މާފުށީގައި ބާއްވާ ބޮޑީބިލްޑިން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

--- ފޮޓޯ/ދިރާގު

ކ.މާފުށީގައި ބޭއްވުމަށް ހަަމަޖެހިފައިވާ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ މެނޭޖަރު މުޙައްމަދު މިރްޝާން ޙަސަނެވެ. އަދި ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ރައީސް އިބްރާހީމް ހަމީދެވެ.

އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަނުން އިންތިޒާމުކުރާ އެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 15އިން 21އަށެވެ.

އެ މުބާރާތުގައި ޖުމްލަ 25 ގައުމަކުން 500އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 25 ކުޅުންތެރިންނަކީ ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނެވެ.

މިރްޝާން ވިދާޅުވީ އެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ވެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

"ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އެއް ބޮޑީބިލްޑިން އިވެންޓު ހުށަހެޅުމުގައި ބައިވެރިވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް," އޭނާ ވިދާޅުވިއެވެ.

ބޮޑީ ބިލްޑިން އެސޯސިއޭޝަނުގެ ރައީސް ވަނީ އެ ހަރަކާތަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ، ކުރިމަގުގައި ވެސް މިފަދަ އިތުރު މަސައްކަތްތައް ގުޅިގެން ކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިއީ އޭޝިއާ ބޮޑީ ބިލްޑިން ފެޑެރޭޝަނުން އިންތިޒާމުކުރާ މުބާރާތެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް