ހަމަނުޖެހުން ނުހުއްޓުވުނީ ފުލުހުން މަދުވެގެނެއް ނޫން، ފުލުހުންގެ ޓީމުތަކަށް ހެދުނު ގޯސްތަކުން: އޭސީޕީ ސުޖާއު

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތައް ބަޔަކު ވަދެ ހުރަސް އަޅަނީ --- ފޮޓޯ: ރާއްޖެ.އެމްވީ

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ނުހުއްޓުވުނީ ގަލޮޅު ދަނޑަށް ފޮނުވި ފުލުހުންގެ ޓީމުތަކަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށް ފުލުހުންގެ ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް, އެސިސްޓެންޓް ކޮމިޝަނަރު އަލީ ސުޖާއު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޖާއު ވިދާޅުވީ އެ ދުވަހު ގަލޮޅު ދަނޑަށް ފޮނުވި ފުލުހުންގެ ޓީމުތަކުގެ ތެރޭގައި އެސްއޯގައި މަސައްކަތްކުރި ފުލުހުން ހިމެނޭ ކަމަށެވެ. ނަމަވެސް އެ ދުވަހު ކަންތައް ދިމާވި ގޮތުން އެތަނަށް ދިޔަ ފުލުހުންނަށް ހަމަނުޖެހުން ނުހުއްޓުވުނީ ކަމަށް ސުޖާއު ވިދާޅުވިއެވެ.

"އެތަނުގަ ތިއްބެވި ބޭފުޅުންނަށް ކްރައުޑުގެ ބިހޭވިއާ ރީޑްކުރުމަށް ލަސްތަކެއް ވުން ނޫނިއްޔާ ރަނގަޅަށް ރީޑް ނުކުރެވުމުގެ ސަބަބުން އެގޮތަށް އެ ދިމާވީ،" ސުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ ފުލުހުންނަށް އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފެއިލިއާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެ ތަނުގެ ސެކިއުޓީ ބްރީޗަކުން އެ ހިނގި ކަންތައްތަކަކީ އެއީ އަޅުގަނޑުމެންގެ ސެކިއުރިޓީ ފެއިލިިއާއެއްގެ ގޮތުގައި އެޑްމިޓް ކުރަން،" ސުޖާއު ވިދާޅުވިއެވެ.

އެކަން މެދުވެރިވި ސަބަބުތައް ކަމާބަހޭ ފަރާތްތަކުން ބަލަމުން އަންނަ ކަމަށާއި, އެކަމުގެ ތަހުގީގެއް ހެދުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަންގަވާފައިވާކަމަށް ވެސް ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ، އެ ތަހުގީގުގެ ރިޕޯޓް އާދިއްތަ ދުވަހު އެގްޒެކްޓިވް ބޯޑަށް ހުށަހަޅާނެކަމަށާއި، އެކަމާ ގުޅޭގޮތުން ކެބިނެޓުގައި އެކުލަވާލައިފައިވާ ސަބް ކޮމިޓީއަށް ވެސް ފުލުހުންގެ ފަރާތުން ޖަވާބުދާރީވެފައިވާނެ ކަމަށެވެ.

ޔޯގާ ހަރަކާތަށް އެއްވި މީހުންނަށް ސުލްހަވެރިކަމާއެކު އަޑު އުފުލުމުގެ ފުރުސަތު ދިން ކަމަށާއި، އެކަން ހަމަނުޖެހުމަކަށް ބަދަލުވި ގޮތް ބަލަމުން ދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކްރައުޑަކުން ނުރައްކާތެރިކަމެއް ދިމާވެދާނެ ހާލަތްތަކުގައި އަޅުގަނޑުމެން ފޯސް ބޭނުން ކުރުމުގެ އުސޫލުތައް ވެސް ބަދަލުކުރާނަން،" ސުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން، އެ އިވެންޓާ ގުޅޭ މައުލޫމާތު ކުރިން ލިބި، އެކަމަށް ތައްޔާރުވި ކަމަށާއި، ނަމަވެސް އެވަގުތު ޔޯގާ ހަރަކާތުގައި ބައިވެރިވާނެ މީހުންނާ ބެހޭ މައުލޫމާތު ދުރާލާ އެނގިފައި ނުވާކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ ޔޯގާ ހަރަކާތުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލައާ ގުޅޭ އިތުރު މީހުން މިހާރުވެސް ހޯދަމުންދާ ކަމަށެވެ.

މީގެ އިތުރުން ރިޔާޒް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރެވުނު އެއްވެސް މީހަކީ ޔޯގާއާ ބެހޭ ގޮތުން ދީނީ ނުވަތަ ފިގުހީ ރައުޔެއް ބަޔާންކޮށްދީގެން ހައްޔަރުކުރި މީހެއް ނޫން ކަމަށެވެ.

"އަޅުގަނޑު ޔަގީންކަން ދޭން ބޭނުން ވަނީ ފިގުހީ ރައުޔާ ގުޅޭ މައްސަލައެއް ނޫންކަން އަޅުގަނޑުމެން ބަލަމުން މިދަނީ. އަޅުގަނޑުމެން ބަލަމުން މިދަނީ އެތަނުގައި ހިނގި މާރާމާރީއާ، އަނިޔާވެރި އަމަލުތަކާ، މުދަލަށް ގެއްލުންދިނުމުގެ އަމަލުތައް ކަން،" ސުޖާއު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތް ހުއްޓުވުމަށް ބަޔަކު ދަނޑަށް ވަދެގަތް އިރު އެ ތަނުގައި ބޭރުގެ ފަަސް ޑިޕްލޮމެޓަކާއި، ރާއްޖޭގެ މިނިސްޓަރު ފެންވަރުގެ ބޭފުޅުންގެ އިތުރުން އެކި ފެންވަރުގެ ވެރިންނާއި، އާންމުން ތިބިކަމަށް ރިޔާޒު ވިދާޅުވިއެވެ.

އެދުވަހުގެ ހަރަކާތް ހުއްޓުވުމަށް ފުލުހުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި، މުޒާހަރާގެ ބައިވެރިންނަށް ދަނޑަށް ވަދެވުނީ އެ ތަނުގައި ތިބި ފުލުހުން ފުރުސަތު ދިނުމުން ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.

އޭސީޕީ ސުޖާއު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ ފަދަ ކަމެއް ފުލުހުންގެ ފަރާތުން ހިނގާފައިވާކަމަށް ފާހަގަ ނުކުރެވޭ ކަމަށެވެ.

comment ކޮމެންޓް