންގެ އޮފީހެއް ރަޝިޔާގައި ހުރުން" ޝާޒް ވިދާޅުވިއެވެ.

ޝާޒް ވިދާޅުވީ އީސްޓާން އަދި ސެންޓްރަލް ޔޫރަޕުގެ އެކި ގައުމުތަކުގައި ހުރި ފުރުސަތުތައް މިހާރު ދިރާސާކުރަމުން އަންނަ ކަމަށެވެ. ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދަތި ތަކެއް ހުރި ނަމަވެސް އެކަންކަމަށް ހޭނި، އެކަންކަމާއެކުވެސް ހަރަކާތްތައް ހިންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް