'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވަން ހުރަސްތަކާ ކުރިމަތިވާ ނަމަ ގާނޫނު އިސްލާހުކުރަން ނިންމައިފި

އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ

'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވަން ގާނޫނީ ގޮތުން ހުރަސްތަކާ ކުރިމަތިވާކަމަށް ދައުލަތުގެ އިދާރާތަކަށާއި ސަލާމަތީ ޚިދުމަތްތަކަށް ފެންނަ ނަމަ ކަމާ ގުޅޭ ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 32 މެންބަރުންގެ އިއްތިފާގުންނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ 'އިންޑިއާ އައުޓް' ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބެލެވޭތީއާއި އޭގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތުމުން، އެ މައްސަލަ ދިރާސާ ކޮށްފައިވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ.

އެ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ ދެ ކަމެއް ހުށަހަޅައިފައެވެ. އެގޮތުން އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރުމާއެކު ގާނޫނަށް އިސްލާހެއް ހުށަހަޅަން ޖެހޭ ނަމަ އެކަން ކުރުމަށް ކޮމިޓީން ވަނީ ހުށަހަޅައިފައެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީން ވަނީ ހޯމް މިނިސްޓްރީއާއި، ޑިފެންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ފުލުހުން އަދި އެމްއެންޑީއެފްގެ ބޭފުޅުންނާ ބައްދަލުކޮށްފައެވެ.

އެ ހަރަކާތުގެ ސަބަބުން ބޭސްފަރުވާއަށާއި އެނޫން ވެސް އެކިއެކި ބޭނުންތަކަށް އިންޑިއާއަށް ދާ ދިވެހިންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ހޯމް މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.

އެ ހަރަކާތުގައި ބައިވެރިވާ ފަރުދުންގެ ފަރާތުން ނުކިޔަމަންތެރިވުން ފަދަ ކަންކަމާ ކުރިމަތިލާންޖެހޭކަން ފުލުހުން ފާހަގަ ކޮށްފައިވާއިރު 'އިންޑިއާ އައުޓް' ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަހައްދީ ގައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެގެން ދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ގާނޫނަށް އިސްލާހު ގެނެވިދާނެ ކަމަށް މަޖިލީހުން ފާސްކޮށްފައިވާއިރު އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވާ ގާނޫނު ހެދުމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބިލެއް އެކުލަވާލައި ރައީސް އޮފީހަށް ފޮނުވާފައެވެ. އެ ބިލް މަޖިލީހުން ފާސް ކުރާ ހިސާބުން ދޭދޭ ގައުމުތަކުގެ އަގު ވެއްޓޭގޮތަށް ހިންގާ އަމަލުތައް ގާނޫނީ ކުށަކަށް ވާނެއެވެ.

comment ކޮމެންޓް