ޖޭއެސްސީން ކަނޑައަަޅާ ތަމްރީނެއް ފަނޑިޔާރުން ފުރިހަމަ ކުރަންޖެހޭ ބިލު ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ--- ފޮޓޯ/ މަޖިލިސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ފަނޑިޔާރަކާ ބެހޭ ގޮތުން ތަހުގީގުކުރާ މައްސަލައެއްގެ ބާވަތަށް ބަލައި، އެ ފަނޑިޔާރަކަށް އިތުރު ތަމްރީނު ބޭނުންވާކަމަށް ކޮމިޝަނަށް ފެންނަ ހާލަތްތަކުގައި ޖޭއެސްސީން ކަނޑައަަޅާ ތަމްރީނެއް ފުރިހަމަ ކުރުމަށް ފަނޑިޔާރަށް އެންގުމަށް ބުނާ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 34 މެންބަރުންގެ އިއްތިފާގުންނެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ، ޖޭއެސްސީއަށް ހުށަހަޅާ މައްސަލައެއް ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާ ނިންމުން، އެ މައްސަލަ ހުށަހެޅި ރަސްމީ ތާރީޚުން ފެށިގެން ރަސްމީ ބަންދުނޫން 14 ދުވަހުގެ ތެރޭގައި ނިންމައި، ޖޭއެސްސީއަށް ފޮނުވަން ވާނެ ކަމަށެވެ. މީގެ ކުރިން އެކަމަށް ދީފައި އޮންނަނީ ފަސް ދުވަހުގެ މުއްދަތަކެވެ.

މީގެ އިތުރުން، ޖޭއެސްސީގެ ތަހުގީގު ރިޕޯޓު އެ މައްސަލައާ ގުޅުން ހުރި ފަނޑިޔާރަށް ލިބޭ ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން ހަތް ދުވަހުގެ ތެރޭގައި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން، މުޅި މައްސަލައާ މެދު ޖުމްލަ ގޮތެއްގައި ވާހަކަދެއްކުމަށް އަޑުއެހުމެއް ބާއްވަންވާނެ ކަމަށް އެ ބިލުގައިވެއެވެ.

ހަމައެއާއެކު، މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބާރުގެ ދަށުގައިވާ ކަމަކާ ނުލައި މައްސަލަ ބެލުން ލަސްވެއްޖެ ނަމަ އިތުރު މުހުލަތެއް އެދި ޖޭއެސްސީއަށް ހުށެހެޅުމުގެ ފުރުސަތު އެ ފަނޑިޔާރަކަށް ލިބިގެންވާނެ ކަމަށް ވެސް ބިލުގައިވެއެވެ.

comment ކޮމެންޓް