ވިލިމާލޭ ފަޅުގައި އަޅާފައިވާ ތެޔޮ ބޯޓުތައް ނުނެގިގެން އުޅެނީ އެ އުޅަނދުފަހަރު ބަދަލުކުރާނެ އެހެން ސަރަހައްދެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިނުދީގެން ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
ގަސަމް މިހެން ވިދާޅުވީ ވިލިމާލޭ ފަޅުގައި އަޅާފައިވާ އެ ކުންފުނީގެ ތެޔޮ ބޯޓުތައް، ސިޓީ ކައުންސިލުން ކުރިން އަންގާފައިވާ ގޮތުގެ މަތިން ނެގުމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީ ގޮވާލައްވާފައިވާ ވަގުތެއްގައެވެ.
ނަހުލާ ވިދާޅުވީ ވިލިމާލޭ ފަޅުގައި އަޅާފައިވާ އެފްއެސްއެމްގެ ތެޔޮބޯޓު ފަހަރު ނަގައި އެހެން ސަރަޙައްދަކަށް ބަދަލު ކުރުމަށް އަންގައި ސިޓީ ކައުންސިލުން އެ ކުންފުންޏަށް މިދިޔަ އަހަރުގެ ތެރޭގައި ތަކުރާރުކޮށް ނޯޓިސް ދީފައިވާނެ ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެ އެންގުމަށް ޢަމަލު ކޮށްފައި ނުވާ ކަމަށެވެ.

ވިލިމާލޭ ފަޅުގައި އަޅާފައިހުރި އެފްއެސްއެމްގެ ތެޔޮ ބޯޓު ފަހަރު --
މި މައްސަލައިގައި ގަސަމް "ސަން"އަށް ވިދާޅުވީ އެ ތެޔޮ ބޯޓު ފަހަރު ވިލިމާލޭ ފަޅުން ނެގުމަށް އެންގުމުން އެ އުޅަނދު ފަހަރު ބަދަލު ކުރާނެ އެހެން ސަރަހައްދެއް ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލުގައި އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް ވަކި ޖަވާބެއް ދީފައިނުވާ ކަމަށެވެ.
ގަސަމް ވިދާޅުވީ ތެޔޮ ބޯޓު ފަހަރު ކަނޑުގައި ނޭޅޭނެ ކަމަށާއި ސިޓީ ކައުންސިލުން ވަކި ސަރަހައްދެއް ދެއްކިހާ އަވަހަކަށް އެތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތަނެއް ދެއްކިހާ އަވަހަކަށް އެތަން ހުސްކުރާނަން. ހަމައެކަނި ނަގަން އެންގީ. ތަނެއް ނުދައްކާ. ސިޓީ ކައުންސިލަށް އަޅުގަނޑު ވާނީ ދެ ފަހަރު އަންގާފަ. އެއީ މައްސަލައަކީ. މިއީ ޒިންމާދާރު ގޮތެއް ނޫން،" ގަސަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ލަފާދޭ އިދާރާތަކަށް ވެސް މިކަމުގައި ކަންބޮޑުވުން ހުރި ކަމާއި އެކަމަށް އެހެން ގޮތެއް ހޯދައިދިނުމަށް އެދިފައިވާނެ ކަމަށެވެ. އެގޮތުގެ މަތިން އެލްޖީއޭގެ ސަމާލު ކަމަށް ވެސް އެކަން ގެނެސްފައިވާނެ ކަމަށް، ގަސަމް ވިދާޅުވިއެވެ.
"މި ރާއްޖޭގެ ރަށްތަކަށް ތެޔޮ ސަޕްލައިކުރާ އެންމެ ބޮޑު ކުންފުންޏަކީ އެފްއެސްއެމް. ޚާއްސަކޮށް ރާއްޖޭގެ ހުރިހާ އިންޖީނުގެ ތަކާއި ގިނަ ރިސޯޓުތަކަށާއި އަތޮޅު ތެރޭގައި ތެޔޮ ސަޕްލައި ކުރާ ފަރާތްތަކަށް ތެޔޮ ސަޕްލައި ކުރަނީ އަޅުގަނޑުމެން. މި ތެޔޮ ބާޖުތައް އެތަނުން ނަގަން އެންގި މީހުންނަށް ފަހަރެއްގައި ނުވިސްނިދާނެ ތެލަކީ ކިހާ މުހިއްމު ކަމެއްކަން،" ގަސަމް ވިދާޅުވިއެވެ.
އެ ކުންފުންޏަށް ތެޔޮ ނަގަނީ ކ. ފުނަދޫން ކަން ފާހަގަ ކުރައްވަމުން ގަސަމް ވިދާޅުވީ އެހެންވުމުން ތެޔޮ ބާޖުތައް އެޅުމަށް އެ ރަށާ ކައިރި ސަރަހައްދެއް ބޭނުންވާނެ ކަމަށެވެ.
"މި ކުރަނީ ގައުމީ ޚިދުމަތެއް. މިސާލަކަށް މާލޭގައި އެމްޓީސީސީ ބަހުގެ ޚިދުމަތް ދޭއިރު، އެބޭފުޅުންނަށް ޕާކު ކުރާނެ ތަންތަން އެބަހުރި ކަނޑައަޅާފަ. އެހެންވީމަ އެ އުސޫލުން ފަޅަށް ދަތިނުވާނެހެން ފަސޭހައިން ޕާކު ކުރާނެ ސަރަހައްދެއް އަޅުގަނޑުމެންނަށް ވެސް ދައްކައިދޭން ޖެހޭނެ،" ގަސަމް ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވެފައިވަނީ ވިލިމާލޭ ފަޅުގައި ތެޔޮ ބޯޓުތައް އެޅުމުގެ ސަބަބުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގާފައިވާތީ، ރައްޔިތުންގެ މުދަލާއި ރައްކާތެރިކަމަށް ޓަކައި އެ އުޅަނދު ފަހަރު އެހެން ތަނަކަށް ބަދަލު ކުރުމަކީ ކޮންމެހެން ވެސް ކުރާންޖެހިއްޖެ ކަމެއް ކަމަށެވެ.
"މި ތެޔޮ ބޯޓުތައް ތިލަފުއްޓަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އަޅުގަނޑު އެދެން،" ނަހުލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވިލިމާލެ ބަނދަރުގައި ތެޔޮ ބޯޓްތައް އަޅާފައިވާ ބޭއްވުމުން ފައްތިޔާ ލިބިފައި ހުރި އުޅަނދު ތަކަށް ވެސް އެ ސަރަހައްދަށް ވަދެ ނުކުމެ ހަދަން ދަތިވާ ކަމުގެ ޝަކުވާ ކޮންމެ ދުވަހަކުހެން ލިބެމުން އަންނަ ކަމަށެވެ.