ގަލޮޅުދަނޑު ތަޅާލާނީ ހުޅުމާލޭ ޓްރެކު ތަރައްގީ ކޮށްފައި: މަހުލޫފް

ގަލޮޅު ދަނޑު--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަލޮޅުދަނޑު ތަޅާލާނީ ހުޅުމާލޭ ޓްރެކު ދަނޑަކަށް ބަދަލުކޮށް، އެތަން ހެދުމަށް ފަހުގައި ކަމަށް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑު ތަޅާލައި އާ ދަނޑެއް ތަރައްގީ ކުރުމަށް ނިންމުމުގެ ކުރިން ރައްޔިތުންނާ މަޝްވަރާ ކޮށްފައި ނުވާތީ ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ޓްރެކްގައި ދަނޑެއް ހެދުމަށް ހިނގާނެ ޚަރަދުތައް ބެލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ލައިޓިންގް ގެ މަސައްކަތާ ޕިޗުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ހުޅުމާލޭގެ ފޭސް ދޭއްގައި ހިނގަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރައްވާފައެވެ.

"މިނިސްޓްރީން ސީދާ އަމަލީ މަސައްކަތަކަށް މިކުރާ ކަމަކީ އެތަނުން ފްލެޓެއްގެ ތެރޭގައި ޒުވާނުންގެ މަރުކަޒެއް ގާއިމް ކުރުމުގެ މަސައްކަތް. އެ ޖާގަ ދިނީމަ އެތަނުގައި ސެޓަޕް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ." މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހުޅުމާލެއާ ގުޅުން ހުރި ކަންކަން ހިމެނުމަށް މަސައްކަތް ކުރާ ކަމަށެވެ.

މިއަހަރު ފޭސް އެކެއްގައި ބެޑްމިންޓަން އިންޑޯ ކޯޓެއް ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި ކުރެހުންތައް އަންނަ ހަފްތާގައި ފައިނަލް ކޮށްލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް