ބަންގްލާދޭޝްގައި މިހާތަނަށް ބިނާކުރި އެންމެ އަގުބޮޑު އަދި ދިގު ބުރިޖު އިފްތިތާހުކޮށްފި

ޕަދުމާ މަލްޓިޕާޕަސް ބްރިޖު

ދާކާ (26 ޖޫން 2022): ބަންގްލާދޭޝްގައި މިހާތަނަށް ބިނާކުރި އެންމެ އަގުބޮޑު އަދި އެންމެ ދިގު ބުރިޖު އިއްޔެ އިފްތިތާހުކޮށްފިއެވެ.

ޕަދްމާ މަލްޓިޕާޕަސް ބުރިޖުގެ ނަމުން ނަންދީފައިވާ މިބުރިޖަކީ ވެރިރަށް ދާކާއާ އެގައުމުގެ ދެކުނުގެ ރައްފުށުގެ ގިނަ ސަރަހައްދުތަކެއް ގުޅުވާލަދޭ ބްރިޖެކެވެ. މިހާރު ހުރި މަގުތަކުން ދާކާއިން މިސަރަހައްދުތަކަށް ދެވޭނީ ގާތްގަނޑަކަށް 100 ކިލޯމީޓަރު ހުރަސްކޮށްފައެވެ. އެކަމަށް 16 ގަޑީއިރާއި 22 ގަޑީއިރާ ދެމެދުގެ ވަގުތެއް ހޭދަވެއެވެ. އެއީ ޕަދުމާ ކޯރު ވަށާލައި ދާންޖެހޭތީއެވެ.

ނަވެސް ޕަދްމާ ކޯރު ހުރަސްކޮށް ދާކާއާއި ބަންގްލަދޭޝްގެ ދެކުނުގެ ސަރަހައްދުތައް ގުޅާލާގޮތަށް ބިނާކުރި މިބުރިޖުން 100 ކިލޯމީޓަރުގެ މިރާސްތާ މިހާރުވަނީ 6.5 ކިލޯމީޓަރަށް ކުރުވެގެން ގޮސްފައެވެ. ކުރިން 16 ގަޑީއިރާއި 22 ގަޑީއިރާ ދެމެދުގެ ވަގުތު ހޭދަވާއިރު މި ބްރިޖު ބޭނުންކޮށްގެން މިރާސްތާ ކަޑައްތު ކުރުމަށް ނަގަނީ ގިނަވެގެން 10 މިނިޓާއި 20 މިނިއްޓާ ދެމެދުގެ ވަގުތެކެވެ.

ޝައިޚް ހަސީނާ ، ޕަދުމާ ބްރިޖް އިފްތިތާހު ކޮށްދެއްވަނީ

ޕަދުމާ ބުރިޖް އިފްތިތާހު ކޮށްދެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވާޖިދެވެ. ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަސީނާ ވިދާޅުވީ މިއީ އެއްވެސް ފަރާތެއްގެ ލޯން އެހީއާ ނުލައި ބަންގްލަދޭޝްގެ ގައުމީ ބަޖެޓުން ބިނާކުރި ބްރިޖެއްކަމުގައެވެ.

މި ބްރިޖަކީ ބަންގަލަދޭޝްގެ ބަލިކަށި އިންފްރާސްޓްރަކްޗާ ޒަމާނީ ކުރުމުގެ މެގަ މަޝްރޫޢެއްކަމަށް ސިފަކުރައްމުން ހަސީނާ ވިދާޅުވީ މިއީ ބޭރުގެ އެހީއާ އަދި ލޯނާވެސް ނުލައި ބަންގްލަދޭޝް ރައްޔިތުންގެ އަމިއްލަ ފައިސާއިން ބިނާކުރި ބުރިޖެއްކަމުގައެވެ. ބަންގްލަދޭޝްގެ ރައްޔިތުންގެ އަމިއްލަ ފައިސާއިންވެސް ބިޔަ އަދި ބޮޑެތި މަޝްރޫއުތައް ހިންގޭނެކަން މި ބުރިޖުގެ ސަބަބުން ދުނިޔެއަށް ހާމަވެގެން ދިޔަކަން ހަސީނާ އުފަލާއެކު ފާހަގަ ކުރެއްވިއެވެ.

ޕަދުމާ ބްރިޖު ބިނާކުރީ ޗައިނާގެ ކުންފުންޏެއްކަމަށްވާ "ރޭލްވޭ މޭޖާ ބްރިޖް އިންޖިނިއަންރިން ގްރޫޕް" (އާރްއެމްބީއީޖީ) އިންނެވެ. އެކުންފުނިން މިމަސައްކަތްކުރީ ބިޑު އުސޫލުން ހޮވިގެން ކޮންޓްރަކްޓަރެއްގެ ގޮތުންނެވެ. ޗައިނާގެ ލޯން ފައިސާގައި ނޫނީ ޗައިނާގެ ހިލޭ އެހީގައެއްނޫނެވެ.

ޕަދުމާ މަލްޓިޕާޕަސް ބްރިޖު

ޕަދުމާ ބްރިޖުގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. މި ބުރިޖުން ބަންގްލަދޭޝްގެ 21 ސަރަހައްދެއް ވެރިރަށް ދާކާއާ ގުޅާލަދެއެވެ. މި ބުރިޖުގެ ސަބަބުން ބަންގްލަދޭޝްގެ މަދަނީ އިފްރާސްޓަރަކްޗާ ވަރުގަދަވެ އިގްތިސާދީ ހަރަކާތްތައް ވަރަށް ބޮޑަށް އަވަސްވެ އިގްތިސާދަށް ހެޔޮބަދަލެއް އަންނާނެއެވެ.

ޕަދުމާ ބްރިޖުގައި ހަތަރު ލޭނުގެ މަގަކާއި ރޭލްވޭ އެއް ހިމެނޭއިރު އެ ބުރިޖުގެ ޚަރަދަކީ 3.6 ބިލިޔަން އެމެރިކާ ޑޮލަރެވެ.

ޕަދްމާ ބްރިޖު ބިނާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބަގްލަދޭޝްގެ ސަރުކާރުން ވޯލްޑް ބޭންކާއި އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)އާ އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)އާވެސް މަޝްވަރާ ކުރިއެވެ. ނަމަވެސް މިއިން އެއްވެސް ފަރާތަކުން އެކި ސަބަބުތަކާ ގުޅިގެން މިމަޝްރޫއަށް ލޯންދޭކަށް އެއްބަހެއް ނުވިއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑު އިނިޝީއޭޓިވުގެ ދަށުން ޗައިނާގެ ލޯން އެހީގައި ބަންގަލަދޭޝްގައި ހައިވޭތަކާއި ކުދި ބުރިޖުތަކާއި މަގުތަކާއި ބަނދަރުތައް ބިނާކުރަމުން އެބަގެންދެއެވެ. ނަމަވެސް ޕަދުމާ ބްރިޖަކީ ބެލްޓް އެންޑް ރޯޑު އިނިޝީއޭޓިވުގެ ދަށުން ޗައިނާގެ އެހީގައި ބިނާކުރި ބުރިޖެއް ނޫނެވެ.

comment ކޮމެންޓް