ރައީސް ރުވާންޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙުމަދު ވަނީ މިއަދު މާލެ ވަޑައިގެންފަ -- ފޮޓޯ/ ރައީސް އޮފީސް

ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރުވާންޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙުމަދުގެ އިތުރުން އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ މަތީ ފަންތީގެ ވަފުދު މާލެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ ފެބްރުއަރީ 2020ގައި ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނު ފަހުން ބޭއްވި، ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

މިދިޔަ ހޯމަ ދުވަހުން ފަށައިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ރުވާންޑާގެ ކިގާލީގައި ބޭއްވި އެ ބައްދަލުވުމުގެ ޝިއާރަކީ "ޑެލިވަރިން އަ ކޮމަން ފިއުޗާ: ކަނެކްޓިން، އިނޮވޭޓިން، ޓްރާންސްފޯމިން" އެވެ.

އެ ބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެންބަރު ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން، މެންބަރު ގައުމުތަކުގެ ގުޅުން ވަރުގަދަކުރުމާއި، މުސްތަގުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އައު ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުވުންތަކުގައި ވަނީ މަތީ ފަންތީގެ ބައްދަލުވުންތައް ބާއްވައި ވިޔަފާރި އާއި ސިއްހަތާއި މޫސުމާ ގުޅޭ އެކި މައުޟޫއުތަކުގައި މަޝްވަރާކޮށްފައެވެ.

އެ ބައްދަލުވުމުގެ ހަވާސާގައި، ރައީސް ޞާލިޙު ވަނީ އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރާއި މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުންތަކުގެ މަގުސަދަކީ، ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި، ދޭދޭ ގައުމުތަކުގެ މަސްލަގަތު ކުރިއަރުވައި، ބައިނަލްއަގުވާމީ މައްސަލަތަކަށް ހައްލު ހޯދުމުގައި ގައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ، މިސަރުކާރުން ޑިމޮކްރަސީއާއި، ފާގަތިކަމާއި ސުލްހަމަސަލަސްކަން ފަދަ ބައިނަލްއަގުވާމީ މުޖުތަމައުގެ ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެއްބާރުލުންދީ، ބައިނަލްއަގުވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

comment ކޮމެންޓް