މާލޭ މީހުން ކަނޑައެޅުމުގެ ޝަރުތެއް ބާތިލް ކުރަން ކޯޓަށް ދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތައް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 3000 ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލިއިރު، މާލޭގެ ރަށްވެހިން ކަމަށް ބަލާ މިންގަނޑު ގޯސް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ވެއްދުމަށް ގާނޫނީ ވަކީލަކު ނިންމައިފިއެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ވަކި ހާއްސަ ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އަދި، އަމިއްލަ ގޮތުންނާއި، ގިނަ ބަޔަކު ބައިވެރިވެގެން ވެސް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތަށް ބައިވެރިވެގެން ހުށަހެޅޭނީ އެއް އާއިލާއެއްގެ މީހުން ނުވަތަ އެއް ގޯއްޗެއްގެ ބެހެނިވެރިން ކަމުގައިވާ މީހުންނަށެވެ. އެ އެންމެންގެ ޝަރުތު ވެސް ފުރިހަމަ ވާންޖެހެއެވެ.

އޭގެ ތެރެއިން އެއް ޝަރުތަކީ އެ މީހަކީ ދުވަހަކު ވެސް މާލޭ ފިޔަވާ އެހެން ރަށެއްގައި ރަޖިސްޓްރީ ވެފައިވާ މީހަކު ކަމުގައި ނުވުމެވެ. އެއާއެކު ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި އެހެން ރަށްރަށުގައި ރަޖިސްޓްރީ ވެފައިވާ މާލޭ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލެއެވެ.

ގާނޫނީ ވަކީލު ޝިހާދު އިބްރާހީމް، "ސަން"އަށް މިއަދު ވިދާޅުވި ގޮތުގައި މާލެ ފިޔަވާ އެހެން ތަނެއްގައި އެއްވެސް އިރަކު ރަށްވެހިވެފައި ނުވުން ޝަރުތެއްގެ ގޮތުގައި ހިމަނާފައި ވުމުން ގިނަ ބައެއްގެ ހައްގު ގެއްލެއެވެ. އެހެން ކަމުން އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަ ބައެއް އަސްލު މާލޭ ރައްޔިތުން ވެސް އެބަތިބި ކުރިން އަތޮޅު ތެރޭގައި ރަޖިސްޓްރީގައި ޖެހިފައި. މިސާލަކަށް މަންމަ މާލެ އަދި ބައްޕަ އަތޮޅު ތެރޭނަމަ ބައްޕަ ރަށުގައި ރަޖިސްޓްރީގައި ޖެހިފައި އެބަތިބި. މިއީ އަސްލު މާލޭ މީހުން. އެ މީހުންނަށް އެބަ ހައްގު ގެއްލޭ މިހާރު އޮތް ގޮތުން،" ޝިހާދު ވިދާޅުވިއެވެ.

އަސާސީ ހައްގެއް މާނަ ކުރަން ޖެހޭނީ ވަރަށް ރަނގަޅަށް ކަމަށާއި މިހާރު އެއޮތް ގޮތުން ހައްގު ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އަންނަ އާދިއްތަ ހިސާބުގައި ކޯޓުގައި އެދޭނެ ކަމަށް ޝިހާދު ވިދާޅުވިއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް ލިބޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަ ފޫޓެވެ. އެޕްލިކޭޝަނުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލާ ގޯތީގެ ސައިޒު ބޮޑުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ ބޮޑު ސައިޒެއްކަމަށް ކަނޑައަޅާފައިވަނީ 4000 އަކަފޫޓެވެ.

ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް

  • މާލެ ފިޔަވާ އެހެން ތަނެއްގައި އެއްވެސް އިރަކު ރަށްވެހިވެފައި ނުވުން
  • އުމުރުން 18 އަހަރު ފުރިފައިވުން
  • އަމިއްލަ ނަމުގައި ރެޖިސްޓްރީވެފައި އޮތް 600 އަކަ ފޫޓަށްވުރެ ބޮޑު ގޯއްޗެއް މާލެ ސަރަހައްދުގައި ނެތުން
  • އަމިއްލަ ނަމުގައި ރެޖިސްޓްރީވެފައި އޮތް 600 އަކަ ފޫޓަށްވުރެ ކުޑަ ގޯއްޗެއް މާލެ ސަރަހައްދުގައި އޮތް ނަމަ، އުސޫލުގެ ދަށުން ދޫކޮށްލުން
  • ސަރުކާރުގެ ސޯޝަލް ހައުސިން ލިބިފައި ނެތުން
  • މާލެ ސަރަހައްދުގައި ވާރުތައިން ލިބެން އޮތް ބަންޑާރަ ބިން ދޫކޮށްލުން
  • މާލެ ސަރަހައްދުގައި އަމިއްލަ ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައި ނުވުން

އެ 3000 ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުންދާ 4000 ފްލެޓަށް ވެސް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

ފްލެޓަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް

  • ދިވެހި ރައްޔިތަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވުން
  • މާލޭގެ ރަށްވެއްސެއްގެ ގޮތުގައި، ނުވަތަ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވުން
  • ކުރިމަތިލާ ފަރާތްތަކަކީ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ގަނެފައިވާ، ނުވަތަ ގަންނަން އެއްބަސްވެ، ފައިސާ ދައްކަން ފަށާފައިވާ ފަރާތަކަށް ނުވުން
  • މާލޭގައި ދިރިއުޅުމަށް ހޯދާފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް މީހަކަށް ދީ، ނުވަތަ ވިއްކާފައިވާ ފަރާތަކަށް ނުވުން
    ސަރުކާރުގެ ސޯޝަލް ހައުސިން މީގެ ކުރިން ލިބިފައި ނުވުން
  • ކުރިމަތިލާ ފަރާތްތައް ވަކިން، ޖުމްލަ އާމްދަނީ 60،000އަށްވުރެ އިތުރު ނުވުން

މާލޭ ރައްޔިތުންނަށް ބިމާއި ފްލެޓް ހާއްސަ ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

comment ކޮމެންޓް