ދައުރުކުރަމުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް: ސައްލެ

ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް -- ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޤާނޫނުތަކުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ އަދި އިސްލާމީ ޝަރިއަތުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ޢަމަލެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާއޭ ކިޔައިގެން ފަތުރަމުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސައްލެ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވާންފެށި އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްގައި ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާޙީމް ކަމަށް ތުހުމަތު ކުރެވޭ މީހަކާއެކު ދެން ފެންނަ މީހަކީ ސައްލެ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ކުރާ ތުހުމަތުގެ ދިފާއުގައި ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ސައްލެ ވިދާޅުވެފައި ވަނީ އޭނާއަކީ އެތައް ރައްޔިތުންނެއް ތަމްސީލު ކުރަމުން އަންނަ މެންބަރަކަށްވާއިރު އޭނާއަށް ރައްދުވާ ގޮތަށް އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ފާހިޝް ޢަމަލެއް ހިންގި ކަމަށް ބުނެ، ލިޔެފައިވާ ލިޔުމުގައި ފާހަގަ ކޮށްފައިވާ ކަންކަން ބެލެން އޮތް އެންމެ ރަނގަޅަކަށް ބަލައިދިނުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އެ ވީޑިއޯއިން ނުވަތަ ފޮޓޯއިން ފެންނަ އެއް ފަރާތަކީ ކަނޑައެޅިގެން ކޮން ފަރާތެއްކަން އެނގޭ ހާލަތުގައި އެމީހަކާއެކު އެފަދަ ޢަމަލެއް ހިންގުމުގައި ބައިވެރިވި ފަރާތް، ނުވަތަ ފަރާތްތައް ދެނެގަތުމަކީ ފުލުހުންގެ ޤާބިލުކަމަށް ބަލައިއިރު ދާދި ފަސޭހަ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު ނުކުރާ ކަމެއް އެއީ ނުކުރާ ކަމެއް. އެއީ ނުކުރާ ކަމެއް ކަމަށް ސާބިތު ކުރުމަށް އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތްއިރު އެފަދަ ކަމެއް ހިނގި ކަމަށް ބުނާ މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދީ ވިސްނައިދިނުމަކީ ތިޔަ މުއައްސަސާގެ ޒިންމާއެއް ކަމަށް އަޅުގަނޑު ދެކެން،" ސައްލެގެ ސިޓީގައިވެއެވެ.

ސައްލެ ވިދާޅުވީ އޭނާ ފާހިޝް ޢަމަލެއް ހިންގި ކަމަށް ބުނާ މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް، އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ ކުޑަ ނަމަވެސް ހެއްކެއް ލިބިއްޖެ ނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށެވެ. އަދި އޭނާއަށް ކޮށްފައިވާ ތުހުމަތުތައް އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށްފަހު އެކަމުގެ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރަން އެދޭ ކަމަށް ވެސް ސައްލެ ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހުން ފަށައިގެން މީސްމީޑިއާގައި މިވަނީ އިއްޒަތްތެރި ބައެއް ބޭބޭފުޅުން، ބަދުއަޚުލާޤީ ޢަމަލުހިންގާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ އާއްމުކުރަން ފަށާފައެވެ.

އެގޮތުން ހުކުރު ދުވަހަށް އިރު އެރީ ބިދޭސީ ފިރިހެނަކާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި މަޝްހޫރު ޤާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހަކު، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނިކޮށެވެ.

އެއަށްފަހު، އެމްވީލީކް، 2.0ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކުން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރެވެ.

ނާޒިމްގެ މި ވީޑިއޯ އާއްމު ކުރުމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުޤީގު މީގެ ކުރިން ވަނީ ފަށާފައި ކަމަށެވެ.

ސޯޝަލް މީޑިއާގައި އެއީ ކާކުކަން ނޭނގޭ އެކައުންޓަކުން ބުނަމުން އަންނަނީ އޭނާގެ އަތްދަށުވެ، ބްލެކްމެއިލް ވެފައި ތިބި މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ އިތުރުން އެމީހުންގެ ދަރިން ވެސް ހިމެނޭ ކަމަށެވެ. އަދި އެމީހުންގެ ވީޑިއޯއާއި ފޮޓޯތައް ވަކި ތަރުތީބަކުން އާއްމު ކުރަމުން ގެންދާނެ ކަމަށް ބުނެ ބިރުދައްކާފައިވެއެވެ.

comment ކޮމެންޓް