ރަޝިއާ ދިން ހަމަލާތަކެއް ޔޫކްރޭންގެ ޝޮޕިންމޯލް އަކަށް އަރައި 11 މީހުން މަރުވެއްޖެ

ރަޝިއާގެ ހަަމަލާތައް އެރި ޝޮޕިންމޯލް

ކިޔޭވް (28 ޖޫން 2022) : ރަޝިއާއިން ޔޫކްރޭނަށް ދިން ހަމަލާތަކެއް ޝޮޕިންމޯލް އަކަށް އަރައި 11 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ޔުކްރެއިންގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި ރަޝިއާގެ މިސައިލް ހަމަލާތަކެއް އެގައުމުގެ މެދުތެރޭގައިވާ ސިޓީއެއްކަމަށްވާ ކްރެމެންޗިކް ގައި ހުންނަ ޝޮޕިންމޯލް އަކަށް އެރުމުގެ ސަބަބުން އެތަނުގައި އަލިފާންރޯވެ 11 މީހުން މަރުވެ 40 މީހުން ވަނީ ފިހިފައެވެ. މިއީ ރަޝިއާއިން ހިންގި ގަތުލު އާންމެއް ކަމަށްވެސް ޔުކްރެއިންގެ މަސްއޫލުވެރިން ވަނީ ސިފަކުރައްވާފައެވެ.

ރަޝިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން ރަޝިއާއިން ހަމަލާދީފައިވާނީ ކްރެމެންޗިކް ގައި ހުރި ހަތިޔާރު އުފައްދާ ކާރުޚާނާއަކަށެވެ. އަދި ގަސްތުގައި މަދަނީ އެއްވެސް ތަނަކަށް ހަމަލާދީފައި ނުވާނެކަމަށް ރަޝިއާގެ ދިފާއީ ވުޒާރާ އިން ބުނެފައިވެއެވެ.

ޔުކްރެއިންގެ ޝޮޕިންމޯލް އަށް ރަޝިއާ ދިން ހަމަލާތައް އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ މިއީ ޔުކްރެއިންގައި ރަޝިއާ ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ ތެރެއިން ޖަރީމާއެއްކަމަށް ސިފަކުރައްވާފައެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުން ވެސް ވަނީ ވަރަށް ހަރުކަށި އިބާރަތުން ރަޝިއާ ކުށްވެރިކޮށްފައެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ ބޮޑު ތިން ބާރުން ވަނީ ރަޝިއާދިން މި ހަމަލާތަކުގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.

ސަލާމަތީ މަޖިލީހުގެ ސެކްރެޓޭރއަޓް ބުނާގޮތުން މިއަދުގެ ވަގުތެއްގައި މިކަމާބެހޭގޮތުން އެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާނެއެވެ. ނަމަވެސް ރަޝިއާ ދެކޮޅުހަދާނެ ކަމަށް ބެލެވޭތީ މިމައްސަލާގައި ރަޝިއާ ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް މުރާސިލުން ބުނެއެވެ.

އަނެއްކޮޅުން ޖަރުމަނުގައި ބޭއްވި ޖީ 7 ގެ ގައުމުތަކުންވަނީ ޔުކްރެއިންއަށް އިގްތިސާދީ އަދި އިންސާނީ ބޮޑެތި އެހީތަކެއް ދިނުމަށް ވައުދުވެފައެވެ. ޖަރުމަނުގައި ޖީ 7 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ކުރިޔަށްދިޔައިރު ރަޝިއާ ވަނީ ޔުކްރެއިންގެ ވެރިރަށް ކިޔޭވް އަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިއީ ޖީ 7 ގެ ގައުމުތަކަށް ރަޝިއާ ދިން އިންޒާރެއްކަމަށް މުރާސިލުން ވަނީ ސިފަކޮށްފައެވެ.

ޖީ 7 ގައި ހިމެނެނީ ހުޅަނގުގައި ސިނާއީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ހަ ގައުމާއި ޖަޕާނެވެ. ޖީ 7 ގެ ހުރިހާ ގައުމުތަކަކީވެސް އެމެރިކާގެ ބާރައި ނުފޫޒުގެ ދަށުގައިވާ އަދި އެމެރިކާ ކޮންޓްރޯލް ކުރާ ގައުމުތަކެވެ.

comment ކޮމެންޓް