ޕީއެސްޖީގެ އާ ކޯޗަކަށް ގަލްޓިއާ ހަމަޖެއްސުމަށް މަސައްކަތްކުރަނީ

އޯޖީސީ ނީސްގެ ކޯޗު ކްރިސްޓޮފާ ގަލްޓިއާ---

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމަށް ފަހު އެ މަގާމަށް ފްރާންސްގެ ކުލަބް އޯޖީސީ ނީސްގެ ކޯޗު ކްރިސްޓޮފާ ގަލްޓިއާ ގެނައުމަށް މަސައްކަތް ފަށައިފިއެވެ.

މިދިޔަ ސީޒަނުގައި ޕޮޗެޓީނޯގެ ބެލުމުގެ ދަށުން ފްރާންސް ލީގު ޕީއެސްޖީން ކާމިޔާބުކުރި ނަމަވެސް އެ ޓީމުގައި އޮތް ވަރުގަދަ ސްކޮޑާއެކު ވެސް ޗެމްޕިއަންސް ލީގު ގަދަ 16 އިން އެ ޓީމު ކެޓުމުން އޭނާ އެ މަގާމުން ދުުރުކުރުމަށް ޕީއެސްޖީން ދަނީ މަސައްކަތް ކުރަމުންނެވެ.

ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕީއެސްޖީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަރަށް އަވަހަށް ވަކިކުރާނެއެވެ. އަދި އެ މަގާމަށް ގަލްޓިއާ ގެނައުމުގެ ކަންކަން މިހާރު ހަމަޖައްސަމުންދާކަމަށް ވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އުމުރުން 55 އަހަރުގެ ގަލްޓިއާ ވަނީ މިހާތަނަށް ފްރާންސް ލީގުގެ ތިން ޓީމަކަށް އިރުޝާދުދީފައެވެ. އޭނާ އެންމެ ފުރަތަމަ އިރުޝާދު ދީފައިވަނީ ފްރާންސްގެ ސެއިންޓް އެޓިއެން އަށެވެ. އެ ޓީމު ދޫކޮށްލުމަށް ފަހު ގަލްޓިއާ ވަނީ ލިލް އަށް ވެސް އިރުޝާދު ދީފައެވެ. ނަމަވެސް މިހާރު އޭނާ ހުރީ އޯޖީސީ ނީސްގެ ކޯޗުގެ ގޮތުގައެވެ.

ޕޮޗެޓީނޯ އެ މަގާމުން ދުރުކޮށް ޕީއެސްޖީން މަސައްކަތްކުރަނީ ރެއާލްއަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ހޯދައިދިން ޒައިނުއްދީން ޒިދާން އެ މަގާމަށް ގެނައުމަށެވެ. ނަަމަވެސް ޒިދާން ވަނީ ޕީއެސްޖީގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.

ޕީއެސްޖީގެ މިހާރުގެ ކޯޗު ޕޮޗެޓީނޯ އެ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގައެވެ. ތޯމަސް ޓުޗެލްގެ ބަދަލުގައި ކޯޗަކަށް ހަމަޖެއްސި ޕޮޗެޓީނޯ ވަނީ ޓޮޓެންހަމްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެކުރިން ސައުތްހެމްޓަންއަށް ވެސް އޭނާ އިރުޝާދު ދިނެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކުރި ފަހުން އޭނާ ހުރީ ކްލަބަކާ ހަވާލުނުވެއެވެ. ޕޮޗެޓީނޯއަކީ ކުރިން ޕީއެސްޖީއަށް ކުޅުނު ކުޅުންތެރިއެއް ވެސް މެއެވެ.

ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ހޯދުމުގެ އަމާޒުގައި އެ ޓީމުން މިދިޔަ ސީޒަނަށް ވަނީ ވަރުގަދަ ޓީމެއް ބިނާކޮށްފައެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީގެ އިތުރުން މެދުތެރެއަށް ލިވަޕޫލަށް ކުޅުނު ގިނީ ވައިނާލްޑަމްއާއި ޑިފެންސްލައިނަށް ރެއާލް މެޑްރިޑަށް ކުޅުނު ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު ސާޖިއޯ ރާމޯސްގެ އިތުރުން އަޝްރަފް ހަކީމީ ވަނީ އެ ޓީމަށް ގެނެސްފައެވެ.

comment ކޮމެންޓް