ހަމަލާ ދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި, އަތުގައި އޮތީ ވަޅިއެއް ކަމެއް ނޭނގެ: ކައްކާ

ހަމަލާ ދެވުނީ އަމިއްލަ ނަފްސްގެ ދިފާއުގައި ކަމަށް ޚާންޖީ ރެސްޓޯރެންޓުގެ ކައްކާ ވަނީ ބުނެފަ ---

ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓުގެ ވެއިޓަރަށް ހަމަލަދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް އެ ރެސްޓޯރެންޓުގެ ޕާކިސްތާނުގެ ކައްކާ، މުޙައްމަދު އާބިދު ބުނެފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މޭ މަހުގެ 16 ވަނަ ދުވަހު އިރު އޮއްސުނު ވަގުތު ޚާންޖީ ރެސްޓޯރެންޓު ތެރޭގައެވެ. އަނިޔާ ލިބުނު އެމްޑީ ޝަމީމް މަރުވީ ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި ފަޔަށް ވަޅިން ހަމަލާދީފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އާބިދުގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އާބިދުގެ ފަރާތުން ދިފާއީ ވަކީލް ވަނީ ދައުވާއަށް އޭނާގެ މުވައްކިލު އިންކާރު ކުރާ ކަމަށް ބުނެފައެވެ.

ދައުވާއަށް އާބިދު އިންކާރު ކުރަނީ, އޭނާއަށް ހަމަލާ ދިނީ ގަސްތުގައި މަރާލުމުގެ ނިޔަތް އޮވެގެން ނުވާތީ ކަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ.

ވެއިޓަރަށް ހަމަލާ ދިނުމުގެ ކުރިން އެ ދެ މީހުންގެ ދެމެދުގައި ޒުވާބެއް ހިންގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް އޮތީ ހިނގާފައެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އާބިދު ބޮލުގައި ޖެހުމުގެ ސަބަބުން ހުރީ ވަރަށް ބޮޑަށް 'ބުރާންތި' ވެފައި ކަމަށް ވަނީ ބުނެފައެވެ.

"މޫނަށް ވެސް ޒަހަމްތަކެއް ލިބިފައި އޭނާ (އާބިދު)އަށް ނުވެސް ފެނޭ. އޭނަގެ އަމިއްލަ ނަފްސުގެ ދިފާއަށްޓަކައި އަތް ހޫރާލި ވަގުތު ޖެހުނީ. އެވަގުތު ޔަގީންކަމެއް ނުލިބޭ އަތުގައި އޮތީ ވަޅިއެއް ކަމެއް ވެސް," ވަކީލް ވިދާޅުވިއެވެ.

ދައުވާއަށް އާބިދު އިންކާރު ކުރުމުން ދައުލަތުން ވަނީ އެ ކުށް އޭނާގެ މައްޗަށް ސާބިތު ކުރުމަށް ހެކިތަކެއް ހުށަހަޅާނެ ކަމަށް ބުނެފައެވެ. އަދި ދިފާއުން ހެކިތަކެއް ހުށަހެޅުމަށް ހުރި ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޑީ ޝަމީމަށް ހަމަލާ ދިނުމަށް ފަހު އާބިދު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ އެ ރޭ، މެންދަމުން އަލިވެ، 02:30 ހާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ.

comment ކޮމެންޓް