އެއްވުންތަކާއި މުޒާހަރާތައް ރޫޅާލުމުގެ އުސޫލުތައް ބަދަލު ކުރާނަން: އޭސީޕީ ސުޖާއު

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީޕީ ސުޖާއު އަދީ އޭސީޕީ ރިޔާޒް --- ސަން ފޮޓޯ: ނާއިލް ހުސައިން

މުޒާހަރާތަކާއި އެއްވުންތައް ރޫޅާލުމުގައި ފުލުހުން މިހާރު އަމަލު ކުރަމުން ދާ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ހަރަކާތުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޖާއު ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރާނީ އެފަދަ ހަރަކާތްތަކުގެ ސަބަބުން ތަނުގެ މަސްލަހަތު ގެއްލި، އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލަފާ ކުރެވޭ ހާލަތްތަކުގައި ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި މާލޭގައި ބޭއްވޭ އެއްވުންތައް ފުލުހުން ރޫޅާލުމުގައި މިހާރު މި ގެންގުޅޭ އުސޫލު ބަދަލުކޮށް އެ ކްރައުޑަކުން ނުރައްކާތެރިކަމެއް ދިމާވެދާނެ ހާލަތްތަކުގައި އަޅުގަނޑުމެން ފޯސް ބޭނުން ކުރުމުގެ އުސޫލުތައް ވެސް ބަދަލުކުރާނަން،" ސުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނުގެ ދަށުން މާލޭގައި މުޒާހަރާ ކުރުން މަނާކުރި ނަމަވެސް އެއްވުންތަކާ ޚިޔާލުފާޅުކުރުމަށް ބާއްވާ ހަރަކާތްތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ދެމުންދާ ކަމަށެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތް ހުއްޓުވުމަށް އާންމުންގެ ބަޔަކު ދަނޑަށް ވަދެގަތުމަށްފަހު އެތަނުގައި ހަމަނުޖެހުން ހިންގާފައިވެއެވެ. އެ ހަމަނުޖެހުން ހުއްޓުވުމަށް ފުލުހުން އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާ ކަމަށް ބުނެ ގިނައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ. ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ އެ ސަރަހައްދަށް ފޮނުވި ފުލުހުންގެ ޓީމުތަކަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށް އޭސީޕީ ސުޖާއު މިއަދު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް