ނަމްބަރުތައް މައްޗަށް، މިދިޔަ ހަފްތާގައި އެކަނި 1،202 މީހުން ޕޮޒިޓިވްވި

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހަފްތާގައި މުޅި ރާއްޖެއިން ކޮވިޑްއަށް 1،202 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 19 ވަނަ ދުވަހާއި، 25 ވަނަ ދުވަހާ ދެމެދު މާލެ ސަރަހައްދުން 528 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަތޮޅުތެރޭން 452 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކާއި، ސަފާރީތައް އަދި ސިނާއީ ރަށްތަކުން 222 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެ މުއްދަތުގައި ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 35 އިންސައްތަ ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ކުރީ ހަފްތާގައި އެ ރޭޓު ހުރީ 21 އިންސައްތައިގައެވެ.

މިދިޔަ ހަފްތާގައި ޖުމްލަ 51 މީހަކު އެ ބަލީގައި އެނދުމަތިކޮށްފައިވާއިރު، ފަސް މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން ކޮވިޑާ ނުގުޅޭ ސަބަބުތަކެއްގައި މަރުވި 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

އެއާއެކު، މިހާތަނަށް މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 181،586އަށް އަރާފައެވެ. އަދި މަރުވި މީހުންގެ ޖުމްލަ ވަނީ 305އަށް އަރާފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ އެކަމަށް ސަމާލުވުމަށް އެދިފައެވެ. އެ ގޮތުން އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށް އެޗްޕީއޭއިން އެދިފައިވާއިރު، ހައި ރިސްކު މީހުން ކޮވިޑް ވެކްސިނުގެ ހަތަރު ވަނަ ޑޯޒެއް ޖެހުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް