ރާއްޖޭގެ ކުރިއެރުމުގައި ޕްރައިވެޓް ސުކޫލްތަކުން މުހިއްމު ދައުރެއް އަދާކުރޭ: ނައިބު ރައީސް

ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ކުރިއެރުމުގައި ޕްރައިވެޓް ސުކޫލުތައް މުހިއްމު ދައުރެއް އަދާކުރާކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކެންގަރޫ ކިޑްސް ޕްރީ ސުކޫލުގެ ގްރެޖުއޭޝަން 2021-2022 ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މުޖުތަމައުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި ޕްރައިވެޓް ސުކޫލުތަކާއި ޕްރައިވެޓް ޕްރީ ސުކޫލުތަކުން އަދާކުރާ ދައުރު ވަރަށް މުހިއްމުކަމަށެވެ. އަދި ތައުލީމީ ޖީލެއް ބިނާކުރުމުގައި އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން މުހިއްމު ދައުރެއް އަދާކުރާ ކަމަށް ވިދާޅުވިއެވެ.

ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންނެވުން -- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ވަނީ ޤައުމު ކުރިއެރުވުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިގޮތުން ތައުލީމީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވިޔަސް ކުރިއެރުންތައް ހޯދޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުންކަން ފާހަގަކުރައްވާފައެވެ.

ތުއްތުކުދިންނަކީ އެކުދިންނަށް ފެންނަ މަންޒަރުތަކާއި އިވޭއަޑުތައް ނަކަލުކުރާ ބައެއްކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ހިނގާ ނުރަނގަޅު ޢަމަލުތަކުން ކުދިން ސަލާމަތްކޮށް، މައިންބަފައިންނާއި މުދައްރިސުންނަކީ ތުއްތުކުދިންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

އެ ރަސްމިއްޔާތަށް ނައިބު ރައީސް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ކެންގަރޫ ކިޑްސް ޕްރީ ސުކޫލުގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.

ކެންގަރޫ ކިޑްސް ޕްރީ ސުކޫލުގެ ފަރާތުން ނައިބު ރައީސަށް ހަނދާނީ ފިލައެއް ވެދުމަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން ހިންގާ ކެންގަރޫ ކިޑްސް ޕްރީ ސުކޫލުގެ އެސްކޭޖީގެ 11 ކުލާހެއްގެ ދަރިވަރުންގެ ތެރެއިން އެސްކޭޖީ ހަތެއް، ދިހައެއް އަދި އެގާރައިގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވެސް ނައިބު ފައިސަލް ނަސީމެވެ.

comment ކޮމެންޓް