ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާ އިނދަޖައްސައި ނުލެވުމުން އެމެރިކާއާއި ޔޫރަޕް މާޔޫސްވެފައި

އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދު ގުޅިގެން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން ރަޝިއާ އިނދަޖައްސައި ނުލެވުމުން އެމެރިކާއާއި ޔޫރަޕް ކަންބޮޑުވެފައިވާކަމަށް އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ "ނިޔުޔޯކް ޓައިމްސް"އިން ބުނެފިއެވެ.

"ނިޔުޔޯކް ޓައިމްސް"ގައިވާ ރިޕޯޓެއް ބުނާގޮތުން އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން ހީކުރެއްވީ އެދެފަރާތުން ރަޝިއާއާ ދެކޮޅަށް އެޅި 70 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކުން ގިނަވެގެން ދެ މަސްތެރޭގައި ރަޝިއާ އިނދަޖައްސާލެވި އޭގެ ނަތީޖާއެއްގެ ގޮތުން ޔުކްރޭން ހަނގުރާމަ ހުއްޓާލަން ރަޝިއާއަށް މަޖުބޫރު ކުރެވޭނެ ކަމަށާއި ނަމަވެސް ކަންތައް ދިޔައީ މުޅިން އެއާ ޚިލާފަށް ކަމުން މިމައްސަލާގައި އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފައި ކަމަށެވެ.

މި ރިޕޯޓް ބުނާގޮތުން ޔުކްރެއިންގެ ހަނގުރާމައަށް ހަތަރު މަސްވެފައިވާއިރު ރަޝިއާ އިނދަޖައްސާލުމުގައިވެސް އަދި ޔުކްރޭން ހަނގުރާމަ ހުއްޓާލަން ރަޝިއާއަށް މަޖުބޫރު ކުރުމުގައިވެސް ހުޅަނގުގެ ފިޔަވަޅުތަކުން ވީކަމެއް ނެތެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އެފިޔަވަޅުތައް އެޅި ދުވަސްވަރަށްވުރެ މިހާރު ރަޝިއާއަށް ކުޑަވެފައިވާކަމާ އަދި ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ރަޝިއާގެ އިގްތިސާދު ރަނގަޅަށް މެނޭޖުކުރާކަން ހުޅަނގުގެ ލީޑަރުންނަށް މިހާރު އެނގިވަޑައިގަނެއެވެ.

ހުޅަނގުގެ ބޮޑެތި ގައުމުތަކުގެ ލީޑަރުން

އެރިޕޯޓް ބުނާގޮތުން މިއިން އެނގެނީ ހަނގުރާމަ ހުއްޓާލަން ރަޝިއާއަށް މަޖުބޫރު ކުރެވޭވަރުގެ އިގްތިސާދީ ބާރާއި ގާބިލްކަން އެމެރިކާއާއި ޔޫރަޕްގައި މިހާރު ނެތްކަމެވެ. އަދި އެމެރިކާއާއި ޔޫރަޕާ އިގްތިސާދީ ގޮތުން ވާދަކުރެވޭވަރުގެ ނުވަތަ އެމެރިކާއާއި ޔޫރަޕުން އަޅާފިޔަވަޅުތަކުގެ ބާރުކަނޑުވާލެވޭވަރުގެ އެހެން ގައުމުތައްވެސް ދުނިޔޭގައި މިހާރު ތިބިކަމެވެ.

ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ވޭންދެނިވި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އެގައުމުތަކުގައިވާ ރަޝިއާގެ 300 ބިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާއާއި އެސެޓްތައް ހިފެހެއްޓުމާއި އެމެރިކާގެ މާލީ ނިޒާމުކަމަށްވާ ސްވިފްޓް ނިޒާމުން ރަޝިއާ ބޭރުކޮށްލުމެވެ.

މިފިޔަވަޅުތަކާއެކު ކައިރި މުސްތަގްބަލެއްގެ ތެރޭގައި ރަޝިއާ ކުޑަކަކޫ މައްޗަށް ތިރިކޮށް ރަޝިއާ އިގްތިސާދީ ގޮތުން ޗިސްކޮށްލެވޭނެކަމަށް ވިދާޅުވެ ފަޚުރުވެރިކަމާ އަދި ކިބުރުވެރިކަމާއި ބޮޑާކަމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެތައް ފަހަރަކު ވާހަކަ ދައްކަވާފައެވެ.

ނަމަވެސް ޔުކްރެއިން ހަނގުރާމައަށް ހަތަރު މަސްވިއިރު ކަންތައް ވެފައިމިވަނީ އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން ހީކުރެއްވި ގޮތަށް ނޫނެވެ. ރަޝިއާއަށް އިގްތިސާދީ ދަތިތައް ކުރިމަތިވި ނަމަވެސް ޚާއްސަކޮށް ޗައިނާއާއި އިންޑިއާއިން އަދި އާންމުކޮށް ދުނިޔޭގެ އެހެން ގައުމުތަކުން ހުޅަނގުގެ ފިޔަވަޅުތަކަށް އެއްބާރުލުން ނުދިނުމުން ރަޝިއާގެ އިގްތިސާދު މިހާރުވަނީ ކުރިޔަށްވުރެވެސް ރަނގަޅު ހާލަތެއްގައެވެ.

ޔުކްރެއިންގައި ރަޝިއާ ބޭނުންވާ މަގްސަދު ހާސިލް ނުވަނީސް ހަނގުރާމަ ހުއްޓާލަން ރަޝިއާއަށް މަޖުބޫރު ކުރެވޭވަރުގެ އިގްތިސާދީ ބާރާއި ހަކަތަ އެމެރިކާއާއި ޔޫރަޕްގައި މިހާރު ނެތްކަން ޔުކްރެއިން ހަނގުރާމައިންވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައެވެ.

އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރުތައް ކުރިޔަށްވުރެ މިހާރު ރަޝިއާއަށް ކުޑަވެފައިވާއިރު ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު މިހާރުވަނީ ޚުދު އެމެރިކާއަށާއި ޔޫރަޕަށްވެސް ވަރަށް ބޮޑަށް ކުރަންފަށާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރަނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުންނެވެ. ތަކެތީގެ އަގުތައް ބޮޑުވެ އާންމުންގެ ޖީބުތަކަށް ބާރުބޮޑުވުމުން ޔޫރަޕްގެ އެތައް ގައުމެއްގައިވަނީ މުޒާހަރާތައް ކުރަން ފަށާފައެވެ.

ޗައިނާއާއި ރަޝިއާގެ ލީޑަރުން

ޔޫރަޕްގެ ގައުމުތަކަކީ ތެލާއި ގޭސް އިންޕޯޓްކުރާ ގައުމުތަކެކެވެ. އެކްސްޕޯޓް ކުރާ ގައުމުތަކެއް ނޫނެވެ. ތެލުގެ އަގު ބޮޑުވުމުން ރަޝިއާއަށް ލިބޭ އާމްދަނީވެސްވަނީ ކުރިޔަށްވުރެ ބޮޑަށް އިތުރުވެގެން ގޮސްފައިކަމަށް މި ރިޕޯޓް ބުނެއެވެ.

އަނެއްކޮޅުން ދަނޑިވަޅު ބަލާފައި ރަޝިއާ މިހާރު ގެންދަނީ ޔޫރަޕަށް ގޭސް އެކްސްޕޯޓްކުރާ ވަރުވެސް މަދުކޮށް ގޭހުގެ ޔަގީންކަން ޔޫރަޕަށް ކުޑަވާގޮތަށް އަމަލުކުރަން ފަށާފައެވެ. މިކަން ކުރަން ރަޝިއާއަށް ކެރެނީ ޔޫރަޕް ރަޝިއާގެ ގޭހަށް ބަރޯސާވާމިންވަރު ރަޝިއާއަށް ވަޒަންކުރެވޭތީއާއި ރަޝިއާގެ ގޭސް ޗައިނާއާއި އިންޑިއާއިން ގަންނަމުންދާތީއެވެ.

ރަޝިއާގެ މިއަމަލުގެ ސަބަބުން ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޖަރުމަނުގެ ސަރުކާރުންވަނީ ކައިރި މުސްތަގްބަލެއްގައި ހަކަތަ ނުލިބިގެން ޖަރުމަނުގެ ބައެއް ސިނާއަތްތައް ހުއްޓާލައި ކާރުޚާނާތައް ބަންދުކުރަން ޖެހިދާނެކަމުގެ ބިރު އޮތްކަން ހާމަކޮށްފައެވެ. އަދި ކުރިޔަށް އޮތް ފިނި މޫސުމުގައި ރަޝިއާއިން ގޭސް މަދުކޮށްލައިފިނަމަ ޔޫރަޕްގެ އެތައް ގައުމެއްގެ ރައްޔިތުން ގަދަ ފިނިން ސަލާމަތް ކުރެވޭނެ ގޮތެއް ނޯންނާނެކަމުގެ ބިރު ޔޫރަޕުން އިހްސާސް ކުރެއެވެ.

"ނިޔުޔޯކް ޓައިމްސް"ގެ ރިޕޯޓް ބުނާގޮތުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ ސްޓްރެޓީޖިކް ގޮތުންވެސް އެމެރިކާއާއި ޔޫރަޕަށް މިހާރު ދައްކަންފަށާފައިވަނީ ވަރަށް ހިތި ގޮތަކަށެވެ. މީގެތެރޭގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ދުނިޔޭގައި ބޭނުންކުރެވޭނެ ރިޒާވް އައުފައިސާއެއް ތައާރަފު ކުރުމުގެ މަސައްކަތް ޗައިނާއާއި ރަޝިޔާ ގުޅިގެން ފެށުން ހިމެނެއެވެ.

ޔުކްރެއިން ހަނގުރާމައިގެ ކުރިން އެމެރިކާގެ ޑޮލަރުން ދުނިޔޭގައި ދުވާލެއްގެ މައްޗަށް 40 މިލިޔަނަށްވުރެ ގިނަ ޓްރާންސެކްޝަންތައް ހަދާއިރު މިއިން ކޮންމެ ޓްރާންސެކްޝަނަކީ އޭގެ ފީގެ ގޮތުގައި އެމެރިކާއަށް ކޮންމެވެސް މިންވަރަކަށް ޑޮލަރު ލިބޭ ޓްރާންސެކްޝަންތަކެކެވެ.

ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ޗައިނާއާއި ރަޝިއާ އަދި އިންޑިއާ އީރާން އަދި އެނޫންވެސް އެތައް ގައުމަކުން ޔުކްރެއިން ހަނގުރާމާއެކު އެގައުމުތަކުގެ މެދުގައި ޑޮލަރުގެ ބަދަލުގައި އެގައުމުތަކުގެ ފައިސާއިން މާލީ ބައެއް މުއާމަލާތްތައް ކުރަން ފެށުމުން ކުރިން ދުވާލެއްގެ މައްޗަށް ކުރަމުންދިޔަ 40 މިލިޔަން ޑޮލަރުގެ ޓްރާންސެކްޝަންތައް މިހާރުވަނީ 30 މިލިޔަން ޓްރާންސެކްޝަނަށް ދަށްވެފައެވެ. މިކަމުގެ ސަބަބުން އެމެރިކާއަށް ލިބޭ އާމްދަނީވެސް ކުޑަވެގެންދާނެއެވެ.

ޗައިނާއާއި ރަޝިޔާ އިސްކޮށް އޮވެގެން އެމެރިކާ ޑޮލަރުގެ ބަދަލުގައި ދުނިޔޭގައި ބޭނުންކުރެވޭނެ ރިޒާވް އައުފައިސާއެއް ތައާރަފު ކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވުމުން އެމެރިކާ ޑޮލަރުން ހިންގާ ޓްރާންސެކްޝަންތައް ދުވާލެއްގެ މައްޗަށް 20 ނޫނީ 15 މިލިޔަނަށް ދަށްވެގެންދާނެކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ. ނަމަވެސް އަދި މިކަމަށް އަހަރެއް ނުވަތަ ދެ އަހަރެއްހާ ދުވަސް ނެގުން އެކަށީގެންވެއެވެ.

މިއާއެކުވެސް އެހެން ބައެއް ފައިސާއާއެކު ރިޒާވް ފައިސާއެއްގެ ގޮތުގައި އެމެރިކާ ޑޮލަރުވެސް ދުނިޔޭގައި އޮންނާނެއެވެ. ނަމަވެސް މިހާރަށްވުރެ އެތައް ތަނެއް ބާރު ކުޑަ ފައިސާއެއްގެ ގޮތުގައެވެ. ޑޮމިނޭޓެޑް ފައިސާއެއްގެ ގޮތުގައެއް ނޫނެވެ.

ދުނިޔޭގެ ރިޒާވް ފައިސާގެ ގޮތުގައި އެމެރިކާގެ ޑޮލަރަށް މިހާރު ލިބިފައި އޮންނަ މިންވަރު ކައިރި މުސްތަގުބަލެއްގައި ވަރަށް ބޮޑަށް ދަށަށްދާނެކަމަށް މާލީ އަދި އިގްތިސާދީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ އެމެރިކާގެ އިގްތިސާދު ދަށަށް ގޮސް ދުނިޔޭގެ ދެވަނަ އިގްތިސާދަށް އަދި އޭގެފަހުން ތިންވަނަ އިގްތިސާދުގެ ލެވެލްއަށް ވެއްޓިގެން ދިޔުމެވެ.

ޑޮލަރުގެ ޓްރާންސެކްޝަންތަކަކީ މަސައްކަތަކާ ނުލައި އެމެރިކާގެ އިގްތިސާދަށް އެތައް ބިލިޔަން ޑޮލަރެއް ކޮންމެ ދުވަހަކު ވަންނަ މުއާމަލާތްތަކެކެވެ. އަދި ދުނިޔޭގެ ރިޒާވް ފައިސާގެ 80 އިންސައްތައަކީ އެމެރިކާ ޑޮލަރު ކަމަށް ވުމަކީ ޑޮލަރު ޖަހައިގެން އާމްދަނީ ހޯދުމަށާއި އަދި ޑޮލަރު ޖަހައިގެން ބަޖެޓް ފޫބެއްދުމަށް އެމެރިކާއަށް ލިބިފައިވާ ރަނުގެ ނާދިރު ފުރުސަތެކެވެ. ނަމަވެސް ކުރިޔަށް އޮތް މަދު އަހަރުތަކުގައި މިފުރުސަތުގެ ބޮޑުބައި އެމެރިކާއަށް ގެއްލިގެންދާނެއެވެ.

ޔުކްރޭން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ އެމެރިކާ ޑޮލަރުގެ ބާރާއި އޭގެ ޑޮމިނަންސް އާމެދު ލޯހުޅުވައި ވިސްނާލުމަށް ލިބުނު ފުރުސަތެކެވެ. ސްވިފްޓް ނިޒާމާއި ޑޮލަރު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ދުނިޔޭގެ މާލީ ނިޒާމު އެމެރިކާގެ މުށުތެރޭގައި ތާށިވެފައިވާ މިންވަރު ދުނިޔެއަަށް ހާމަވެގެންދިޔަ ކަމެކެވެ.

ޑޮލަރާއި ސްވިފްޓް ނިޒާމުގެ ނާޖާއިޒު ފައިދާ އެމެރިކާ ބޭނުންވާހާ ގޮތަކަށް ނަގައި ބޭނުންވާ ގައުމުތަކަކަށް ބިރުދައްކައި އެމެރިކާގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ޑޮލަރާއި ސްވިފްޓް ނިޒާމުގެ ބޭނުންކުރަން އެމެރިކާ އަވަސްވެގަންނަ މިންވަރުވެސް މިކަމުގެ ސަބަބުން ދުނިޔެއަށް ފެނިގެން ދިޔައެވެ.

މީގެ އެތައް އަހަރެއް ކުރިން ފެށިގެން އެމެރިކާ ގެންދަނީ އީރާން ކިޔަމަން ކުރުވައި އީރާނުގެ ޓެކްނޮލޮޖީއާއި ކުރިއެރުން ހުއްޓުވުމަށްޓަކައި ޑޮލަރާއި ސްވިފްޓް ނިޒާމު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އީރާނާދެކޮޅަށް ބޭނުން ކުރަމުންނެވެ.

ރަޝިއާއާ އަޅާބަލާއިރު އީރާން ކުޑަނަމަވެސް އީރާނުގެ ސިޔާސަތު ބަދަލުކުރުވުމުގައިވެސް އަދި އީރާން އިނދަޖައްސާލުމުގައިވެސް އެމެރިކާއަށް ކާމިޔާބު ލިބިފައެއް ނުވެއެވެ. އީރާނަށްވެސް ވިޔަފާރީގެ ގޮތުން އެހީތެރިވަމުން ގެންދަނީ ޗައިނާއިންނެވެ. ޑޮލަރުގެ ބަދަލުގައި އެދެގައުމުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި އެދެގައުުމުގެ ފައިސާ ބޭނުންގެންނެވެ.

comment ކޮމެންޓް