ކުޑަވެސް ފުރުސަތެއް ލިބިއްޖެ ނަމަ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރާނަން: މައިނޯރިޓީ ލީޑަރު

އިދިކޮޅުން މިއަދު މަޖިލިސް ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---- ސަން ފޮޓޯ: ނާއިލް ހުސައިން

އެމްޑީޕީ އެތެރޭގެ ކޯޅުން އުފެދިފަ މި އޮތް ދަނޑިވަޅުގައި ކުޑަވެސް ފުރުސަތެއް ލިބިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާނެ ކަމަށް، މައިނޯޓްރީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މަޖިލިސް މެންބަރުން ހިމެނޭހެން ބައެއް މީހުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކު ކުރަމުންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލަ, ރިޔާސަތުން އެޖެންޑާ ނުކުރުމުން އިދިކޮޅު މެންބަރުން މިއަދު ވަނީ އިހްތިޖާޖުކޮށްފައެވެ.

އެކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަމުން ސަލީމް ވިދާޅުވީ, މަޖިލީހުގައި އިދިކޮޅުގެ ތިބީ ވަރަށް މަދު މެންބަރުން ކޮޅެއް ކަމަށާއި އެހެން ކަމުން މަޖިލީހުގެ ރިޔާސަތު ބަދަލު ކުރުމަކީ ކުރަން ވަރަށް އުނދަގޫ މަސައްކަތެއް ކަމަށެވެ.

"އެހެންވީމަ އެމީހުންގެ 65 މެންބަރުންގެ ކުރިމަތީގައި އަޅުގަނޑުމެނަށް މަޖިލީހުގެ ރައީސް ވަކިކުރުމަކީ މިވަގުތަކު މާބޮޑު ކަމެއް ކުރެވޭނެ ކަމެއް ނޫން," "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސަލީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވަކި ކުރުމަށް ހުށަހަޅަން ޖެހޭ ގާނޫނީ އަދަދު ހަމަވާ ވަރަށް އިދިކޮޅު މެންބަރުން ނެތްކަން ފާހަގަކޮށް ސަލީމް ވިދާޅުވީ, އެކަމަށް އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދާ ހިޔާލު ތަފާތު މެންބަރުންގެ ތާއިދު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ނަމަވެސް އެ ފަދަ ދަނޑިވަޅެއް އަތުވެދާނެ ކަމަށް އަބަދުވެސް އިދިކޮޅުން ތައްޔާރަށް އޮންނާނެ ކަން ސަލީމް ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އެފަދަ ހާލަތަކަށް ހިނގައިދާނެ ގޮސްސިއްޔާ އަޅުގަނޑުމެނަށް ހަމަ ތިބުނާ މަޖިލިސް ރައީސް ވަކިކުރަން ފުރުސަތު ލިބެއްޖެއްޔާ އަޅުގަނޑުމެން އެންމެ މިނެޓެއްވެސް ނުތިބޭނަން. ވަކިކުރާނަން," ސަލީމް ވިދާޅުވިއެވެ.

ދެ ފެކްޝަނުން ވެސް އެއްބަސްވާ ބައެއް ކަންތައްތައް ހުންނަކަން ފާހަގަކޮށް ސަލީމް ވިދާޅުވީ, ފާހިޝް އަމަލުތަކަށް އެމްޑީޕީގެ ދެ ފެކްޝަނުން ވެސް ހިތްވަރު ދެމުންދާ ކަމަށެވެ.

"މިކަހަލަ ފާހިޝް އަމަލުތަކަކަށް އެއްގޮތަކަށް ވެސް ފިޔަވަޅެއް ނާޅާ. ފާޑަކަށް ހިތްވަރު ދެނީ. މީގައި އަޅުގަނޑުމެނަށް ހީވޭ ބައެއް ފަހަރު އެމްޑީޕީގެ ތެރޭގައި ދެ ބައި އޮންނަ ކަމަށް. ނަމަވެސް އަޅުގަނޑުމެނަށް މިކަހަލަ ކަމެއް ދިމާވީމަ މި ފެންނަނީ އެ މީހުން ވެސް އެއްގަލަކަށް އަރާ އެއަށް ސަޕޯޓް ދޭ ތަން," ސަލީމް ވިދާޅުވިއެވެ.

ފާހިޝް އަމަލުތައް ފެންނަ ވީޑިއޯތަކުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން, ރިޔާސަތުން އެޖެންޑާ ކޮށްފައި ނުވާކަން ފާހަގަކޮށް ސަލީމް ވިދާޅުވީ, ހުއްޖަތެއްގެ ގޮތުގައި މަޖިލިސް ރައީސް ދެއްކެވި ވާހަކަތައް ބަލައި ނުގަނެވޭ ކަމަށެވެ.

"އަޅުގަނޑު މިއަދުގެ ސަރުކާރަށް ގޮވާލަން މި ހިންގަމުންދާ ހުރިހާ މައްސަލަތަކެއް ވަރަށް ސާފުކޮށް ވަރަށް ހަރުކަށިކަމާ އެކީގައި މައްސަލަތައް ބަލަމުން ގެންދިއުމަށް," ސަލީމް ވިދާޅުވިއެވެ.

ދާދި ފަހުން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދަން މަސައްކަތްކުރި ޔޯގާ އިވެންޓަށް އިޝާރާތްކުރައްވާ ސަލީމް ވިދާޅުވީ, އެތަނުގައި މާބޮޑު ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި މުންކަރާތެއް ހުއްޓުވަން އުޅުނު މީހުންގެ މައްސަލަ ބަލާއިރު މުންކަރާތައް އަރައިގަތް މީހުން މިނިވަންކަމާ އެކު އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް