ލީކު ކޮށްލާފައިވާ ފޮޓޯތަކުގެ މައްސަލަ ބަލައިނުގަތުމުން މަޖިލިސް ހޫނުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަދައްކަވަނީ--- ފޮޓޯ/ މަޖިލިސް

މިދިޔަ ހަފްތާއިން ފެށިގެން މަޖިލިސް މެންބަރުން ހިމެނޭހެން ބައެއް މީހުންގެ ބަރަހަނާ ފޮޓޯތައް ލީކު ކުރަމުންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލަ ބަލައި ނުގަތުމަށް ރިޔާސަތުން ނިންމުމުން މިއަދުގެ ޖަލްސާ ހޫނުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުންތައް އަންގަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާ ގުޅޭ ދެ ކުއްލި މައްސަލައެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ފޮޓޯތަކުގެ ސައްހަކަން ކަށަވަރު ނުވާ ހިނދެއްގައި އެކަމަށް ބަހުސް ކުރަން ޖާގައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ކުއްލި މައްސަލަ ހުށަހެޅުއްވީ، ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަޙްމަދު ޝިޔާމާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުޙައްމަދު ނަޝީދުއެވެ.

"އެ ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރު ނުވޭ. އެއީ އަސްލުކަމަށް ބަލައި އެކަމާ ގުޅޭގޮތުން މި މަޖިލީހުގައި ބަހުސް ކުރުމަށް ޖާގަ އޮތް ކަމަކަށް އަޅުގަނޑު ނުދެކެން." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ފޮޓޯ އުފެދިފަ އޮތް ގޮތާ އުފެދިފައި އޮތް ހަމަތައް ދެނެނުގަނެ އެހެން މީހެއްގެ އަބުރާ އިއްޒަތަށް ގެއްލުން ލިބޭ ގޮތަށް އެއްވެސް ކަމެއް، ދައުލަތުގެ އެއްވެސް މުއައްސަސާއެއް ކުރުމަކީ މި ރާއްޖޭގެ އުސޫލުތަކާ ހަމަތަކާ އާދަކާދަ ޖާގަދޭ ކަމެއް ވެސް ނޫން ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމަށްފަހު މިއަދުގެ އެޖެންޑާގައި ހިމެނޭ ހައުސިންގް މިނިސްޓަރާ ސުވާލު ކުރުމަށް ފުރުސަތު ދިނެވެ. މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިނިސްޓަރާ ސުވާލު ކުރަން އެޖެންޑާ ކުރެވިފައިވީ ނަމަވެސް ކުއްލި މައްސަލަ ބަލައިނުގަތުމުން ދެ މެންބަރުން ވެސް ވަނީ ސުވާލު ކުރުމަށް އިންކާރު ކުރައްވާފައެވެ.

މައްސަލަ ހޫނުވެ އެންމެ ފަހުން މިނިސްޓަރު އަސްލަމް ވަނީ މަޖިލީހުގެ ތަޅުން ދޫކޮށް ގޮސްފައެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައިވަނީ އެއްޖިންސުން ގުޅުން ހިންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ހުއްދަ ނުދޭ ކަމަކަށް ވާއިރު ވަކި ފަރާތަކަށް ބެލުމެއް ނެތި އެ މައްސަލަތައް ބަލައި ދޭން އެދޭ ކަމަށެވެ.

މަޖިލިސް ހޫނުވެ، އިދިކޮޅު މެމްބަރުން ވަނީ އިދާރީ މުވައްޒަފުންނާއި ރިޔާސަތުން އިންނަވާ މޭޒު ކައިރިއަށް އެއްވެފައެވެ. އެހެންވެ ނަޝީދު ވަނީ މަޖިލިސް މެދުކަނޑަލައްވައިފައެވެ. މަޖިލިސް އަލުން ފެށީ ހުސްވަގުތު ކޮޅަކަށް ފަހުއެވެ.

ހުކުރު ދުވަހު ބިދޭސީ ފިރިހެނަކާއެކު ރައީސް ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު، ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ވަނީ ދައުރުވާން ފަށާފައެވެ.

އެންމެ ފަހުން ދައުރުވާން ފަށާފައިވަނީ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ފޮޓޯއެކެވެ.

comment ކޮމެންޓް