ޕްލާސްޓިކު ކޮތަޅު ވިއްކައި އެ ފައިސާ މީރާއަށް ދޭން ލާޒިމްކުރާ ބިލު ކޮމިޓީއަށް

ފިހާރައެއްގައި މީހަކު ޕްލާސްޓިކް ކޮތަޅެއް ހިފައިގެން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙުސައިން

ކުރިން ފިހާރަތަކުން ހިލޭ ދެމުން އަންނަ ޕްލާސްޓިކް ކޮތަޅު ދެ ރުފިޔާއަށް ވިއްކައި، އެ ފައިސާ ދައުލަތުގެ ޓެކްސް އިދާރާ, މީރާއަށް ދިނުން ލާޒިމް ކުރުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހެޅުއްވި ކުނި މެނޭޖްކުރުމުގެ ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 33 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު ހުށަހެޅުމުގެ މަގްސަދަކީ ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގައި އެކަންކަން ބެލެހެއްޓުމުގެ އިތުރުން ކުނި މެނޭޖުކުރުމުގެ އުސޫލުތައް ކަނޑައެޅުމެވެ. އެ ބިލުގައި ބުނާގޮތުގައި ވިޔަފާރިކުރާ ހުރިހާ ތަނަކުން ވެސް ކަސްޓަމަރުންނަށް ޕްލާސްޓިކް ކޮތަޅު ދޭއިރު އެ ކޮތަޅުން ދެ ރުފިޔާ ނަގަން ޖެހޭނެއެވެ.

ނަމަވެސް ބައެއް ވައްތަރުގެ ޕްލާސްޓިކު ކޮތަޅުން ފީ ނުނަގާނެކަމަށް އެ ބިލުގައިވެއެވެ.

ފީ ނުނަގާ ޕްލާސްޓިކް ކޮތަޅުތައް

  • ޑިއުޓީ ފްރީ ފިހާރަތަކުން ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދު ނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ބަންދު ނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި
  • ކުނި މެނޭޖުކުރުމުގެ ކަންކަން ފޯރުކޮށްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ކޮތަޅު

އެ ބިލު ފާސްވެ ޤާނޫނަކަށް ވާތާ އެއް މަސް ތެރޭގައި ކޮތަޅުން ފީ ނަގަން ފަށަންޖެހޭނެކަމަށް ވެސް އެ ބިލުގައިވެއެވެ. އަދި ވިޔަފާރި ކުރުމުން ދޭ ބިލުގައި ވެސް ކޮތަޅުން ފީ ނަގައިފައިވާކަން އެގެން ހުންނަން ޖެހޭނެކަމަށް ވެސް ބިލުގައިވެއެވެ.

އެ ބިލުގައި ވާގޮތުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ވިޔަފާރިތަކަކުން ޕްލާސްޓިކު ކޮތަޅުން ނަގާ ދެ ރުފިޔާގެ ފީ އެ އިދާރާއަށް ދައްކަން ޖެހޭނެއެވެ.

މި ބިލުގެ އިތުރުން ބިލުކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމަށް، ބިލުކުރުމުގައި އަމަލުކުރަންވީ އުސޫލުތައް ބަޔާންކުރާ ގަވައިދެއް އެކުލަވާލަޖެހޭ ގޮތަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ވެސް ވަނީ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވާފައެވެ.

އެ ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުންމި ބިލު ހުށަހަޅުއްވާފައި ވަނީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.

ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ބިލުގެ މައިގަނޑު ބޭނުމަކީ އާންމު ބޭނުންތަކުގެ އެކި ޚިދުމަތްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ބިލު ދެއްކުމުގައި ދިމާވާ ދަތިތަކަށް ލުއިތަކެއް ހޯދައި ދިނުން ކަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުގައި ވާ ގޮތުން އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ޚިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލު ބަޔާން ކުރާ ގަވައިދު އެކުލަވާލަން ޖެހޭނީ ރެގިއުލޭޓަރީ އޮތީރިޓީންނެވެ. އަދި އެ ގަވައިދުގައި އެއް މިންވަރެއްގެ ބިލިން ސައިކަލްއެއް ކަނޑައެޅުމާ ގުޅޭ އުސޫލުތައް ހިމަނަން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތްތަކާއި ގޮތްތައް ބަޔާން ކުރުމާއެކު ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތައް ބަޔާން ކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

comment ކޮމެންޓް